ބަދަން ކެއުމުން ޓައިޕް-2 ހަކުރުބަލީގެ ނުރައްކާ ކުޑަކޮށްދޭ ސަބަބުތައް

ބަދަނަކީ ސިއްހީ ގޮތުން ގިނަގުނަ މަންފާތަކެއް ލިއްބައިދޭ މުހިންމު ކާނާއެއް--ފޮޓޯ/ޕިންޓްރެސްޓް

ޤަވާއިދުން ބަދަން ބޭނުންކުރުމަކީ ޓައިޕް-2 ހަކުރުބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މީގެ މައިގަނޑު ސަބަބަކީ ބަދަނުގައި ސިއްހަތަށް ފައިދާހުރި ޚާއްޞަ ފެޓްގެ ބާވަތްތަކެއް ކަމަށްވާ 'ވެރީ ލޯންގް-ޗެއިން ސެޗުރޭޓެޑް ފެޓީ އެސިޑްސް' ގިނަ ޢަދަދަކަށް އެކުލެވިގެންވުމެވެ.

ބަދަނަކީ ސިއްހީ ގޮތުން ގިނަގުނަ މަންފާތަކެއް ލިއްބައިދޭ މުހިންމު ކާނާއެކެވެ. އޭގައި ޕްރޮޓީން، ސިއްހަތަށް ފައިދާހުރި ފެޓް އަދި މުހިންމު ވިޓަމިންތަކުގެ އިތުރުން މެގްނީޒިއަމް، ފޮސްފަރަސް އަދި ޕޮޓޭސިއަމް ފަދަ މައުދަންތައް އެކުލެވެއެވެ. މީގެ އިތުރުން، ބަދަނަކީ 'ލޯ ގްލައިސީމިކް އިންޑެކްސް' ހިމެނޭ އެއްޗަކަށް ވުމުން، އެ ބޭނުންކުރުމުން ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް އުފުލިގެން ނުދެއެވެ.

މިއީ ހަކުރުބަލި ހުންނަ ފަރާތްތަކަށް ލޭގެ ހަކުރު ކޮންޓްރޯލް ކުރުމުގައި ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ. 'ދަ އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަން'ގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ވެސް ވަނީ، ބަދަން ކެއުމަކީ ޓައިޕް-2 ހަކުރުބަލީގެ ނުރައްކާ ކުޑަކޮށްދޭ ކަމެއްކަން ސާބިތުކޮށްދީފައެވެ.

ބަދަނުގައި ކެލޮރީ ގިނަ އަދަދަކަށް އެކުލެވޭތީ، މާ ގިނައިން ބޭނުންކޮށްފިނަމަ ބަރުދަން އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/ޕިންޓްރެސްޓް

މި ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ، ބަދަން ކެއުމުގެ ސަބަބުން ލޭގެ ތެރޭގައި ހުންނަ ފެޓްގެ މާއްދާތަކަށް އަންނަ ބަދަލުތަކާއި، އެ ބަދަލުތަކާ ގުޅިގެން ޓައިޕް-2 ހަކުރުބައްޔަށް ކުރާ އަސަރުތަކަށެވެ. ކާނާ ހަޖަމުވުމަށްފަހު ހަށިގަނޑުން ލޭގެ ތެރެއަށް ބަޔޮލޮޖިކަލް "މާކާއެއް" ނުވަތަ ނިޝާނެއް ދޫކުރެއެވެ. މިގޮތުން، ބަދަނުގައި އެކުލެވޭ 'ވެރީ ލޯންގް-ޗެއިން ސެޗުރޭޓެޑް ފެޓީ އެސިޑްސް'ގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރު ދެނެގަތުމަށް ދިރާސާވެރިން ވަނީ ދެ ގޮތަކަށް ތަހުލީލުތައް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ކްލިނިކަލް ޓްރަޔަލްގެ ގޮތުގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބި މީހުންނަށް ހަ މަސް ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހަކު ވަކި މިންވަރަކަށް ބަދަން ނުވަތަ ޕީނަޓް ބަޓަ ދިނުމަށްފަހު، އެމީހުންގެ ލޭގެ ކެމިސްޓްރީއަށް އަންނަ ބަދަލުތައް މޮނިޓަކޮށްފައިވެއެވެ.

އަދި މީގެއިތުރުން އެތައް ހާސް ބައެއްގެ ސިއްހީ ރެކޯޑުތަކާއި ލޭގެ ސާމްޕަލްތައް ގިނަ އަހަރުތަކެއް ވަންދެން ބަލައި، ލޭގައި އުފެދޭ މި ޚާއްޞަ މާއްދާތަކާއި ބަލިތައް ޖެހުމާ ދެމެދު އޮތް ގުޅުން ދެނެގަތުމަށް އާބާދީގެ ފުޅާ ދިރާސާއެއް ކޮށްފައިވެއެވެ.

މި ދިރާސާތަކުން ހާމަވި ގޮތުގައި، ބަދަން ކެއުމުން ލޭގެ ތެރެއަށް ފެޓް އިތުރުވަނީ އެއްވެސް އިންތިޒާމެއް ނެތިއެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ލޭގެ ލިޕިޑްތަކަށް އަންނަ ވަރަށް ޚާއްޞަ، ފައިދާހުރި ބަދަލެކެވެ.

ދިރާސާއިން ފާހަގަކުރެވުނު މުހިންމު ނުކުތާތަކުގެތެރޭ، ހަށިގަނޑަށް ފައިދާހުރި ފެޓް އިތުރުވުން، ހަކުރުބަލީގެ ނުރައްކާ ކުޑަވުން، ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން އަދި ހަކުރުބަލީގެ ނުރައްކާ ކުޑަކޮށްދިން ނަމަވެސް، ހިތުގެ ބަލިތަކާ ސީދާ މި މާއްދާތަކާ ގުޅުމެއް ނުވާކަން ވަނީ ދެނެގަނެވިފައެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް ޑރ. ގޯތަމް ސިންގަލް ވިދާޅުވި ގޮތުގައި، ބަދަނުގައި ހިމެނޭ މޮނޯއަންސެޗުރޭޓެޑް އަދި ޕޮލީއަންސެޗުރޭޓެޑް ފެޓްސްއަކީ ސެޗުރޭޓެޑް ފެޓް އެކުލެވޭ ކާނާގެ ބަދަލުގައި ބޭނުންކޮށްފިނަމަ، ގެއްލުންހުރި 'އެލްޑީއެލް' ކޮލެސްޓްރޯލް ދަށްކުރުމަށް އެހީތެރިވެދޭނެ މާއްދާތަކެކެވެ. މީގެ އިތުރުން، އޭގައި ހިމެނޭ މެގްނީޒިއަމް، ފައިބަރު އަދި ފައިޓޯކެމިކަލްސްއަކީ ހިތުގެ ދުޅަހެޔޮކަމަށް ކޮންމެހެން މުހިންމު ބައިތަކެކެވެ. އެހެންކަމުން، ބަންދުކޮށްފައި ހުންނަ ލުއިކާނާގެ ބަދަލުގައި، ލޮނު ނާޅާ ހުންނަ ބަދަން ކޮޅެއް ކެއުމަކީ ސިއްހަތަށް ފައިދާހުރި އާދައެކެވެ.

ހަކުރުބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ބަދަނަކީ ވަރަށް އެކަށޭނަ ކާނާއެކެވެ. އޭގެ ސަބަބުން ލޭގެ ހަކުރު ކުއްލިއަކަށް މައްޗަށް ދިއުމެއް ނެތި ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ފޯރުކޮށްދެއެވެ. އަދި އޭގައި ހިމެނޭ ޕްރޮޓީން އާއި ފެޓްގެ ސަބަބުން ގިނަވަގުތު ބަނޑުހައިނުވެ ހިފަހައްޓައިދީ، މާ ގިނައިން ކެއުމުން ދުރުހެލިކޮށްދެއެވެ.

ނަމަވެސް، ބަދަން ބޭނުންކުރަންވާނީ މިންވަރު ދަނެގެންނެވެ. ބަދަނުގައި ކެލޮރީ ގިނަ އަދަދަކަށް އެކުލެވޭތީ، މާ ގިނައިން ބޭނުންކޮށްފިނަމަ ބަރުދަން އިތުރުވުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން، ދުޅަހެޔޮ ކެއުމުގެ ތެރޭގައި ހިމަނައިގެން، ވަކިން ޚާއްޞަކޮށް ލޮނު ނާޅާ ހުންނަ ބަދަން ބޭނުންކުރުން ބުއްދިވެރިއެވެ. އަދި ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުން، ކެއުމުގެ އާދަތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ކުރިން އަބަދުވެސް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަކީ މުހިންމު ކަމެކެވެ.

comment ކޮމެންޓް