މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭގެ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 26 އަހަރުގެ އަންހެން މީހާ މިއަދު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވި 26 އަހަރުގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، މިއަދު ހަވީރުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވެފައި ވަނީ އާއިޝަތު މާހިދާއެވެ.
މި އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އަނިޔާވެފައިވެއެވެ. އެއީ 21 އަހަރުގެ ދިވެހި ފިރިހެނަކަށާއި، 22 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން މިއަދު މަރުވި 26 އަހަރުގެ ދިވެހި އަންހެން މީހާއަށެވެ. އަނިޔާވި ދެ ފިރިހެނުންނަށް އައިޖީއެމްއެޗުގައި ވަނީ ފަރުވާދީފައެވެ.
މި ހާދިސާއާ ގުޅިގެން ދައުރުވާ ވީޑިއޯއަކުން ފެންނަނީ، އަންހެން މީހާ ވެއްޓި، އޭނާގެ ބޮލުން ވަރަށް ގިނައިން ލޭ ފައިބައިފައި އޮތް ތަނެވެ. އެ ވަގުތު ވެސް އޭނާގެ ހަރަކާތެއް ނެތްއިރު، ދެ ފިރިހެނުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައި ހުރި މަންޒަރު ފެނެއެވެ.
ފުލުހުން ބުނި ގޮތުގައި، މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
އެއާއެކު ބުދަ ދުވަހުގެ ރޭ ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން އެކަކު ހައްޔަރު ވެސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރީ ކާކު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މާހިދާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
މާލެ ސަރަހައްދުގައި ވެސް ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ އެކްސިޑެންޓުތައް ހިނގައެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 2,100 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.