ރ. ވާދޫ ސްކޫލްގެ ކުދިންގެ އަޚުލާގު ގޯސްވާ މައްސަލަ ބޮޑުވުމުން "ކާފިއު"އެއް ހިމެނޭހެން ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ވާދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކުށް މަދު، ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަކީ އެ ކައުންސިލްގެ އެއް ލަނޑުދަނޑިއަށް ވީ ހިނދު، އެ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދުމަށް ކައުންސިލުން ބޭނުންވާ ކަމަށެވެ. އެގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަށް މަދަރުސީ ދައުރުގައި ކުދިންނަށް ދެވޭ ތަރުބިއްޔަތު މުހިންމު ރޯލެއް އަދާކުރާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ނަމަވެސް އެ ކުޑަކުޑަ މުޖުތަމައުގެ ބައެއް ދަރިވަރުންގެ ފަރާތުން ކަންބޮޑުވާން ޖެހޭ ފަދަ އަމަލުތަކެއް ފެންނަމުންދާ ކަމަށް އެ ކައުންސިލުން ބުންޏެވެ. އެގޮތުން ފާހަގަކުރެވުނު މައްސަލަތަކަށް ރިއާޔަތްކުރުމަށްފަހު އެކަންކަން ހައްލުކުރުމަށް ކައުންސިލުން ވަނީ ބައެއް ކަންކަން އިލްތިމާސްކޮށްފައެވެ. އެ ކަންކަމަކީ:
- ބެލެނިވެރިޔަކާ ނުލައި، ރޭގަނޑު 21:00 ގެ ފަހުން ބޭރުގައި ނޫޅުން.
- އިރު އޮއްސުމަށްފަހު މައިޒާންތަކާއި، ޕާކުތައް އަދި އިޖުތިމާއީ ގޮތުން ތަރައްގީކުރެވިފައިވާ ބީޗުތައް ބޭނުން ނުކުރުން.
- އިރު އޮއްސުމަށްފަހު ކުޅިވަރު ކުޅޭ އެއްވެސް ތަނެއް ބޭނުން ނުކުރުން.
- ނަމާދު ވަގުތުތަކުގައި ކުޅިވަރު ކުޅޭ ތަންތަނުގައި ކުޅިވަރުގެ ހަރަކާތްތައް ނުހިންގުން.
- ބެލެނިވެރިޔަކާ ނުލައި ކަނޑުތޮއްޓަށް ނޭރުން.
- ބެލެނިވެރިޔަކާ ނުލައި ރަށުން ބޭރަށް ދަތުރުނުކުރުން.
- އުޖޫރައެއް ހޯދުމަށް ނުވަތަ އެ ނޫން ވެސް ބޭނުމެއްގައި އުމުރާ ނުގުޅޭ މަސައްކަތް ނުކުރުން.
- ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ގަނެ ވިއްކުމުގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިނުވުން.
ވާދޫ ކައުންސިލުން ބުނީ މި ކަންތައްތަކާ ޚިލާފުވާ ދަރިވަރުންގެ ކަންކަން މިހާރަށްވުރެ ގާތުން ބަލައި، ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
"ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ސްކޫލް ކުދިންގެ އަމަލުތައް ބެހެއްޓުމަށް ހަނދާންކޮށްދީ ނަސޭހަތްތެރިވަން. އަދި ކުދިންގެ މިފަދަ ކަންކަމުގައި އިތުރަށް ފަރުވާތެރިވުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރަން،" ވާދޫ ކައުންސިލްގެ އިއުލާނުގައި ބުންޏެވެ.