ޔޫއޭއީން އީރާނުގެ އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލައިފި

އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) އަށް ކުރާ އީރާނުގެ ހުރިހާ އެއާލައިންތަކެއްގެ ދަތުރުތައް މެދުކަނޑާލައިފިއެވެ.

ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ޖީސީއޭއޭ) އިން ބުނި ގޮތުގައި، މި ނިންމުމުގެ ދަށުން އީރާނުގެ އެއާލައިންތަކުން ޔޫއޭއީއަށް ކުރާ ދަތުރުތަކާއި ޔޫއޭއީން ފުރައިގެން ކުރާ ދަތުރުތައް ވަނީ ހުއްޓުވާފައެވެ. މި ފިޔަވަޅު އެޅީ އެމެރިކާއިން އީރާނުގެ އެއާލައިންތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އަމަލުކުރުމުގެ ގޮތުން ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ނިންމުމާއެކު އީރާނުން ދުބާއީއަށް ކުރަން ހަމަޖެހިފައިވާ ގިނަ ދަތުރުތަކެއް ވަނީ ކެންސަލްކޮށްފައެވެ.

ޖީސީއޭއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދަތުރުތައް މެދުކަނޑާލުމަށް ނިންމި ނިންމުމަށް އަމަލުކުރަން ފަށާފައިވަނީ މިއަދުން ފެށިގެން ކަމަށެވެ. އަދި ވަކި ގޮތެއް އަންގަންދެން މި ފިޔަވަޅު ދެމިއޮންނާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ. މިކަމާ ގުޅޭގޮތުން އާންމުންނާއި ދަތުރުވެރިން މައުލޫމާތު ހޯދުމުގައި ހަމައެކަނި ރަސްމީ އަދި އިތުބާރު ހުރި މަސްދަރުތަކަށް ބަރޯސާވުމަށް ޖީސީއޭއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު އާންމު ހާލަތަކަށް ރުޖޫއަވަންދެން، މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށާއި އާންމުންނަށް ފޯރުކޮށްދެމުން ގެންދާނެ ކަމަށްވެސް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ. ދަތުރުތައް ކެންސަލްވުމުގެ ސަބަބުން ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދުމަށް އެއާލައިންތަކުން މަސައްކަތްކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޔޫއޭއީން މި ފިޔަވަޅު އަޅާފައިމިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެއާޕޯޓުތައް ބޭނުންކުރުން އީރާނުގެ އެއާލައިންތަކަށް މަނާކޮށް، އެމެރިކާއިން އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، އިއްޔެއިން ފެށިގެން އީރާނުގެ އެއާލައިންތަކަށް ބައިނަލްއަގުވާމީ ދަތުރުތައް ނުކުރެވޭނެ ގޮތް ހެދުމަށް އެމެރިކާއިން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އީރާނުގެ މަތިންދާބޯޓުތަކަށް ތެޔޯ އެޅުމާއި، ޓިކެޓު ވިއްކުމާއި، އެއާޕޯޓުތަކަށް ތިރިކުރުމުގެ ހިދުމަތް ދޭ ބޭރުގެ ކުންފުނިތަކަށްވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ. އެމެރިކާގެ މި ނިންމުމާ ގުޅިގެން އީރާނުގެ އެއާލައިންތަކުން ޔޫއޭއީއަށް ކުރަން ހަމަޖެހިފައިވާ ހުރިހާ ދަތުރުތަކެއް މިހާރު ވަނީ ކެންސަލްކޮށްފައެވެ. މީގެ އިތުރުން، އިރާގާއި އެހެނިހެން ބައެއް ގައުމުތަކަށް ކުރާ ދަތުރުތަކަށްވެސް މި ފިޔަވަޅުތަކުގެ ސަބަބުން ވަނީ ހުރަސްއެޅިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް