ޒުވާނުންގެ މެދުގައި ސްޓްރޯކް ޖެހޭ މިންވަރު އިތުރުވަމުންދާ ކަމަށް ދިރާސާއަކުން ދައްކައިފި

ޒުވާނުންގެ މެދުގައި ސްޓްރޯކް ޖެހޭ މިންވަރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން--ފޮޓޯ/އީއެމްސީ

އާންމު ގޮތެއްގައި ގިނަ މީހުން ހިތާއި ލޭހޮޅިތަކުގެ ސިއްހަތާމެދު ކަންބޮޑުވަނީ އުމުރުން ދުވަސްވުމުންނެވެ. ވަޒީފާގެ މާހައުލުގައި އަވަދިނެތި އުޅެމުން، ކުޑަކުދިން ބަލަހައްޓަމުންދާ ޒުވާނުންނަށް މިއީ ކުރިމަތިވެދާނެ ކަމެއް ކަމަށް ގަބޫލުކުރަން ދަތިވެދާނެއެވެ. ނަމަވެސް، ހިތާއި ލޭހޮޅިތަކުގެ ބަލިތަކުގެ ތެރޭގައި ހިމެނޭ ސްޓްރޯކް، ޒުވާނުންނަށް ޖެހޭ މިންވަރު ދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވަމުންނެވެ.

ބުދަ ދުވަހު 'ނިއުރޮލޮޖީ' ޖާނަލްގައި ޝާއިއުކޮށްފައިވާ އާ ދިރާސާއަކުން ދައްކާ ގޮތުގައި، ފާއިތުވި ތިރީސް އަހަރުގެ ތެރޭގައި ޒުވާނުންނަށް ސްޓްރޯކް ޖެހޭ ނިސްބަތް ވަނީ ގާތްގަނޑަކަށް ދެގުނަ އިތުރުވެފައެވެ. މި ދިރާސާގެ އިސް މުސައްނިފު އަދި ޔުނިވާސިޓީ އޮފް ސިންސިނާޓީ ކޮލެޖް އޮފް މެޑިސިންގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. ޑޭވިޑް ރޮބިންސަން ބުނި ގޮތުގައި، ސްޓްރޯކަކީ ކޮންމެ އުމުރެއްގައި ޖެހުނު ކަމުގައި ވިޔަސް ވަރަށް ނުރައްކާތެރި ބައްޔެކެވެ. އަދި ހާއްސަކޮށް ޒުވާން އުމުރުގައި މި ބަލި ޖެހުމުން އޭގެ ގެއްލުން މާ ބޮޑު ކަމަށް އޭނާ ފާހަގަކުރިއެވެ.

ސްޓްރޯކް ޖެހުމުގެ ސަބަބުން ދިމާވާ ނުކުޅެދުންތެރިކަމުގެ ސަބަބުން، ވަޒީފާ އަދާކުރުމާއި ކުދިން ބެލެހެއްޓުން ފަދަ އާންމު ދިރިއުޅުމުގެ ކަންކަން ކުރުމަށް އުނދަގޫވާނެ ކަމަށް ރޮބިންސަން ބުންޏެވެ. ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، 1993 އިން 1994 އަށް ޒުވާނުންގެ ތެރެއިން ކޮންމެ 1 ލައްކަ މީހަކުން 33.9 މީހުންނަށް ސްޓްރޯކް ޖެހިފައިވާއިރު، 2020 ވަނަ އަހަރު މި އަދަދު ވަނީ ކޮންމެ 1 ލައްކަ މީހަކުން 62.2 އަށް އިތުރުވެފައެވެ. މީގެ އިތުރުން، ސްޓްރޯކް ޖެހުމަށްފަހު ދިރިތިބޭ މީހުންގެ އަދަދުވެސް ކުޑަކޮށް އިތުރުވެފައިވާ ކަމަށް ދިރާސާއިން ދައްކައެވެ. މީގެ މާނައަކީ ސްޓްރޯކްގެ ސަބަބުން ދިމާވާ ދާއިމީ މައްސަލަތަކާއެކު ދިރިއުޅެންޖެހޭ ޒުވާނުންގެ އަދަދު އިތުރުވުމެވެ.

މި ދިރާސާގައި ބަލާފައިވަނީ ގްރޭޓަރ ސިންސިނާޓީ އަދި އުތުރު ކެންޓަކީ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 20 އަހަރާއި 54 އަހަރާ ދެމެދުގެ މީހުންނަށެވެ. 1993 އިން ފެށިގެން 2020 ގެ ނިޔަލަށް އެ ސަރަހައްދުގައި އަލަށް 2،076 މީހަކަށް ސްޓްރޯކް ޖެހިފައިވެއެވެ. މީގެ ތެރެއިން 738 މައްސަލަ (35.6 އިންސައްތަ) އަކީ ކަޅު ނަސްލުގެ މީހުންނަށް ދިމާވި މައްސަލަތަކެވެ. އަދި 1،030 މައްސަލަ (49.6 އިންސައްތަ) އަކީ އަންހެނުންނަށް ދިމާވި މައްސަލަތަކެވެ. ދިރާސާއިން ދައްކާ ގޮތުގައި މި އަދަދުތައް އިތުރުވުމުގެ މައިގަނޑު ސަބަބަކީ 'އިސްކީމިކް ސްޓްރޯކް' އެވެ. މިއީ ސިކުނޑީގެ ބަޔަކަށް ލޭ ފޯރުކޮށްދިނުން ބަންދުވުމުގެ ސަބަބުން ޖެހޭ، އެންމެ އާންމު ސްޓްރޯކްގެ ބާވަތެވެ.

ފާއިތުވި 27 އަހަރުގެ ތެރޭގައި ސްޓްރޯކް ޖެހުމަށް މަގުފަހިކުރާ ކަންކަންވެސް އިތުރުވެފައިވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ލޭމައްޗަށްދިއުން 47 އިންސައްތައިން 60 އިންސައްތައަށް، ހަކުރުބަލި 19 އިންސައްތައިން 26 އިންސައްތައަށް، އަދި އެޓްރިއަލް ފައިބްރިލޭޝަން 1 އިންސައްތައިން 6 އިންސައްތައަށް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ މިންވަރު 5 އިންސައްތައިން 40 އިންސައްތައަށް އިތުރުވެފައިވާއިރު، މިއީ މައިގަނޑު ގޮތެއްގައި މެރުއާނާ ބޭނުންކުރުން އިތުރުވުމުގެ ސަބަބުން އައި ބަދަލެއް ކަމަށް ބެލެވެއެވެ.

ނަމަވެސް، ސްޓްރޯކް ނުޖެހޭ މީހުންގެ މިފަދަ މައުލޫމާތު ނެތުމުން، ސްޓްރޯކް ޖެހޭ މިންވަރު އިތުރުވަނީ ސީދާ މި ސަބަބުތަކާ ހުރެ ކަމެއް ކަށަވަރުކޮށްދޭން ދިރާސާކުރާ ފަރާތްތަކަށް ނޭނގޭ ކަމަށް އެ ދިރާސާގައި ބަޔާންކޮށްފައި ވެއެވެ. އުމުރުން ދުވަސްވީ މީހުންގެ މެދުގައިވެސް މި ބަލިތައް އިތުރުވެފައިވީ ނަމަވެސް، އެ އުމުރުފުރާގެ މީހުންނަށް ސްޓްރޯކް ޖެހޭ މިންވަރު އިތުރުވެފައެއް ނުވެއެވެ. ރޮބިންސަން ބުނި ގޮތުގައި މިއީ މައްސަލައިގެ އެއް ބައި ކަމަށް ވެދާނެއެވެ. ނަމަވެސް މުޅި މައްސަލައަކީ ހަމައެކަނި މިއީ ކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ. ފަލަވުމާއި ކޮލެސްޓްރޯލް މަތިވުން ފަދަ ސިއްހީ މައްސަލަތަކާއި، ހެލިފެލިވެ ނޫޅުމަކީވެސް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކުރާ ކަންކަން ކަމަށް އޭނާ ފާހަގަކުރިއެވެ.

މިކަންކަން ހައްލުކުރުމަށްޓަކައި އެމެރިކަން ހާޓް އެސޯސިއޭޝަންގެ 'އެސެންޝަލް 8' އަށް އަމަލުކުރުމަށް ރޮބިންސަން ލަފާދިނެވެ. މީގެ ތެރޭގައި ރަނގަޅު ކާނާ ކެއުމާއި، ކަސްރަތުކުރުމާއި، ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ރަނގަޅަށް ނިދުމުގެ އިތުރުން ބަރުދަނާއި ކޮލެސްޓްރޯލް އަދި ލޭގެ ޕްރެޝަރާއި ހަކުރު ކޮންޓްރޯލްކުރުން ހިމެނެއެވެ. ޒުވާން އުމުރުގައި މިކަންކަން ދެނެގަތުމަށްޓަކައި އާންމުކޮށް ދައްކާނެ ޑޮކްޓަރެއް ހުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ ކުރީބައިގައި ބަލި ދެނެގަނެވިއްޖެނަމަ، ފަރުވާދީ ނުރައްކާތައް ކުޑަކުރުމުގެ ފުރުސަތު ބޮޑުވާތީއެވެ.

ބޮސްޓަންގެ މާސް ޖެނެރަލް ބްރިގްހަމްގެ ސްޓްރޯކް ޑިވިޝަންގެ ވެރިޔާ ޑރ. ކްރިސްޓޮފަރ އެންޑަސަން ބުނި ގޮތުގައި، މި ދިރާސާގެ ހޯދުންތަކަކީ ހައިރާންވާންޖެހޭ ކަންތައްތަކެއް ނޫނެވެ. މިއީ ކުރީގެ ދިރާސާތަކުންވެސް ފެންނަމުންދިޔަ މަންޒަރެކެވެ. މި ދިރާސާގައި ބައިވެރިވެފައި ނުވާ އެންޑަސަން ފާހަގަކުރި ގޮތުގައި، މި ދިރާސާގައި ބަލާފައިވާ އާބާދީއަކީ މުޅި އެމެރިކާގެ އާބާދީ ތަމްސީލުކުރާ ފަދަ ބައެއް ކަމަށް ވުމުން، މިއީ މުޅި ގައުމަށްވެސް އަދި ދުނިޔެއަށްވެސް ނިސްބަތްކުރެވިދާނެ ނަތީޖާތަކެކެވެ.

ޓަފްޓްސް މެޑިކަލް ސެންޓަރުގެ ވެސްކިއުލަރ ނިއުރޮލޮޖިސްޓް ޑރ. މިޝޭލް ލެޕަރޓް ވެސް ވަނީ މި ހޯދުންތަކާ މެދު ހައިރާންނުވާ ކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި ސްޓްރޯކް ޖެހޭ މީހުންގެ އަދަދުތައް އަދިވެސް އެހާ މައްޗެއް ނޫނެވެ. ނަމަވެސް މިއީ ފިލައިގެންދާނެ މައްސަލައެއް ނޫން ކަމަށާއި، މިކަން ދެނެގަތުމަށް ވަގުތާއި ފައިސާ ހޭދަކުރަން ފަށަންޖެހޭ ކަމަށް އޭނާ ފާހަގަކުރިއެވެ. ސްޓްރޯކަކީ އަދިވެސް އާންމުކޮށް މަދުން ނޫނީ ނުޖެހޭ ބައްޔަކަށް ވުމުން، ޒުވާނުން މިކަމާ މާބޮޑަށް ހާސްނުވުމަށް ލެޕަރޓް ލަފާދިނެވެ. ނަމަވެސް އަހަރަކު އެއްފަހަރު ސިއްހީ ހާލަތު ދެނެގަތުމަށް ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެކެވެ.

ޒުވާން ފިރިހެނުންނަށް ވުރެ ގިނައިން ޒުވާން އަންހެނުންނަށް ސްޓްރޯކް ޖެހޭއިރު، މާބަނޑު ދުވަސްވަރާއި ވިހެއުމަށްފަހު ލޭގެ ޕްރެޝަރަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ލެޕަރޓް ލަފާދިނެވެ. އަދި އެސްޓްރޮޖެން އެކުލެވޭ ދޭތެރެދުރުކުރާ ބޭސް ބޭނުންކުރާއިރު، ލޮލުގެ ފެނުމަށް ބަދަލުއައިސް ބޮލުގައި ރިއްސާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އޭނާ އެދުނެވެ. އެންޑަސަން ފާހަގަކުރި ގޮތުގައި، ހާސްކަން ބޮޑުވުމާއި، ނުރަނގަޅު ކާނާ ކެއުމާއި، ނިދި މަދުވުމުގެ އިތުރުން ހެލިފެލިވެ ނޫޅުމަކީ ޒުވާން އުމުރުގައިވެސް ސްޓްރޯކް ފަދަ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކުރާ ކަންކަމެވެ. އަދި މިކަންކަމުގެ ނުރައްކާ ފެންނަން ފަށާނީ ހަމައެކަނި އުމުރުން ދުވަސްވުމުން ނޫން ކަމަށް އޭނާ އިންޒާރުދިނެވެ.

comment ކޮމެންޓް