އިހުސާންގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ޝަމްއާނާ އޭސީސީން ސުވާލުކޮށްފި

މިނިސްޓަރު އިހުސާންއާއި ޝަމްއާން -- ފޮޓޯ/ އިމިގްރޭޝަން

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް ޝަމްއާން ވަހީދު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކޮށް ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގެވި ކަމަށް ތުހުމަތުކުރި ކޮރަޕްޝަންގެ އަމަލުތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކޮށްފިއެވެ.

ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއެއް ސާބިތުވެފައިވާ ކަމަށް މިއަހަރުގެ ޖޫން ނުވަވަނަ ދުވަހު ވަނީ ނިންމާފައެވެ. އެއީ މަނީ ލޯންޑްރިންގެ ކުށަށް 15 އަހަރު، ފޭރުމުގެ ކުށަށް އަށް އަހަރު އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށަށް ދެ އަހަރެވެ.

މި މައްސަލައަކީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީއެއްގެ އަތުން 530,000 ރުފިޔާ ނެގި ކަމަށް ބުނާ މައްސަލައެކެވެ. ނަމަވެސް ޝަމްއާން ވަނީ މި ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ.

https://sun.mv/223106

އެ ދުވަހު ހުކުމް އިއްވުމުގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމްއާން ވިދާޅުވީ، މިއީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަމުރަށް އޭނާ ފްރޭމްކޮށްގެން ކުރިއަށްގެންދާ މައްސަލައެއް ކަމަށެވެ. ޝަމްއާން ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މިނިސްޓަރު އިހުސާން ވަނީ ވަކި ބަޔަކަށް ވިއްކާލާފައެވެ. އަދި އެކަން ހުއްޓުވަން އޭނާ މަސައްކަތް ކުރުމުން ރައީސް މުއިއްޒު ސީދާ އޭނާއަށް ގުޅުއްވައި އެކަމާ ދެކޮޅު ނުހެދުމަށް އެދިވަޑައިގެންނެވި ކަމަށްވެސް ޝަމްއާން ވިދާޅުވިއެވެ.

'ސަން' އަށް މައުލޫމާތު ދެއްވައި އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ސުވާލު ކުރުމަށް ޝަމްއާން އޭސީސީއަށް ހާޒިރުކުރި ކަމަށެވެ.

ޝަމްއާނަށް ކުރާ ދައުވާތަކާ ގުޅިގެން އޭނާގެ ދިފާއުގައި މަންމައާއި ބައްޕަ އަދި އަންހެނުން ވެސް ހެކިބަސް ދީފައިވެއެވެ.

https://www.sun.mv/223241

ޝަމްއާންގެ އަންހެނުންނާއި މަންމަ އަދި ބައްޕަ، ދިފާއީ ހެއްކެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ހުށަހެޅީ ޝައްމާން ނަގާފައިވާ ސްޓޫޑެންޓް ލޯނަށް ފައިސާ ދައްކާފައިވާ ކަމާއި، އެ ފައިސާއަކީ އޭނާއަށް އޭނާގެ ބައްޕަ ދިން ފައިސާކަން ސާބިތުކުރުމަށެވެ.

ޝަމްއާންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ބިދޭސީއެއް އަތުން ބައި މިލިއަން ރުފިޔާ ފޭރިގަނެ، އޭގެ ތެރެއިން ބައެއް ޝަމްއާން އަތުގައި ބަހައްޓައި އަދި އަނެއްބައިން، ޝަމްއާންގެ ސްޓޫޑަންޓް ލޯނަށް ފައިސާ ދެއްކުން ހިމެނެއެވެ. އެ ވާހަކަތައް ދައުވާގައި ހިމަނާފައިވެއެވެ.

comment ކޮމެންޓް