'ދަ ޑާޓީ ޕިކްޗާ 2' ގެންނާނީ މުޅިން އާ ވާހަކައަކާ އެކު: އެކްތާ

ފިލްމު ޕްރޮޑިއުސަރު އެކްތާ ކަޕޫރު އަދި "ދަ ޑާޓީ ޕިކްޗާ"ގެ މަންޒަރެއްގައި އެ ފިލްމުގެ ލީޑް ތަރިން ކަމަށްވާ ވިދްޔާ ބާލަން، ތުޝާރު އަދި ނަސީރުއްދީން ޝާހް--ފޮޓޯ/އިންޑިއާޓުޑޭ

ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ބޮލީވުޑް ފިލްމު "ދަ ޑާޓީ ޕިކްޗާ"ގެ ދެވަނަ ބައެއް ގެނެސްދޭން ތައްޔާރުވަމުން އަންނަކަން އެ ފިލްމުގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ކަށަވަރުކޮށްދީފިއެވެ.

ފުރަތަމަ ފިލްމު ސިނަމާތަކަށް އައިތާ 15 އަހަރު ފަހުން ގެންނަ މި ސީކުއެލްއާ ގުޅޭގޮތުން އެކްތާ ބުނީ، މި ފަހަރު ވެސް ކިޔައިދޭން ބޭނުންވާ ވަކި މީހެއްގެ ޚާއްސަ ވާހަކައެއް އެބައޮތް ކަމަށެވެ. ނަމަވެސް ފިލްމުގެ ކާސްޓާއި، ލީޑް ރޯލްއިން ފެންނާނެ ތަރިއަކާއި، އަދި ރިލީޒްކުރާނެ ތާރީޚެއް އެކްތާ ހާމަކޮށްފައެއް ނުވެއެވެ.

މަޝްހޫރު ޕޮޑްކާސްޓަރު ރަންވީރު އަލްހާބާދީގެ ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން އެކްތާ ފާހަގަކުރިގޮތުގައި، މި ސީކުއެލްއަކީ އޭނާ މާކުރިއްސުރެ ވެސް އުފައްދަން ބޭނުންވި ޕްރޮޖެކްޓެކެވެ. އަދި މިވަގުތު މި މަޝްރޫއު ކުރިއަށް ގެންދަން ނިންމީ ބެލުންތެރިންނަށް ކިޔައިދޭން ބޭނުންވާ ވަރުގަދަ ވާހަކައެއް ލިބުމުން ކަމަށް އެކްތާ ވަނީ ބުނެފައެވެ.

ސައުތު ސިނަމާގެ ކުރީގެ މަޝްހޫރު ބަތަލާ ސިލްކް ސްމިތާ--ފޮޓޯ/އިންޑިއާޓުޑޭ

ފުރަތަމަ ފިލްމު ފަދައިން މި ފިލްމު ވެސް ބިނާވެފައިވާނީ މަޝްހޫރު ޝަހްސިއްޔަތެއްގެ ހަޔާތުގެ މައްޗަށް ކަމަށް އެކްތާ ބުނެފައިވެއެވެ. ވިދިޔާ ބާލަން ލީޑް ރޯލް ކުޅުނު 2011 ވަނަ އަހަރުގެ ފިލްމަކީ ސައުތު ސިނަމާގެ އައިކަން ސިލްކް ސްމިތާގެ ހަޔާތަށް ބިނާކޮށް، އުފެއްދި ފިލްމެކެވެ. މި ފިލްމުގައި ކުޅުނު ރޯލުން ވިދްޔާއަށް ވަނީ އެންމެ މޮޅު ބަތަލާގެ ޤައުމީ ފިލްމު އެވޯޑު ވެސް ލިބިފައެވެ. ސިލްކް ސްމިތާގެ 18 އަހަރުގެ ފިލްމީ ކެރިއަރުގައި 450 އަށްވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައިވާއިރު، އޭނާ މަރުވީ އުމުރުން 35 އަހަރުގައެވެ.

comment ކޮމެންޓް