ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށްއޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އެންމެ ފަހުން ނެރެފައިވާ މޫސުމީ ޚަބަރުގައި ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާ ކަމަށެވެ.
https://x.com/MNDF_Official/status/2112919422696624631
އެހެންކަމުން ކުރިއަށްއޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ކުރިއަށްއޮތް 3 ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިބާރުވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާތީ، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސަރވިސްއިން ދަނީ ފެން ހިންދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މެޓް އޮފީހުން ނެރުނު މި މޫސުމީ އިންޒާރާއި އެކު ވައި ގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ކަމާބެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރު ނުފެށުމަށެވެ. އަދި އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުގައި ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް ބަރުނުކުރުމަށް ވަނީ އެދިފައެވެ. މީގެއިތުރުން މުދާ ރަނގަޅަށް ހަރުލާގޮތަށް ބަނދެފައި ބެހެއްޓުމަށް ވެސް ވަނީ އެދިފައެވެ.
https://x.com/MNDF_Official/status/2112906112571945341
މީގެއިތުރުން ދަތުރުވެރިން ލައިފްޖެކެޓް އެޅުމަށާއި، ޑައިވިން އަދި ވޯޓަ ސްޕޯޓްސް ހަރަކާތްތައް ހިންގާ ފަރާތްތަކުން މޫސުމަށް ބެލުމާއެކު، މޫސުމާ ބެހޭ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުތަކުގައި ދަތުރު ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ގެއަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމާއި، ކާބޯތަކެއްޗާއި ހިފާގެންގުޅޭ ސާމާނު ރައްކާތެރި ތަންތަނަށް ބަދަލުކުރުމާއި، ވައިގަދަވުމުގެ ސަބަބުން އެއްލައިގެން ހިނގައިދާނެ ތަކެތި ވާޖަހައި ހަރުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެއިތުރުން ބޭނުން ނުކުރާ ކަރަންޓު ސާމާނު ނިއްވާލުމަށާއި، ކާޑުގެ ބާވަތްތަކާއި ޒަރޫރީ ސާމާނަށް ދަތިނުވާނޭހެން ކުރިއާލައި ކަންކަން އިންތިޒާމުކުރުމަށް ވެސް އެންޑީއެމްއޭއިން ވަނީ އެދިފައެވެ.