މައިގަނޑު މީޑިއާތައް އެއްފަރާތްކުރުމަށްފަހު ޓްރަމްޕް އަމިއްލަ ޓީވީ ޗެނަލެއް ލޯންޗުކުރައްވައިފި

ހޯމަ ދުވަހު އެމެރިކާގެ ވައިޓް ހައުސްގައި އޮތް ރިބަން ކެނޑުމުގެ ރަސްމިއްޔާތެއްގެ މަންޒަރުތައް އެމެރިކާގެ ނިއުސްމެކްސް އިން ވަގުތުން ދުރަށް ފޮނުވަމުންދިޔައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަލާމަތީ ތޮތްޕާއި ވެސްޓު ތުރުކުރައްވައިގެން މަސައްކަތްތެރިންނާ އެކު ހުންނެވި މަންޒަރު ފެނުނު ނަމަވެސް، އެ މަންޒަރުތަކުގައި އެއްވެސް އަޑެއް ނެތެވެ. މިކަން މިގޮތަށް ދިމާވީ ވައިޓް ހައުސްގެ ހަބަރުތައް ގެނެސްދޭ ޓީވީ ނެޓްވޯކްތަކުގެ ޕޫލްގައި ހިމެނޭ ނޫސްވެރިން އެތަނުގައި ނެތުމުންނެވެ.

މިއީ މައިގަނޑު މީޑިއާތަކާއި ޓްރަމްޕްގެ ސަރުކާރާ ދެމެދު އުފެދިފައިވާ ބޮޑު މައްސަލަގަނޑެއްގެ ނަތީޖާއެވެ. ހުކުރު ދުވަހު ޓްރަމްޕް ވަނީ ސީއެންއެން، އެމްއެސް ނައު (ކުރީގެ އެމްއެސްއެންބީސީ) އަދި ޕޮލިޓިކޯގެ ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރައްވާފައެވެ. މިކަމާ ގުޅިގެން، ވައިޓް ހައުސްގެ ޕޫލްގައި ހިމެނޭ އޭބީސީ، ސީބީއެސް، ފޮކްސް ނިއުސް އަދި އެންބީސީން ވަނީ ހޯމަ ދުވަހުގެ ހެނދުނު ރައީސްގެ ހަރަކާތްތައް ކަވަރުކުރުން ހުއްޓާލާފައެވެ.

ހަމަ އެ ދުވަހު، ޓްރަމްޕް ވަނީ ވައިޓް ހައުސްއިން ހިންގާ ގޮތަށް ޔޫޓިއުބްގައި 24 ގަޑިއިރުގެ ޓީވީ ޗެނަލެއް ލޯންޗުކުރައްވާފައެވެ. 'ޓްރަމްޕް ޓީވީ: ދަ އެސެންޝަލްސް ސްޓޭޝަން' ގެ ނަމުގައި ފެށި މި ޗެނަލަކީ އާންމު ޓީވީ ޗެނަލްތަކާ ހިލާފަށް، ހަބަރު ކިޔާ މީހުންނާއި ނޫސްވެރިން ނުހިމެނޭ ގޮތަށް ހިންގާ ޗެނަލެކެވެ. އޭގެ ބަދަލުގައި އެ ޗެނަލުން ދައްކަނީ ރައީސްގެ ތަގުރީރުތަކާއި، ސަރުކާރުގެ އިއުލާންތަކާއި، ރަސްމިއްޔާތުތަކުގެ އިތުރުން ޓްރަމްޕްގެ ވެރިކަމުގެ މުހިންމު ހަރަކާތްތަކެވެ.

ވައިޓް ހައުސްއަށް ވަނުން މަނާކުރި މީޑިއާތަކުން ވަނީ، އެ ފަރާތްތަކަށް ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ހޯމަ ދުވަހު ދައުވާކޮށްފައެވެ. ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރުތް ސޯޝަލްގައި އޭނާ ވަނީ އެ މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެ މީޑިއާތަކަކީ ދޮގު ހަބަރު ފަތުރާ ބައެކެވެ. އަދި އޯވަލް އޮފީހަކީ ގަދަރާއި އިހުތިރާމް ލިބިގެންވާ ތަނަކަށް ވާއިރު، ދަށް ފެންވަރުގެ ބަޔަކު އެތަނުގެ އަގުވައްޓާލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހޮނިހިރު ދުވަހު އޭނާ ވަނީ ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ އިތުރު މީޑިއާތައްވެސް މަނާކޮށްފާނެ ކަމުގެ އިންޒާރުދެއްވާފައެވެ.

ވައިޓް ހައުސްގެ ބްރޯޑްކާސްޓިން ޕޫލްގައި ހިމެނޭ ފަސް ނެޓްވޯކުން އާންމުކޮށް ރައީސްގެ ހަރަކާތްތައް ވީޑިއޯކުރަނީ ފަހަރަކު ނެޓްވޯކަކުންނެވެ. ނަމަވެސް ސީއެންއެން އަށް އެ ފުރުސަތު ނުދިނުމަށް ވައިޓް ހައުސްއިން ނިންމުމުން، ދެން ތިބި ހަތަރު ނެޓްވޯކުން ވަނީ ސީއެންއެންގެ ބަދަލުގައި އެ މަސައްކަތް ކުރުމަށް ދެކޮޅުހަދާފައެވެ. މީގެ އިތުރުން، އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އާއި ދަ ވޮޝިންޓަން ޕޯސްޓް އަދި ދަ ނިއުޔޯކް ޓައިމްސް ފަދަ ނޫސްތަކުން ވަނީ ވައިޓް ހައުސްގެ ފޮޓޯގްރަފީ ޕޫލުން ނަގާ ރައީސްގެ ފޮޓޯތައް ޝާއިއުނުކުރުމަށް ނިންމާފައެވެ.

މިއީ ޓްރަމްޕް މައިގަނޑު މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުއްވި ފުރަތަމަ ފަހަރެއް ނޫނެވެ. ގަލްފް އޮފް މެކްސިކޯގެ ނަން 'ގަލްފް އޮފް އެމެރިކާ' އަށް ބަދަލުކުރުމަށް ޓްރަމްޕް ނިންމެވި ނިންމެވުމާ އެއްގޮތަށް އޭޕީން އަމަލުނުކުރުމުން، މިދިޔަ އަހަރު ޓްރަމްޕް ވަނީ އޭޕީގެ ނޫސްވެރިން ވައިޓް ހައުސްއަށާއި އެއާ ފޯސް ވަން އަށް އެރުން މަނާކުރަން މަސައްކަތްކުރައްވާފައެވެ. އަދި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އަލުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ދަ ނިއުޔޯކް ޓައިމްސް، ދަ ވޯލް ސްޓްރީޓް ޖާނަލް އަދި ބީބީސީއާ ދެކޮޅަށްވެސް ޓްރަމްޕް ވަނީ ގާނޫނީ ފިޔަވަޅުތައް އަޅުއްވާފައެވެ. މީގެ އިތުރުން އޭބީސީގެ ބްރޯޑްކާސްޓް ލައިސަންސް އާކުރުމާ ގުޅޭގޮތުންވެސް ސަރުކާރާއި އެ ނެޓްވޯކާ ދެމެދު ވަނީ މައްސަލަތަކެއް އުފެދިފައެވެ.

ވައިޓް ހައުސްގައި މީޑިއާ ޓީމެއް ހަރަކާތްތެރިވަނީ---

ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ލީޑަރުންވެސް ވަނީ މައިގަނޑު މީޑިއާތައް އެއްފަރާތްކުރުމަށްފަހު އަމިއްލަ މީޑިއާ ޗެނަލްތައް މެދުވެރިކޮށް އާންމުންނާ މުއާމަލާތްކޮށްފައެވެ. ވެނެޒުއޭލާގެ ކުރީގެ ރައީސް ހޫގޯ ޗާވޭޒް ވަނީ 1999 އިން 2012 އަށް 'ހެލޯ، ޕްރެޒިޑެންޓް' ގެ ނަމުގައި ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމެއް ހިންގަވާފައެވެ. އެ ޕްރޮގްރާމްގައި އޭނާ ލަވަކިޔުމާއި، އާންމުންގެ ފޯނު ކޯލުތަކަށް ޖަވާބުދިނުމާއި، އިދިކޮޅު ފަރާތްތަކަށް ފާޑުކިޔުން ފަދަ ކަންކަން ކުރިއަށްގެންދެވިއެވެ. އަދި ގައުމުގެ ހުރިހާ ޗެނަލަކުން އެއްފަހަރާ ދައްކަން މަޖުބޫރުކުރާ 'ކަޑޭނާސް' ބްރޯޑްކާސްޓްތައްވެސް އޭނާ ބޭނުންކުރެއްވިއެވެ.

ޗާވޭޒްއަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ނިކޮލަސް މަދޫރޯވެސް ވަނީ މި އުސޫލުން އަމަލުކުރައްވާފައެވެ. އެމެރިކާގެ ސިފައިން މި އަހަރުގެ ޖެނުއަރީ މަހު ޓްރަމްޕްގެ އަމުރަށް ކަރާކަސްގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ހަތިޔާރާއި މަސްތުވާތަކެތީގެ ތުހުމަތުގައި މަދޫރޯ ހައްޔަރުކުރުމާ ހަމައަށް، އޭނާ ގެންދެވީ ދައުލަތުގެ ޓީވީން އަމިއްލަ ޕްރޮގްރާމެއް ހުށަހަޅުއްވަމުންނެވެ. އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައްވެސް އޭނާ ވަރަށް ބޮޑަށް ބޭނުންކުރެއްވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2014 ވަނަ އަހަރުން ފެށިގެން ގެންދަވަނީ ދައުލަތުގެ ރޭޑިއޯ މެދުވެރިކޮށް މަހަކު އެއްފަހަރު އާންމުންނާ މުހާތަބުކުރައްވަމުންނެވެ. އަދި އޭނާގެ އަމިއްލަ 'ނަމޯ' އެޕް މެދުވެރިކޮށް އާންމުންނަށް މެސެޖުތައް ފޮނުއްވާއިރު، ނޫސްވެރިންގެ ސުވާލުތަކަށް އޭނާ ޖަވާބުދެއްވަނީ ވަރަށް މަދުންނެވެ. ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ އޭނާގެ ވެރިކަމުގައި ފޭސްބުކް ލައިވް މެދުވެރިކޮށް ކޮންމެ ހަފްތާއަކު އާންމުންނާ ބައްދަލުކުރެއްވިއެވެ. އަދި އެލް ސެލްވަޑޯގެ ރައީސް ނައިބް ބުކޭލޭ މުހިންމު ނިންމުންތައް އިއުލާންކުރައްވަނީ އެކްސް މެދުވެރިކޮށެވެ. އޭނާ ވަނީ 2020 ވަނަ އަހަރު ދައުލަތުގެ ޓީވީ ޗެނަލްގައި ސަރުކާރުގެ ހަބަރު ޕްރޮގްރާމެއް ފައްޓަވައި، ސަރުކާރުގެ މެސެޖުތައް ފެތުރުމަށް ހާއްސަ ނޫހެއްވެސް ހިންގަވަން ފައްޓަވާފައެވެ.

comment ކޮމެންޓް