ރާއްޖޭގެ ސްކޭމް ރިކަވަރީ، ނުވަތަ މަކަރާއި ހީލަތުގެ ސަބަބުން ލިބޭ ގެއްލުން އިޔާދަ ކުރެވޭ މިންވަރަކީ، "ގްލޯބަލް ބެސްޓެއް" ކަމަށާއި މި ގައުމާ ވާދަކުރަނީ އިނގިރޭސިވިލާތާއި އެމެރިކާއާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 1،584 ސްކޭމް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކުގެ ޝިކާރަކަށް 1،580 ދިވެހީން ވެފައިވާ ކަމަށެވެ.
އެ މައްސަލަތަކުގައި ވަނީ، 15.6 މިލިއަން ރުފިޔާ ގެއްލިފައެވެ. އޭގެތެރެއިން، ފުލުހުންނަށް ހޯދިފައިވަނީ، ހަ މިލިއަން ރުފިޔާއެވެ.
ނަވީދު ވިދާޅުވި ގޮތުގައި، އެއީ ސްކޭމްތަކުގައި ގެއްލުނު ފައިސާގެ 44.3 ޕަސެންޓެވެ.
"މުޅި ދުނިޔޭގައި ވެސް އެންޓި ސްކޭމް އެފޯޓުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި މިހާރު މި ހުރި ނަތީޖާއަކީ ގްލޯބަލް ބެސްޓުކަން ފާހަގަކުރަން،" ނަވީދު ވިދާޅުވިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ ސްކޭމްގެ ރިކަވަރީ 40 ޕަސެންޓުގައި އޮތް އިނގިރޭސިވިލާތާއި އެމެރިކާއަކީ ރާއްޖެއާ ކިރިޔާވެސް ވާދަކުރެވޭ ގައުމުތައްކަން ފާހަގަކުރައްވައި ނަވީދު ވިދާޅުވީ، އެ ތަންތަނުގައި ހިނގާ ސްކޭމްގައި މުޅި އެކައުންޓުގެ ބާރު ސްކޭމަރުގެ އަތްދަށަށް ދާ ހާލަތުގައި ބެންކުން އެ ފައިސާ އެއްކޮށް އަނބުރާ ދޭ ކަމަށެވެ.
އެކަމަކު، ރާއްޖޭގައި ހޯދަނީ ސްކޭމުގައި ގެއްލޭ ފައިސާކަން ފާހަގަކުރެއްވިއެވެ.
މި އަހަރުގެ މިހާތަނަށް ސްކޭމްތަކުގައި ފައިސާގެ ގެއްލުނު މީހުންގެ ތެރެއިން 852 މީހުންނަށް ވަނީ އެއްކޮށް ރައްދުކޮށްފައެވެ. އަދި، 320 މީހުންގެ ގެއްލުނު ފައިސާއިން ބައެއް ފުލުހުން ވަނީ ހޯދައި، އަނބުރާ ރައްދުކޮށްދީފައެވެ.
ނަވީދު ވިދާޅުވީ، އާންމުކޮށް ރާއްޖޭގައި ސްކޭމްތައް ހިންގަނީ، އޮންލައިން ވިޔަފާރީގެ ތެރެއިން މުދަލެއް ނުވަތަ ޚިދުމަތް ބަލައިގަތުމުގެ ތެރެެއިން ކަމަށެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 821 މައްސަލައަކީ، އީކޮމާސްގެ ސްކޭމްތައްކަން އޭނާ ފާހަގަކުރެއްވިއެވެ. ދެވަނައަށް އެންމެ ގިނައީ ކަރަންސީ އެކްސްޗޭންޖުގެ ސްކޭމްކަމަށްވާއިރު، އެ ބާވަތުގެ 244 މައްސަލަ ހުށަހަޅާފައިވެއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފާތިމަތު ޝައުނާމީގެއިތުރުން، ޝަޚުސުއޮޅުވާލުމުގެ 213 މައްސަލައާއި ބުކިން ކެންސަލޭޝަން ސްކޭމްގެ މައްސަލަތައް ވެސް މި އަހަރުގެ މިހާތަނަށް ވަނީ ހުށަހަޅާފައެވެ.
އޭނާ ވިދާޅުވީ، ސްކޭމްގެ މައްސަލަތަކުގައި ފައިސާ ދައުރުކުރި 2،803 އެކައުންޓެއް 48 ގަޑިއިރަށް ފްރީޒްކުރި ކަމަށާއި އޭގެތެރެއިން 530 އެކައުންޓެއް ކޯޓު އަމުރެއްގެ ދަށުން ތިން މަސް ދުވަހަށް ފްރީޒްކުރި ކަމަށެވެ.
އެ މައްސަލަތަކާ ގުޅިގެން ފާހަގަވި 53 މީހަކު ހައްޔަރުކޮށް، ދައުވާ ކުރުމަށް 25 މައްސަލަ ޕީޖީއަށް ފޮނުވިއެވެ. އަދި، ހަތަރު މީހަކަށް މިހާތަނަށް ވަނީ ދައުވާކޮށްފައެވެ.
ފުލުހުން ބުނިގޮތުގައި، ސްކޭމްގެ މައްސަލަތައް އެންމެ ގިނައީ މާލޭގައެވެ. މި ސަރަހައްދުން އެކަނި 506 މައްސަލަ ރިޕޯޓުކުރިއިރު، ދެން އެންމެ ގިނައީ އައްޑޫގައެވެ.
ނަވީދު ވިދާޅުވީ، ރާއްޖޭގައި ސްކޭމްގެ މައްސަލަކުގައި އާންމުކޮށް ޖެހެނީ، 18 އަހާރާ 40 އަހަރާ ދެމެދުގެ މީހުންގެ ކަމަށާއި މީހުންގެ އެކައުންޓުތަކުން ފައިސާ ނެގެނީ ބެންކު އެކައުންޓުތައް ކުއްޔަށް ދޭ މަދު ބަޔެއްގެ ސަބަބުންނެވެ. އަދި، އެ މައްސަލަތަކުގައި މީހުން ޖެހެނީ، ފަރުވާކުޑަ ކަމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.