އިންޑިއާގެ ހައިދަރުއާބާދަށް ނިސްބަތްވެވަޑައިގަންނަވާ، ޢުމުރުން 92 އަހަރުގެ ޑރ. ސޫރީ ސްރީމަތީގެ އެންމެ ފުރަތަމަ ވިއްސުމުގެ ތަޖުރިބާއަކީ 1959 ވަނަ އަހަރު ސަންގަރެޑީގެ ސަރުކާރު ހޮސްޕިޓަލެއްގައި ކުރެއްވި ސީ-ސެކްޝަން (ސިޒޭރިއަން) އޮޕަރޭޝަނެކެވެ.
އެ ދުވަސްވަރު ޞިއްޙީ ވަޞީލަތްތައް ނުހަނު ދަތިކޮށް ހުރުމުގެ ސަބަބުން، މުޅި އޮޕަރޭޝަންގެ ގިނަ މަސްއޫލިއްޔަތުތަކެއް އެކަނިމާއެކަނި އުފުއްލަވަން ޖެހިވަޑައިގެންނެވިކަން ޑޮކްޓަރު ހަނދާން އާކުރައްވައެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ޑރ. ސޫރީ ސްރީމަތީ ހުއްޓުމެއްނެތި ސީ-ސެކްޝަން އޮޕަރޭޝަންތައް ކުރައްވަމުން ގެންދަވާކަމެވެ.
ޑރ. ސްރީމަތީގެ 60 އަހަރަށްވުރެ ދިގު މެޑިކަލް ޙަޔާތްޕުޅަކީ އަންހެނުންގެ ޞިއްޙީ ޚިދުމަތަށް އިންޤިލާބީ ބޮޑެތި ބަދަލުތަކެއް އައި ދުވަސްވަރެކެވެ. އޭނާ ޚިދުމަތަށް ނުކުމެވަޑައިގެންނެވިއިރު، އަލްޓްރާސައުންޑް ފަދަ ޒަމާނީ ވަޞީލަތްތަކެއް އާންމުކޮށެއް ނުލިބެއެވެ. އޭރު މާބަނޑު ދުވަސްވަރު ދިމާވާ މައްސަލަތައް ދެނެގަތުމަށް ބަރޯސާވާން ޖެހުނީ ބަލިމީހާ ބެލުމަށާއި، ކްލިނިކަލް މަޢުލޫމާތަށެވެ. ނަމަވެސް މިއަދު ޒަމާނީ އިމޭޖިން އަދި ލެބޯޓްރީ ޓެސްޓުތަކުގެ އެހީގައި، ދިމާވެދާނެ ނުރައްކާތައް މާކުރިން ދެނެގަތުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ.
މީގެއިތުރުން މާބަނޑު ދުވަސްވަރު ދޭ ފަރުވާއަށް އައި ބޮޑެތި ބަދަލުތައް ވެސް އެކަމަނާ ވަނީ ތަޖުރިބާކުރައްވާފައެވެ. ކުރީގެ އަހަރުތަކުގައި ފުރާވަރުގެ ޢުމުރުގައި މާބަނޑުވުމުގެ މައްސަލަތައް ގިނައިން ފެނުނު ނަމަވެސް، އިޖުތިމާޢީ ޙާލަތަށް އައި ބަދަލާއެކު މިހާރު އަންހެނުން ކައިވެނިކުރުމާއި ދަރިން ހޯދާ ޢުމުރު ފަސްވެފައިވާކަން އެކަމަނާ ފާހަގަކުރައްވައެވެ. އަދި ޒަމާނާއެކު ސީ-ސެކްޝަން ހަދާ މިންވަރު އިތުރުވެފައިވީ ނަމަވެސް، ޞިއްޙީގޮތުން އެކަށީގެންވާ ޙާލަތްތަކުގައި ޤުދުރަތީ ގޮތުގައި ވިހެއުމަށް އިސްކަންދޭންޖެހޭ ކަމަށާއި، ސާޖަރީއަކީ ހަމައެކަނި ފުރާނައަށް ނުރައްކާވާ ފަދަ ޙާލަތްތަކުގަ އާއި ލޭފޭބުމާއި އިންފެކްޝަން ފަދަ ކުއްލި ޙާލަތްތަކުގައި އިޚްތިޔާރުކުރަންޖެހޭ ވަޞީލަތެއް ކަމަށް އެކަމަނާ ދެކެވަޑައިގަންނަވައެވެ.
ޑރ. ސޫރީ ސްރީމަތީ ހައިދަރުއާބާދަށް ނިސްބަތްވާ ޒުވާން ޑޮކްޓަރުންތަކަކާ އެކު އޮޕަރޭޝަން ތިއޭޓަރުގައި -- ފޮޓޯ/އިންސްޓަގްރާމްއުމުރުން 92 އަހަރުގައި ވެސް ޑރ. ސްރީމަތީ ގެންދަވަނީ އެހެން ޞިއްޙީ އެހީތެރިންގެ ބައިވެރިވުމާއެކު، އޮޕަރޭޝަންތަކުގައި ޢަމަލީގޮތުން އިސްދައުރެއް އަދާކުރައްވަމުންނެވެ. ޢުމުރުން ދުވަސްވުމާ ގުޅިގެން ކުރައްވާ ސާޖަރީތަކުގެ ޢަދަދު މަދުކުރެއްވި ނަމަވެސް، މުހިންމު ޙާލަތްތަކުގައި އަދިވެސް އޮޕަރޭޝަން ތިއޭޓަރަށް ވަދެވަޑައިގަންނަވައެވެ.
އެކަމަނާގެ ދިގު ތަޖުރިބާގެ ސަބަބުން ތަފާތު ޖީލުތަކުގެ ބަލިމީހުންނާއެކު ޚާއްޞަ ގާތްކަމެއް ވަނީ އުފެދިފައެވެ. މިއަދު އެކަމަނާގެ އަރިހުން ފަރުވާ ހޯދަމުންދާ ބައެއް މީހުންނަކީ މީގެ އެތައް އަހަރެއް ކުރިން އެކަމަނާގެ އަތްޕުޅުން ދުނިޔެއަށް އުފަންވި ކުދިންނެވެ. އެގޮތުން އެއް އާއިލާއެއްގެ ތިން ޖީލެއްގެ އަންހެނުންނަށް ފަރުވާ ދެއްވުމުގެ ނަސީބު ވެސް އެކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ.
ޑރ. ސްރީމަތީގެ ޚިދުމަތުގެ ދަތުރުގައި، ސަރުކާރު ހޮސްޕިޓަލްތަކާއި އަމިއްލަ ކްލިނިކްތައް ހިމެނޭހެން ގާތްގަނޑަކަށް ދެ ލައްކައަށްވުރެ ގިނަ ކުދިން ދުނިޔެއަށް އުފަންކުރުވުމުގައި ވަނީ އެހީތެރިވެދެއްވާފައެވެ. މީގެއިތުރުން އެކަމަނާއަކީ އެތައް ޒުވާން ޑޮކްޓަރުންނެއް ތަމްރީނުކުރެއްވި އިޙްތިރާމް ލިބިގެންވާ އުސްތާޛެކެވެ. ދަރިވަރުން ފާހަގަކުރާ ގޮތުގައި އެކަމަނާއަކީ ސާޖަރީގެ ކަންކަމުގައި ނުހަނު ފަރުވާތެރި، އަދި ބަލިމީހުންގެ އިޙްސާސްތައް ދަންނަ އޯގާތެރި ޝަޚްޞިއްޔަތެކެވެ.
ބަލިމީހުންގެ އިތުބާރު ހޯދުމަށާއި، ވިހެއުމުގެ ވޭން ވީހާވެސް ކުޑަކޮށްދިނުމަށް އަހައްމިއްޔަތުކަން ދެއްވާ ޑރ. ސްރީމަތީ އަދިވެސް ގެންދަވަނީ އެކަމަނާގެ ގޭގައި ހިންގަވާ ކްލިނިކުން ބަލިމީހުން ބައްލަވަމުންނެވެ.
ވިއްސުމުގެ އިތުރުން، އަންހެނުންގެ ޢާންމު ޞިއްޙަތާއި ރަނގަޅު ކާނާ (ނިއުޓްރިޝަން) ބޭނުންކުރުމުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އުފެއްދެވުމަށްވެސް އެކަމަނާ އަބަދުވެސް ބާރުއަޅުއްވައެވެ. އުމުރުން 92 އަހަރުގައިވެސް ޑރ. ސްރީމަތީ ދައްކަވަމުން ގެންދަވާ ނަމޫނާއަކީ ހަމައެކަނި ސިއްޙީ ޚިދުމަތެއް ނޫނެވެ. އެއީ އިންޑިއާގެ ޞިއްޙީ ދާއިރާގެ ތާރީޚުގައި ލިޔެވިފައިވާ ފަނޑުވުމެއްނެތް، އަގުހުރި ޚިދުމަތުގެ ދިރިހުރި މިސާލެކެވެ.