މިވަގުތު ރާއްޖޭގައި މަސްތުވާތަކެތި ފެތުރިފައިވާ މިންވަރަށް ބަލާއިރު، ދައުލަތެއްގެ ފަރާތުން އާންމު ރައްޔިތުން ޚިދުމަތަށް އެދޭ މިންވަރާ އަޅާބަލާއިރު އެންމެ އެދެވޭ ގޮތަކަށް އެ ޚިދުމަތް ފޯރުކޮށްނުދެވޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ކ. ހިންމަފުށީގައި އަލަށް ހަދާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޑްރަގުގެ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތްތައް ފާއިތުވި ސަރުކާރުތަކުންވެސް ކޮށްފައިވާ ނަމަވެސް، މައްސަލަ ފެތުރިފައިވާ މިންވަރާ އަޅާބަލާއިރު ކުރެވިފައިވާ މަސައްކަތްތައް ވަރަށް ކުޑަ ކަމަށެވެ.
އަދި މިވަގުތު މިކަން ހައްލުކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ މަރުކަޒު ކުރެވިގެން ފަރުވާ ހޯދާ މީހުންނަށް ގަބޫލުކުރެވޭ ފެންވަރުގެ ޚިދުމަތްތަކެއް ދެވޭނެ ފެސިލިޓީއެއް ކަމަށާއި، މިހާތަނަށް ފަރުވާގެ ކަންކަން ފޯރުކޮށްދެވެނީ ފަޚުރުވެރިވާ ވަރަކަށް ނޫންކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިވަގުތު ރާއްޖޭގައި ޑްރަގު ފެތުރިފަ އޮތް މިންވަރަށް ބަލާފަ ދައުލަތެއްގެ ފަރާތުން އާންމު ރައްޔިތުން ޚިދުމަތަށް އެދޭ މިންވަރާ އަޅާބަލާފަ މި ޚިދުމަތް ފޯރުކޮށެއް ނުދެވޭ އެންމެ އެދެވޭ ގޮތަކަށް. އަޅުގަނޑުމެން މިވަގުތަށް މިކަން ހައްލުކުރުމަށް ބަލާއިރު އެންމެ ބޮޑަށް ބޭނުންވަނީ މަރުކަޒު ކުރެވިގެން ފަރުވާ ހޯދާ މީހުންނަށް ގަބޫލުކުރެވޭ ފެންވަރުގެ ޚިދުމަތްތަކެއް ދެވޭނެ ފެސިލިޓީއެއް ނެތުން. ވަޒީރު އިހުސާން ވިދާޅުވިއެވެ.
ކ. ހިންމަފުށީގައި މިއަދު ހެނދުނު ކުރިއަށްދިއަ އަލަށް އެރަށުގައި ތަރައްގީކުރާ ޑްރަގް ރިހެލިބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުުގެ ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ/ ހޯމް މިނިސްޓްރީވަޒީރު އިތުރަށް ވިދާޅުވީ ހިންމަފުށީގައި މިހާރު ހުރި އިމާރާތަކީ ވަރަށް ބައުވެ ވީރާނާވެފައިވާ ތަނެއް ކަމަށެވެ. އެގޮތުން އެއީ 174 މީހުންނަށް ފަރުވާ ދެވޭ ފެސިލިޓީއެއް ނަމަވެސް، އިމާރާތް ހަލާކުވުމުގެ ސަބަބުން މިހާރު އެތަނުގައި ފަރުވާ ދެވެނީ ގާތްގަނޑަކަށް 80 މީހުންނަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި އަލަށް ގާއިމްކުރާ ފެސިލިޓީގެ ސަބަބުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ރަނގަޅު ފެންވަރުގެ ފަރުވާ ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަސްތުވާތަކެތި ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި މަސައްކަތް ކުރިއަށްދަނީ ރައީސްގެ ސީދާ އިރުޝާދުގެ ދަށުން ކަމަށެވެ.
މީގެއިތުރުން މި މަސައްކަތުގައި ހިންމަފުށީ ކައުންސިލްގެ ރައީސް ޙަސަން ފާއިޒާއި ކައުންސިލްގެ މުވައްޒަފުން ކުރައްވާ މަސައްކަތަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުން ފަސް މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢަކީ 500 މީހުންނަށް އެއްފަހަރާ ފަރުވާ ދެވޭ ގޮތަށް ތަރައްޤީކުރާ މަރުކަޒެކެވެ.
ކ. ހިންމަފުށީގައި މިއަދު ހެނދުނު ކުރިއަށްދިއަ އަލަށް އެރަށުގައި ތަރައްގީކުރާ ޑްރަގް ރިހެލިބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުުގެ ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ/ ހޯމް މިނިސްޓްރީމި އިމާރާތުގައި ހިންމަފުށީ ރައްޔިތުންނަށް ވެސް ޚިދުމަތް ލިބޭނެހެން ހެލްތް ފެސިލިޓީއަކާއި، ސްކިލް ޑިވެލޮޕްމެންޓް އަދި ކައުންސިލިންގެ ޚިދުމަތް އިމްކުރެވިގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
ހިންމަފުށީގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އަލަށް އިމާރާތް ކުރާ ޑްރަގް ރިހެބިލިޓީ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭގެ ބޯޑުގެ ޗެއާޕާސަން އަލްއުސްތާޒު އަޙްމަދު ޞިއްދީގު، އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ސާހީން އާދަމް އަދި ހުރާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަނާރާ ނައީމްއެވެ.
މި ރަސްމިއްޔާތުގައި އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދާއި، ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒުގެ އިތުރުން އެންޑީއޭގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.