އޯޕަންއޭއައިގެ އޭއައި އޭޖެންޓެއް އޮސްޓްރޭލިއާ ސަރުކާރުގެ ސިއްޙީ ތަފާސްހިސާބުތައް ހިމެނޭ ޕޯޓަލްއަކަށް ހުއްދަނެތި ވަދެ، އެ ތަނުގައި ހުރި ފައިލްތަކަށް ވާސިލްވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.
މިއީ އޭއައި އޭޖެންޓެއް ސަރުކާރެއްގެ ވެބްސައިޓެއް ހެކްކުރި ކަމަށް އެނގިފައިވާ ފުރަތަމަ ހާދިސާ ކަމަށް ބެލެވެއެވެ. އެމެރިކާއިން ބޭރުގައި އޭއައި އޭޖެންޓެއް މިފަދަ ބޭރުގެ ނިޒާމަކަށް ހުއްދަނެތި ވަދެފައިވާ މިއީ އެންމެ ބޮޑު އެއް ހާދިސާ ކަމަށްވާއިރު، މި ފަހަކަށް އައިސް އަމިއްލައަށް އަމަލުކުރާ އޭއައި އޭޖެންޓްތަކުގެ މައްސަލަތައް އިތުރުވެ، ސަރުކާރުތަކާއި ކުންފުނިތަކުގެ ކަންބޮޑުވުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ނިއުޔޯކްގައި ބޭއްވި އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޯޕަންއޭއައިގެ އޭޖެންޓް ހުއްދަނެތި ވަދެފައިވަނީ އޮސްޓްރޭލިއާގެ އާންމު ސިއްޙީ އިންޝުރަންސް ޕްރޯގްރާމް "މެޑިކެއާ" ގެ މެޑިކަލް ސްޓެޓިސްޓިކްސް ޕޯޓަލްއަށް ކަމަށެވެ. އެ އޭޖެންޓް މި ޕޯޓަލްއަށް ވަދެފައިވަނީ އާންމު ސިއްޙީ ހަރަދުތަކާ ބެހޭ ދިރާސާއެއް ކުރަމުންދަނިކޮށެވެ. އަދި މިހާތަނަށް ލިބިފައިވާ ހެކިތަކުން މުޅި ނެޓްވޯކްގެ ރައްކާތެރިކަން ގެއްލިފައިނުވި ނަމަވެސް، މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
މި ހާދިސާގެ ތަހުގީގުތައް އަދިވެސް ކުރިއަށްދާއިރު، އޮސްޓްރޭލިއާއިން ވަނީ އޯޕަންއޭއައިގެ ސީއީއޯ ސޭމް އަލްޓްމަންއަށް މިއީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަން އަންގައިފައެވެ. ބޮޑުވަޒީރު އަލްބަނީޒް ވަނީ މި ހާދިސާ ޖޫން މަހު ހިނގާފައިވީ ނަމަވެސް، އޯޕަންއޭއައިއިން ސަރުކާރަށް އެކަން އެންގުން ލަސްކުރުމުން އެކަމާ ހިތާމަކުރައްވާކަން ހާމަކުރައްވާފައެވެ. އެގޮތުން އޯޕަންއޭއައިއިން އެކަން ސަރުކާރަށް އަންގާފައިވަނީ ސެޕްޓެމްބަރު 10 ވަނަ ދުވަހުއެވެ. މީގެއިތުރުން ސަރުކާރުގެ ސެކިއުރިޓީ ނިޒާމަށް އެކަން ފުރަތަމަ ފާހަގަނުކުރެވުނީ ކީއްވެގެންކަން ތަހުގީގުކުރާނެ ކަމަށާއި، ސިއްޙަތާ ގުޅުންހުރި ސަރުކާރުގެ އިތުރު ތިން ވެބްސައިޓަކަށްވެސް މި އޭޖެންޓުގެ އަސަރުކޮށްފައިވުން އެކަށީގެންވާ ކަމަށް ބޮޑުވަޒީރު އިންޒާރު ދެއްވިއެވެ.
އޮސްޓްރޭލިއާގެ މިނިސްޓަރު ފޯ ގަވަމަންޓް ސާވިސަސް ކެޓީ ގަލަގާ މީޑިއާއާ ވާހަކަ ދައްކަވަނީ --- ފޮޓޯ: ރޮއިޓާސްމިކަމާ ގުޅިގެން އޯޕަންއޭއައިއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ކުރި ދިރާސާއިން ބަލިމީހުންގެ އެއްވެސް ރެކޯޑަކަށް ވާސިލްވެފައިވާ ކަމުގެ ހެއްކެއް ފެނިފައިނުވާ ކަމަށެވެ. އަދި އެ ކުންފުނީގެ މޮޑެލްތަކުން ސުވާލުތަކުގެ ޖަވާބު ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް އޮސްޓްރޭލިއާ ސަރުކާރުގެ ބައެއް ވެބްސައިޓްތަކާއި ޚިދުމަތްތަކާ ގުޅުންހުރި ހަރަކާތްތަކެއް ހިންގިފައިވާ ކަމަށާއި، މިއީ އެ ކުންފުނިން ގަސްދުކޮށްގެން ކުރުވި ކަމެއް ނޫން ކަމަށްވެސް އޮޕަންއޭއައިއިން ބުނެފައިވެއެވެ.
މި ހާދިސާ ހިނގި ގޮތުގެ ތަފްސީލު ދެއްވަމުން ބޮޑުވަޒީރު އަލްބަނީޒް ވިދާޅުވީ، ސިސްޓަމުން އޭއައި އޭޖެންޓަށް ވަނުން މަނާކޮށް ("ނޫނެކޭ" ބުނެ) ބްލޮކްތައް ކުރިމަތިކުރި ނަމަވެސް، އޭއައި އޭޖެންޓް ވަނީ އެ ބްލޮކްތައް ގިރާކުރާނެ މަގެއް ހޯދައި، އެ ހުރަސްތަކަށް އިންކާރުކޮށް ސިސްޓަމަށް ވަދެފައެވެ. ނަމަވެސް އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ރިޗަޑް މާލްސް ވިދާޅުވީ، ހެކްކުރެވުނު މެޑިކެއާ ޕޯޓަލްގައި އޮސްޓްރޭލިއާގެ 27 މިލިއަން ރައްޔިތުންގެ އަމިއްލަ މެޑިކަލް ކްލެއިމްތައް، އިނާޔަތްތައް ދެއްކި ރެކޯޑްތައް، ބޭންކިން ތަފްސީލުތައް ނުވަތަ ބަލިމީހުންގެ މެޑިކަލް ތާރީޚެއް ނުހުންނާނެ ކަމަށެވެ. އެ ވެބްސައިޓުގައި ހުންނާނީ މުޅި ގައުމުގެ ސިއްޙީ ޚިދުމަތްތައް ބޭނުންކޮށްފައިވާ ގޮތުގެ އެއްކުރެވިފައިވާ (އެގްރިގޭޓެޑް) އާންމު ތަފާސްހިސާބުތައް އެކަންޏެވެ.
މި ހާދިސާއާ ގުޅިގެން އޮސްޓްރޭލިއާ ސަރުކާރުން ވަނީ ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި، މި މައްސަލަ ތަހުގީގުކުރުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތައް ހުއްޓުވުމަށް މިހާރު ހުރި ނެޓްވޯކް ސެކިއުރިޓީ ފުދޭތޯ ބަލަން ފަށާފައެވެ. މި މައްސަލައިގެ ސަބަބުން އޮސްޓްރޭލިއާއާއި އެމެރިކާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކާ ދެމެދު އޮތް ހިތްހަމަނުޖެހުންތައް ވަނީ އިތުރަށް ބޮޑުވެފައެވެ. އޮސްޓްރޭލިއާއިން ވަނީ އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމާއި، ފީޑްތަކުން އެލްގޮރިޒަމް އޮފް ކުރެވޭގޮތް ހެދުމަށް ގާނޫނުތައް ހަދައި، އެމެރިކާގެ ޓެކް ކުންފުނިތަކާއި ވޮޝިންގޓަންގެ ފާޑުކިޔުންތައް ކުރިންވެސް އަމާޒުވެފައެވެ.
މި ހާދިސާ ސަރުކާރުން ހާމަކުރި ދުވަހަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އޭއައި ކުންފުނިތަކުން އިންސާނިއްޔަތަށް އޭއައިގެ ސަބަބުން ހުރި ނުރައްކާތަކާ މެދު އދ. ގެ ސެކިއުރިޓީ ކައުންސިލަށް އިންޒާރުދީ، މި ޓެކްނޮލޮޖީ ކޮންޓްރޯލްކުރުމަށް ސަރުކާރުތަކުން ގުޅިގެން މަސައްކަތްކުރުމަށް އެދުނު ދުވަހެވެ. މިއީ އޮޕަންއޭއައިގެ އޭއައި އޭޖެންޓްތަކާ ގުޅުންހުރި ހެކިން ނުވަތަ ހުއްދަނެތް ހަރަކާތްތައް ހިނގިތާ ގިނަ ދުވަސްތަކެއް ފަހުން އެ ކުންފުނިން ހާމަކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެއިތުރުން އޮންތްރޯޕިކް، ގޫގުލްގެ ޖެމިނައި އަދި މެޓާ ފަދަ ވާދަވެރި ކުންފުނިތަކުގެ އޭޖެންޓްތައްވެސް ބޭރުގެ ސިސްޓަމްތަކަށް ހުއްދަނެތި ވަދެފައިވާ ހާދިސާތައް މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
ކޭމްބްރިޖް ޔުނިވާސިޓީގެ ސެންޓަ ފޯ ދަ ސްޓަޑީ އޮފް އެގްޒިސްޓެންޝަލް ރިސްކްގައި މަސައްކަތްކުރައްވާ އޮސްޓްރޭލިއާގެ ހިސާބު އިލްމުވެރިއެއް ކަމަށްވާ މޯރިސް ޗިއޯޑޯ މާނަކުރެއްވި ގޮތުގައި، މި ހާދިސާއަކީ ފަހުގެ ތާރީޚެއްގައި ފެނުނު މިފަދަ ހާދިސާތަކަށްވުރެ މާ ނުރައްކާތެރި އަދި ސީރިއަސް މައްސަލައެކެވެ. އަދި އޭއައިއާ ގުޅޭ އާ ގާނޫނުތައް ހެދުމުގެ ކުރިން، ކޮމްޕިއުޓަރު ސިސްޓަމްތަކަށް ހުއްދަނެތި ވަނުން ކުށްވެރިކުރާ މިހާރުވެސް ހުރި ގާނޫނުތައް ތަންފީޒުކުރުމަށް ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކުން އިސްކަންދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.