އާދައިގެ މަތިން ސޯޝަލް މީޑިއާ ހާވަނިކޮށް، ލޮލުގައި އަޅައިގަތީ ހުއްޓެން މަޖުބޫރު ކުރުވި ޕޯސްޓެކެވެ. އެއީ، ސަރުކާރުގެ ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ކެންސަރަށް ހޭލުންތެރި ކުރުމަށް ކިޔައިދީފައިވާ، ދެ އެކުވެރިންގެ ކެންސަރުގެ ވޭނީ ތަޖުރިބާގެ ވާހަކައެކެވެ. އެ ދިގު ދަތުރުގައި ފަރުވާގެ ތެރެއިން ދިމާވެ، އެކުވެރިންނަށްވި ވާހަކަތަކެވެ. ކުރިމަތިލާން ޖެހުނު ތަދުތަކާއި އިހުސާސްތަކެވެ.
މި ކަންކަން ކިޔައިދީފައިވާ ގޮތް ވެސް ވަރަށް ތަފާތެވެ. ޅެމެއްގެ އަޑުން ޖަރީކޮށް، ކުޅެފައިވާ މަންޒަރުތަކުން ހިތްތަކަށް ރިހުން ގެނުވިއެވެ. އެކަމަކު، މިއީ ސީދާ ކޮން ބަޔެއްގެ ވާހަކަތައެއްކަން ޔަގީންވެފައިނުވާތީ މި ލިޔުމުގައި އެ މީހުންގެ ނަމެއް ނުހިމަނަމެވެ.
އުފާވެރި ކަމާއި ހިނިތުންވުމުން ފުރިފައިވާ އެ ހަޔާތަށް ސިހުން ގެނުވީ، ކެންސަރުގެ ވޭނީ ޚަބަރުންނެވެ. މާޔޫސް ކަމާއި ހިތާމައިން އޭނާ ވަށާލިއެވެ. ކަރުނައާއި ގިލަނުގެ މޮޅިވެރިކަމެއްގައި މީހާ ޣަރަގުކުރުވިއެވެ. ހަމަޖެހުމުން ފުރިފައިވާ އެ ހަޔާތް އެއްކޮށް އަނދިރިވިއެވެ.
"އުއްމީދުގެ އަލިކަން ގެއްލިގެން، ނެތި ގެއްލިގެން"
" ހައިރާންވެ އިނދެވުނު ވަގުތު، އެ ވަގުތު" އެ ޚަބަރު ލިބުމުން ކުރެވުނު އިހުސާސްތައް އެ ވީޑިއޯގައި ޅެމުން ކިޔައިދީފައިވެއެވެ.

މި ވީޑިއޯގައި އޭނާގެ ކެންސަރުގެ ހަޔާތުގައި ޖަހަން ޖެހުނު އިންޖެކްޝަންތަކާއި ސީރަމްތަކުން ލިބުނު ވޭން ބަޔާންކޮށްދީފައި ވަނީ، އެ ކަން އިހުސާސް ކުރުވާ ފަދަ ގޮތަކަށެވެ.
އެ ތަދާއި ވޭނުގައި ރޭގަނޑުގެ ނިދި ނަގާލިއެވެ. ގިނަ ދުވަސް ދުވަހު އަލިވިލެނީ، ކަރުނައިން ފޯވެފައި އޮއްވައެވެ.
އެ ވޭނީ ހަޔާތަށް އިތުރަށް ލޮޅުމެއް ގެނުވީ، ކެންސަރުގެ ފަރުވާއިން ދިމާވި އެކުވެރިޔާގެ މަރުގެ ޚަބަރުންނެވެ. އެ ވާހަކަތައް ޅެން ބަހުރުވައިން އަޑުއެހިޔަސް، ލޮލުން ކަރުނަ ހިލުވާލައެވެ. އެހާވެސް އަސަރު ގަދައެވެ.
"ފަރުވާ ހޯދަމުން ދިޔަ ފަރާތް، ނޭވާ ހުއްޓިގެން ދިޔައީ ލޯ ކުރިމަތީ"
"ނޭވާ ހުއްޓިގެން ދިޔަ މަންޒަރުން، ކުދި ކުދި ވެގެން ދިޔައީ މި ހިތް"
"އެ ވަގުތުގައި ފުރިގެންވި އަސަރުން، އެ އަސަރުން"
"ނުހަނު ފުން އަސަރާއި ބިރުވެރިކަން، އެ ބިރުވެރިކަން"

އެކަމަކު ވެސް އޭނާގެ އަޒުމަކަށް ލޮޅުމެއް ނުގެނުވިއެވެ. ދެން ނުވާނެ ކަމަށް ހީވާ ކޮންމެ ފަހަރަކު ކުއްތަންވަނީ މާތް ﷲއަށެވެ.
ކަރުނައިން ފުރިފައި ހުރެ، ހިތުގެ އާދޭސްތައް ބަންޑުންކޮށްލުމުގައި ރޭތައް ހޭދަކުރެއެވެ. ހިތްހަމަޖެހުމާއި ތަސައްލީ ހޯދަނީ، އެ ކަލާނގެއަށް ކުރާ ދުއާތަކުންނެވެ. އިތުރު ހިތްވަރެއް ލިބުނީ، އާއިލާއިން ދިއްކުރި އެހީގެ އަތްތަކުންނެވެ.
އެ ކަލާނގެ ރަހުމަތުން ކެންސަރުގެ ވޭނީ ބަލިން ސަލާމަތްވިއެވެ. އާއިލާއާއި އޭނާގެ ހަޔާތަށް ދިރުން ގެނުވީ، އެ ހިސާބުންނެވެ.
ސިއްހީ މާހިރުން ބުނާ ގޮތުގައި، ކެންސަރު ބަލީގެ ކުރީކޮޅު ފަރުވާ ހޯދިއްޖެނަމަ ރަނގަޅު ވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، މި ބަލީގެ އަލާމާތްތަކަށް އެންމެން ވެސް ހޭލުންތެރިވުން ބޭނުންތެރިއެވެ.