މަޖިލީހުގެ ރައީސްގެ މުސާރަ 95،000އަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސަށް ލިބޭ ފައިސާ އިތުރުކޮށް، ރަށު ކައުންސިލްތަކުގެ މުސާރަ ވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފައިވާ ގޮތުގައި މިހާރު މަޖިލިސް ރައީސަށް ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މަޖިލިސް މެންބަރުންނަށް 82،500 ލިބިވަޑައިގަންނަވައެވެ.
ކޮމިޓީގައި އިއުލާންކުރި ގޮތުގައި، އެ ފަރަގު އަންނަނީ މަޖިލީހުގެ ރައީސް ކޮމިޓީގައި ބައިވެރިވެވަޑައިނުގަނެވޭތީއެވެ. އެގޮތުން މެންބަރުން ކޮމިޓީތަކުގައި ބައިވެރިވާ އިންސަތައަށް ބަލައި އެލަވަންސް ލިބެން ހުރެއެވެ. އެއީ 50 އާއި 75 އިންސައްތައިގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމުން 10،000 ރުފިޔާއާއި 75 އިންސައްތައަށްވުރެ މަތިވުމުން 20،000 ރުފިޔާއެވެ.
އެހެންވެ، ކޮމިޓީއަށް ހުށަހަޅައިފައިވަނީ މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އެލަވަންސަށް އިތުރުކުރުމަށެވެ. އެ އެލަވަންސް އިތުރުކުމުން މަޖިލީހުގެ ރައީސްގެ ޖުމުލަ މުސާރަ 95،125 ރުފިޔާއަށް އަރާނެއެވެ.
ހަމައެއާއެކު، ރަށު ކައުންސިލްގެ ރައީސުންނާއި ނައިބު ރައީސުންނާއި ކައުންސިލަރުންނަށް ވެސް އެލަވަންސެއް އިތުރުކުރަން ކޮމިޓީއަށް ހުށަހެޅިއެވެ. އެއީ 5،000 ރުފިޔާގެ ސާވިސް އެލަވަންސްއެއް އިތުރުކުރުމަށެވެ.
އެ ބަދަލު ގެންނަނީ އެހެން ކައުންސިލްތަކާ ފަރަގު ކުޑަކުރަން ކަމަށް ކޮމިޓީގައި ފާހަގަކޮށްފައިވެއެވެ. އެއާއެކު ރަށު ކައުންސިލް ރައީސުންނަށް ލިބޭ މުސާރަ 30،500އަށް އިތުރުވެ، ކައުންސިލްގެ ނައިބު ރައީސްގެ މުސާރަ 25،000އަށް އިތުރުވާނެއެވެ. އަދި ކައުންސިލަރުންނަށް ލިބޭ މުސާރަ 23،000 ރުފިޔާއަށް އަރާނެއެވެ.
މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ލިބެނީ 58،500 ރުފިޔާ ކަމަށްވާއިރު، ދާދި ފަހުން މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައިއިރު ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކަށްކަން މުސާރަތައް ބޮޑުކުރިކަން ހުށަހެޅުމުގައި ފާހަގަކޮށްފައިވެއެވެ.
އެ ބަދަލާއެކު މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލު މަގާމުތަކަށް މުސާރަ 74،000އަށް އަރައިފައިވާއިރު، މިނިވަން މުއައްސަސާތަކުގެ ރައީސުންނަށް 59،000 ރުފިޔާއަށް އަރާކަން ކޮމިޓީގައި ވަނީ ފާހަގަކޮށްފައެވެ. އަދި ޖުޑިޝަރީއަށް ބަލާއިރު އުއްތަމަ ފަނޑިޔާރުގެ މުސާރައަކީ 91،000 ކަމަށްވާއިރު، ފަނޑިޔާރުންނަށް 89،000 ރުފިޔާ ލިބޭކަން ކޮމިޓީގައި ފާހަގަކޮށްފައިވެއެވެ.
"އެހެން ބަލާއިރު މުސާރަ ކުޑަކުރުމަށް ފާހަގަކުރެވޭ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް. ދެން ކޮމިޓީން ޕްރޮޕޯޒް މި ކުރައްވަނީ މުސާރައާ ނުކުޅެ، މި ބޭފުޅުންނަށް މިހާރު ލިބެމުންދާ ޑްރައިވަރުންގެ އެލަވަންސް ޕެކޭޖަށް ބަދަލު ގެންނަން،" ހުށަހެޅުމުގައިވެއެވެ.
ސަރުކާރުގެ އިސް ވެރިންނަށް ޚާއްސަކޮށްފައިވާ އެ ޕެކޭޖުގައި ޕެޓްރޯލް އެލަވަންސަށް 1،000 ރުފިޔާއާއި ޑްރައިވިން އެލަވަންސަށް 6،500 ހިމެނެއެވެ.
މިހާރު ކޮމިޓީއަށް ހުށަހެޅީ ޕެޓްރޯލް އެލަވަންސް 2،000 ރުފިޔާއަށް، ޑްރައިވިން މުސާރައަށް 12،000 ރުފިޔާ އަދި ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3،000 ރުފިޔާ ދިނުމަށެވެ. އެއީ ޖުމުލަ 17،000 ރުފިޔާގެ ޕެކޭޖެކެވެ.