އިއްޔެ ސިނަމާތަކުގައި ދައްކަންފެށި ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ނާނީ ލީޑް ރޯލު ކުޅެފައިވާ ފިލްމު ’ދަ ޕެރަޑައިސް‘ އަކީ ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށް ސޯޝަލް މީޑިއާގައި ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
މި ފިލްމާ މެދު މާޔޫސްކަން ފާޅުކުރަމުން، އެކްސްގައި ޚިޔާލުފާޅުކުރި މީހަކު ބުނެފައިވަނީ، މި ފިލްމަކީ "ޕެރަޑައިސް"އެއް ނޫން ކަމަށާއި، މިއީ ހަގީގަތުގައި ބެލުންތެރިންނަށް ލިބުނު ވަރަށް ބޮޑު "މާޔޫސްކަމެއް" ކަމަށެވެ. އަދި އޭނާއަކީ ނާނީގެ ވަރަށް ބޮޑު ސަޕޯޓަރެއް ނަމަވެސް، މިއީ ފައިސާ ބޭކާރުވާ ފަދަ ނާކާމިޔާބު ފިލްމެއް ކަމަށް ބުނެ، ފިލްމަށް ދީފައިވަނީ 5 އަކުން 1ގެ ރޭޓިންގްއެކެވެ.
އެހެން ބެލުންތެރިއަކު ފާހަގަކުރި ގޮތުގައި، ފިލްމުގެ ފުރަތަމަބައި ފެންނަނީ ވަރަށް ބޮޑަށް އަނިޔާވެރިކޮށް އަދި ޑައިރެކްޝަން އޮޅުންބޮޅުން ބޮޑު ގޮތަކަށެވެ. މީގެ އިތުރުން ފިލްމުގައި ހިމަނާފައިވާ އެކްޝަން މަންޒަރުތަކަކީ ބަލަން އުނދަގޫ، ޤަބޫލުކުރަން ދަތި މަންޒަރުތަކެއް ކަމަށްވެސް އޭނާ ބުންޏެވެ.
އިތުރު މީހަކު ބުނެފައިވަނީ ފިލްމުގެ ފެންވަރު އާދައިގެ މިންވަރަށް ވުރެވެސް ދަށް ކަމަށެވެ. ތެލުގޫ ސިނަމާއިން އަދިވެސް ’ކޭޖީއެފް‘ ފަދަ ފިލްމުތަކުގެ ފޯމިއުލާ ކޮޕީކޮށްގެން އާންމު ރޫރަލް އެކްޝަން ފިލްމުތައް ހެދުމުގެ އާދަ ދޫކޮށްނުލެވޭ ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި މި ފިލްމުގައި ނާނީގެ އެކްޓިން އެންމެ ފުރިހަމަ ނޫން ކަމަށާއި، ފިލްމު ކޮންމެވެސް ވަރަކަށް ހިފަހައްޓައިދެނީ އަނިރުދުގެ މިއުޒިކުން އެކަނި ކަމަށްވެސް ބުނެފައިވެއެވެ.
ފިލްމު ’ދަ ޕެރަޑައިސް‘ގެ ޕްރޮމޯޝަނަލް ހަފްލާއެއްގައި ރާގަވް--ފޮޓޯ/ޓެލެގްރާފްއިންޑިއާމީގެ އިތުރުން، އެހެން ބެލުންތެރިއަކު ފާހަގަކުރި ގޮތުގައި ’ދަ ޕެރަޑައިސް‘އަކީ މިފަހުން ނުކުތް ބޮޑެތި ފްލޮޕްތަކުގެ ތެރޭގައި ހިމެނޭނެ ފިލްމެކެވެ. "ޕޭން އިންޑިއާ" އަދި ބޮޑު ބަޖެޓުގެ ނަމުގައި މާނައެއް ނެތް އަނިޔާވެރިކަމާއި ހިތާމަވެރި މަންޒަރުތައް ދެއްކުމުގެ ބަދަލުގައި، ކޮވިޑްގެ ކުރިން ދެކުނު އިންޑިއާ ސިނަމާއިން ގެނެސްދިން ފަދަ ފެންވަރު ރަނގަޅު ޢާއިލީ ފިލްމުތަކަށް އެނބުރި ދާންޖެހިފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މި އެކްޝަން ފިލްމަކީ 2023 ވަނަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު ’ދަސާރާ‘ އަށްފަހު، ޑައިރެކްޓަރު ސްރީކާންތު އޮޑެލާ އާއި ނާނީ އެކުގައި މަސައްކަތްކުރި ދެވަނަ ޕްރޮޖެކްޓެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ 1980ގެ އަހަރުތަކުގައި އިންޑިއާގެ ސިކަންދަރުއާބާދުގައި ދިރިއުޅުނު "ސަވާރީ" ނަމަކަށް ކިޔާ އަނިޔާލިބެމުންދިޔަ އެކަހެރި ޤަބީލާއެއްގެ މައްޗަށެވެ. ޤައުމަށް މިނިވަންކަން ލިބުނު ނަމަވެސް، އެ ޤަބީލާގެ ރައްޔިތުންނަށް އިންސާނީ އަސާސީ ޙައްޤުތަކާއި ރައްޔިތުކަމުގެ އައިޑެންޓިޓީ ލިބިފައެއް ނުވެއެވެ. ފިލްމުގައި ދައްކުވައިދެނީ އަނިޔާވެރި އަދި ބާރުގަދަ އަނިޔާވެރިއެއްގެ ނުފޫޒުގެ ދަށުން އެ މީހުން ސަލާމަތްވެ، އަމިއްލަ ޙައްޤުތަކާއި ކަރާމާތް ހޯދުމަށް ކުރާ އަސަރުގަދަ ހަނގުރާމައެވެ.
ނާނީގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލްތަކުން، މޯހަން ބާބޫ، ސޮނާލީ ކުލްކަރުނީ އަދި ރާގަވް ޖުޔާލް ފަދަ ތަރިން ފެންނާނެއެވެ.