ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި މުހައްމަދު އަފީފު އެ މަގާމުން ވަކިކުރީ އެ ކުންފުނި އުވާލަން ނިންމާފައިވާތީކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ބުނެފިއެވެ.
އަފީފް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރީ އިއްޔެއެވެ. ފެނަކައާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލަން ނިންމާފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު ހަތެއްގައި ވަނީ އިއުލާނުކުރައްވާފައެވެ.
އަފީފް މަގާމުން ވަކިކުރީ ކީއްވެތޯ 'ސަން'އިން ސުވާލުކުރުމުން ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު ވަނީ، އޭނާ ވަކިކުރީ ކުންފުނި އުވާލުމަށް ނިންމާފައިވާތީ ކަމަށެވެ.
މިގޮތުން، ފެނަކައިގެ ބައެއް އޮޕަރޭޝަންތައް ސްޓެލްކޯގެ ދަށަށް ނެގިފައިވާ ކަމަށާއި އާރުޑީސީ އުވާލުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ނިޒާރު ވިދާޅުވިއެވެ.
އެ ކުންފުނިތައް އެއްކޮށް ނިމޭނީ ކިހާ ދުވަހަކުންތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، މުޅި ރާއްޖެއަށް އެ ކުންފުނިތަކުގެ މަސައްކަތްތައް ފުޅާވެފައި އޮތުމުން ތާރީޚެއް ދަންނަވަން ދަތި ކަމަށެވެ.
ފެނަކައިގެ އެމްޑީ ކަމުގެ މަގާމުން އަފީފް ވަކިކުރިއިރު، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިބްރާހިމް ނަޒީމް ވަކިކުރައްވައި، އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސަޢުދީ އިއްޔެ ވަނީ އައްޔަނުކުރައްވާފައެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަފީފް އައްޔަންކުރީ މި އަހަރުގެ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުގައެވެ. އަފީފަކީ މި ސަރުކާރުން ފެނަކައަށް އައްޔަންކުރި ތިންވަނަ އެމްޑީއެވެ. އެގޮތުން އެންމެ ފުރަތަމަ ފެނަކައަށް އައްޔަންކުރި މުއާޒު މުޙައްމަދު ރަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވުމުން، އެ މަގާމަށް މުޙައްމަދު ނަޖާޙް އައްޔަންކުރީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.
އަފީފަކީ ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.