ކުރިން ޑިގްރީ ހާސިލުކޮށްފައިވާ 271 ދަރިވަރަކަށް، ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމުގެ ދަށުން ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި މި އަހަރުގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 1 ފެބްރުއަރީ 2019 އިން 31 ޑިސެމްބަރު 2024 ގެ ނިޔަލަށް ކޮށްފައިވާ އޮޑިޓުން ދައްކާ ގޮތުގައި، ސްކީމުގެ މަގުސަދާ ހިލާފަށް ކުރިން ޑިގްރީ ހަދާފައިވާ 271 ދަރިވަރަކަށް ޖުމްލަ 9,365,475 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ފުރަތަމަ ޑިގްރީ ސްކީމްގެ އުސޫލުތައް ބަޔާންކުރާ ގޮތުން މި ސްކީމުގެ ދަށުން ކިޔެވޭނީ ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައި ނުވާ ފަރާތްތަކަށެވެ.
ނަމަވެސް މި ސްކީމަށް އެދޭ ދަރިވަރަކީ ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެއްތޯ ބެލޭނެ މަރުކަޒީ ނިޒާމެއް ގާއިމުކޮށްފައި ނެތުމާއި، އެމްކިއުއޭއާ ގުޅިގެން މިކަން ކަށަވަރުކުރުމުގެ ނިޒާމެއް އެއްވެސް އިދާރާއެއްގެ މަސްއޫލިއްޔަތުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ކަނޑައެޅިފައި ނެތުމުން މިފަދަ ފަރާތްތަކަށް ފައިސާ ދޫކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ދަރިވަރުންތަކެއް: 2019–2022 ދެމެދު ޑިގްރީއަށް ވަދެފައިވާ ދަރިވަރުން --- ފޮޓޯ: ބިޒްނަސް ސުކޫލްރިޕޯޓުން ދައްކާ ގޮތުގައި 2019 އިން 2024 ގެ ނިޔަލަށް މި ސްކީމަށް ޖުމްލަ 19,265 އެޕްލިކޭޝަން ލިބިފައިވާއިރު، އޭގެ ތެރެއިން 85 ޕަސެންޓު ނުވަތަ 16,388 ދަރިވަރުން ވަނީ ސްކީމުގައި ބައިވެރިވެފައެވެ. އަދި މި މުއްދަތުގައި ދައުލަތުން 835,697,911 ރުފިޔާ މި ސްކީމަށް ޚަރަދުކޮށްފައިވާއިރު، އެއީ އަހަރަކަށް އެވްރެޖުކޮށް 139,282,985 ރުފިޔާއެވެ.
އެހެން ނަމަވެސް، މި ޚަރަދުތައް ކޮށްފައިވާއިރު، ޕްރޮގްރާމް ފުރިހަމަކޮށް ފުރަތަމަ ޑިގްރީ ހާސިލްކުރި ދަރިވަރުންގެ އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓަމުން ގޮސްފައި ނުވާކަން އޮޑިޓުން ވަނީ ހާމަވެފައެވެ.
މީގެ އިތުރުން، ދަރިވަރުން ކިޔެވުން ފުރިހަމަކުރޭތޯ ބެލުމާއި، ޕްރޮގްރާމް ފުރިހަމަނުކުރާ ދަރިވަރުންނާއި ޑިފާކުރާ ނުވަތަ މަރުކަޒު ބަދަލުކުރާ ދަރިވަރުންގެ މައުލޫމާތު މަރުކަޒުތަކާ ގުޅިގެން ބެލެހެއްޓުމުގެ އެކަށީގެންވާ ނިޒާމެއް ނެތްކަންވެސް ވަނީ ފާހަގަކޮށްފައެވެ.
އޭގެ ސަބަބުން، ޕްރޮގްރާމް ފުރިހަމަކޮށްފައި ނުވާ ކަމަށް ފާހަގަކުރެވިފައިވާ 790 ދަރިވަރުންނަށް 19,091,797 ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކުރެވިފައި ނުވާކަންވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވަނީ، މި ސްކީމްގެ ދަށުން ކިޔަވަމުންދިޔަ ނަމަވެސް ދަރިވަރުން އަމިއްލައަށް ކުރަންޖެހޭ ޚަރަދު އިތުރުވަމުން ގޮސްފައިވާ ކަމެވެ. އެގޮތުން، ޕްރޮގްރާމް ފީގެ ގޮތުގައި ދަރިވަރުންގެ އަމިއްލަ ޖީބުން 60,000 ރުފިޔާއަށްވުރެ އިތުރަށް ޚަރަދުކުރަންޖެހޭ ޕްރޮގްރާމްތަކުގެ ނިސްބަތް 15 ޕަސެންޓުން 46 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އޮޑިޓްގައިވެއެވެ.
މި ކަންކަން އިސްލާހުކުރުމަށްޓަކައި، ކިޔަވައިދޭ މަރުކަޒުތަކާ ގުޅިގެން ދަރިވަރުންގެ ކިޔެވުން މޮނިޓަކުރެވޭނެ ހަރުދަނާ މަރުކަޒީ ނިޒާމެއް ގާއިމުކުރުމަށާއި، ޕްރޮގްރާމް ފުރިހަމަނުކޮށް ހުއްޓާލާފައިވާ ފަރާތްތަކަށް ހޭދަވި ފައިސާ އަނބުރާ ހޯދުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.
އަދި ދައުލަތުގެ ބަޖެޓުން ދަރިވަރުންނަށް އެންމެ އެދެވޭ މަންފާ ލިބޭނޭހެން، ދެމެހެއްޓެނިވި ގޮތަކަށް މި ސްކީމްގެ އުސޫލުތަކާއި ހިންގުން މުރާޖަޢާކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ފާހަގަކުރެވޭގޮތުގައި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމަކީ ދިވެހި ދަރިވަރުންނަށް ޓިއުޝަން ފީއާ ނުލައި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ހިންގާ ސްކީމެކެވެ. މި ސްކީމުގެ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ކުރިން އެއްވެސް ދާއިރާއަކުން ބެޗްލަސް ޑިގްރީއެއް ހާސިލުކޮށްފައި ނުވުމުގެ އިތުރުން، އެ ކޯހަކީ އެމްކިއުއޭ އިން ގަބޫލުކުރާ ލެވެލް-7 ގެ ކޯހަކަށް ވާންޖެހެއެވެ.