ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި "ސަރް ޚޭތުރާ"ގެ ޓްރޮފީ ކާމިޔާބުކުރި ނަބީލް ޝައުކަތު އަލީ، ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެއެވެ.
ރާއްޖޭގެ ސާފު ފަޅުތަކާއި ކަނޑުގެ ހިތްގައިމު މަންޒަރުތަކުން ފުރިގެންވާ އޭނާގެ ޗުއްޓީގެ އުފާވެރި ވަގުތުތައް، ނަބީލް އަންނަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކުރަމުންނެވެ.
ރާއްޖޭގެ ހިތްގައިމުކަމަށް ތައުރީފު ކުރަމުން ނަބީލް ބުނީ ރާއްޖޭގެ މާހައުލުން އިހުސާސްވީ ހަމަހިމޭން ކަމާއި އަމާންކަން ކަމަށެވެ. ނަބީލް ޗުއްޓީ ހޭދަކުރަމުން އަންނަ މަންޒިލް ހާމަކޮށްފައިނުވާއިރު އޭނާ ވަނީ އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ޒަކިރު ޚާންއާ އެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.
ނަބީލް އިންޑިއާގެ ކޮމީޑިއަން ޒަކިރު ޚާންއާ އެކު--ފޮޓޯ/އިންސްޓަގްރާމްނަބީލްގެ މި ދަތުރަކީ އޭނާގެ މިއުޒިކީ ކެރިއަރަށް އަނެއްކާވެސް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ ދަނޑިވަޅެއްގައި ކުރި ދަތުރެއްކަންވެސް ފާހަގަކޮށްލެއެވެ. އެގޮތުން، ޕާކިސްތާނުގެ މަގުބޫލު ޑްރާމާ ސިލްސިލާ "ދަރް-އެ-ނިޖާތު"އަށް އޭނާ ކިޔައިދީފައިވާ "އަލްވިދާ" އަކީ މިހާރު ސޯޝަލް މީޑިއާގަ އާއި އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް ޓްރެންޑްވެ، ބޮޑު މަގުބޫލުކަމެއް ހޯދަމުންދާ ލަވައެކެވެ.
ނަބީލް ޝައުކަތު އަލީއަކީ އޭނާގެ އިހުސާސުން ފުރިގެންވާ އަޑުގެ ސަބަބުން މުޅި ސައުތު އޭޝިއާގައިވެސް ފާހަގަކޮށްލެވޭ މިއުޒިކީ ފަންނާނެކެވެ. ޚާއްސަކޮށް، 2012 ވަނަ އަހަރު ޕާކިސްތާނާއި އިންޑިއާގެ މިއުޒިކީ ތަރިންގެ މެދުގައި ބޭއްވުނު ބޮޑު ރިއަލިޓީ ޝޯ "ސަރް ޚޭތުރާ" ކާމިޔާބުކޮށް، އޭނާ ވަނީ ދެ ގައުމުގެ ސަޕޯޓަރުންގެ ހިތްތައް ފަތަހަކޮށްފައެވެ. އޭގެ ފަހުންވެސް އޭނާ ވަނީ ޕާކިސްތާނުގެ ގިނަ ޑްރާމާތަކުގެ އޯއެސްޓީތަކަށާއި ވަކި އަލްބަމްތަކަށް ހިތްގައިމު އެތައް ލަވަތަކެއް ކިޔައިދީފައެވެ.