އޮޑިވެރިޔާ ސްކީމްގެ ދަށުން ދޫކުރި ޕްރީޕެއިޑް ކާޑަކަށް ދިމާވި ސިސްޓަމް މައްސަލައެއްގެ ސަބަބުން އިތުރަށް ނެގުނު ފައިސާ އަނބުރާ ދެއްކުމަށް ވި އެއްބަސްވުމާ އެއްގޮތަށް، ބާކީ ފައިސާ ބޭންކް އޮފް މޯލްޑިވްސްއަށް ދެއްކުމަށް ގއ. ގެމަނަފުށި، ސޯމާ، މުޙައްމަދު ޖާވީދުގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިއަދު މިގޮތަށް ހުކުމް ކުރީ، ބީއެމްއެލްގެ ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ނެރުނު ނިންމުން ބާތިލުކުރުމަށްފަހުއެވެ.
ފަނޑިޔާރު ޙުސައިން ޝަހީދު ރިޔާސަތު ބެލެހެއްޓެވި، އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ތާއީދުކުރެއްވި އިއްތިފާޤު ހުކުމުގައި އަންގާފައިވަނީ، އެއްބަސްވުމުގެ ދަށުން ބާކީ ނުދައްކައި އޮތް 44,594.80 ރުފިޔާ މިއަދުން ފެށިގެން އެކެއް މަސް ދުވަހުގެ ތެރޭގައި ބީއެމްއެލްއަށް ދައްކައި ޚަލާސްކުރުމަށެވެ.
މި މައްސަލައަކީ އެޕްރީލް، 3، 2019 ގައި "އޮޑިވެރިޔާ ސްކީމް" ގެ ދަށުން ޖާވީދަށް ދޫކުރި ޕްރީޕެއިޑް ކާޑަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ. އެ މައްސަލައިގެ ސަބަބުން ކާޑުގެ އެކައުންޓުގައި ނެތް ފައިސާ އޯވަޑްރޯ ކުރެވި، އިތުރަށް 354,200.17 ރުފިޔާ ނެގިފައިވެއެވެ.
މިކަން އެނގުމުން ބީއެމްއެލްއިން ވަނީ ކަސްޓަމަރަށް ފުރުސަތުދީ، އެ ފައިސާ އަނބުރާ ދެއްކުމަށްޓަކައި ޑިސެމްބަރު،3، 2020 ގައި ސްޓޭންޑަޑް ފޯމް ސެންކްޝަން ސިޓީއެއްގެ ދަށުން އެ ފައިސާ ލޯނަކަށް ބަދަލުކޮށް ރީސްޓްރަކްޗަކޮށްފައެވެ.
ނަމަވެސް، ސިވިލް ކޯޓާއި ހައިކޯޓުން ބީއެމްއެލްއާ ދެކޮޅަށް މައްސަލަ ނިންމީ، އެއްބަސްވުމުގެ ހަތްވަނަ މާއްދާގައި ސެންކްޝަން ސިޓީގެ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި ޑިސްބާސްމަންޓަށް އެދެންޖެހޭނެ ކަމަށް ބުނެފައިވާތީއެވެ. ދަށު ކޯޓުތަކުން ނިންމާފައިވަނީ ބީއެމްއެލްއިން އާ ލޯނެއް ދޫކުރިކަން ނުވަތަ ޑިސްބާސްމަންޓަށް އެދިފައިވާކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކުރެއްވީ، އެއްބަސްވުމުގައި ކަމާ ނުގުޅޭ މާއްދާއެއް އޮތުމަކީ ސްޓޭންޑަޑް ފޯމް ސެންކްޝަނެއް ބޭނުންކުރުމުން ދިމާވި ކަމެއް ކަމަށާއި، ދެފަރާތުގެ ދެމެދުގައި ވީ އެއްބަސްވުމުގެ އަސްލު މަގްސަދަކީ ކާޑުން އިތުރަށް ނެގުނު ފައިސާ އަނބުރާ ދެއްކުން ކަން ދެ ފަރާތަށް ވެސް ސާފުވާ ކަމަށެވެ.
އަދި ލިޔެވިފައިވާ ކޮންޓްރެކްޓެއް މާނަކުރުމުގައި ބަލަންޖެހޭނީ ބައިވެރިންގެ ނިޔަތަށާއި، ވަށައިގެންވާ ހާލަތްތަކަށާއި، ވިޔަފާރީގެ އާންމު ހަމަތަކަށް ކަމަށްވާތީ، މުޅި އެއްބަސްވުމުގެ މަގުސަދާ ފުށުއަރާ ހަތްވަނަ މާއްދާ އެއްފަރާތްކުރުމަށްފަހު، އެއްބަސްވުމުގެ ދަށުން ބާކީ ނުދައްކައި އޮތް ފައިސާ ޖާވީދުގެ ފަރާތުން ބީއެމްއެލްއަށް ލިބެންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.