ނަންބަރު އައިނަކާއި ސެންޓު ފުޅިއެއް ވަގަށް ނެގި މީހާ ގޭބަންދަށް

ކުޅުދުއްފުށީގެ މަގެއް މަތި: --- ފޮޓޯ/ ކުޅުދުއްފުށީ.ކޮމް

ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރެއިން ނަންބަރު އައިނަކާއި ސެންޓު ފުޅިއެއް ވަގަށް ނެގި މައްސަލައެއްގައި ކުށް ސާބިތުވި މީހަކު ގޭގައި ބަންދުކުރުމަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ މިދިޔަ ޖުލައި 30 ވި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ކުޅުދުއްފުށީ ގެއެއްގެ ބޭރުގައި ބާއްވާފައި އޮތް ޕިކަޕެއްގެ ހުންގާނުގައި އަޅުވާފައި ހުރި ކޮތަޅެއްގެ ތެރެއިން ނަންބަރު އައިނަކާއި ސެންޓު ފުޅިއެއް ވަގަށް ނެގި މައްސަލައެކެވެ.

ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ވައްކަންކުރުމުގެ ކުށުގެ ދަޢުވާއެވެ. ޝަރީޢަތުގެ އިބްތިދާއީ އަޑުއެހުމުގައާއި އަވަސްނިޔާގެ އަޑުއެހުމުގައި ދަޢުވާލިބޭ ފަރާތުން ވަނީ އަމިއްލަ އިޚްތިޔާރުގައި ކުށަށް އިޢުތިރާފުވެފައެވެ. ކުށަށް އިޢުތިރާފުވުމާ ގުޅިގެން އަދަބުގެ ދަރަޖަ އެކެއް ދަށްކުރުމުން، އޭނާގެ މައްޗަށް އައީ އެއް މަހާއި 24 ދުވަހުގެ ޖަލު އަދަބެކެވެ.

ނަމަވެސް، ދަޢުވާލިބޭ ފަރާތުން އަދަބު ލުއިކޮށްދިނުމަށް އެދިފައިވާތީއާއި، ފަހުގެ ތާރީޚެއްގައި އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުން، ކޯޓުން ވަނީ ޤާނޫނުގައިވާ އުސޫލުގެ ދަށުން ޖަލު އަދަބު ގޭގައި ބަންދުކުރުމުގެ އަދަބަކަށް ބަދަލުކޮށްދީފައެވެ.

އެގޮތުން ކުށް ސާބިތުވި މީހާ ތިން މަހާއި 18 ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

comment ކޮމެންޓް