އެމްއާރުއެންއޭ ވެކްސިނެއް ޓެސްޓުކުރިއިރު، ހަމުގެ ކެންސަރު އަލުން ޖެހުމުގެ ފުރުސަތު 42 ޕަސެންޓް ކުޑަކޮށްދިން

ހަމުގެ ކެންސަރަށް ޓެސްޓުކުރުން: އެމްއާރުއެންއޭ ވެކްސިނެއް ޓެސްޓުކުރިއިރު، ހަމުގެ ކެންސަރު އަލުން ޖެހުމުގެ ފުރުސަތު 42 ޕަސެންޓް ކުޑަކޮށްދިން -- ފޮޓޯ/ ޖީޕީނިއުސް

ހަމުގެ ކެންސަރު ކަމަށްވާ މެލަނޯމާއިން ރައްކާތެރިކުރުމަށް ތައްޔާރުކުރި އެމްއާރުއެންއޭ ވެކްސިނެއްގެ ކްލިނިކަލް ޓްރަޔަލްތައް ކުރިއަށްގެންދިޔައިރު، ހަމުގެ ކެންސަރުން ރަނގަޅުވާ މީހުންނަށް އެ ވެކްސިން ދިނުމުން، ބަލި އަލުން ޖެހުމުގެ ފުރުސަތާއި ބަލީގައި މަރުވުމުގެ ފުރުސަތު 42 ޕަސެންޓް ކުޑަކޮށްދޭ ކަމަށް ހާމަކޮށްފިއެވެ.

އެ ވެކްސިން އުފައްދާފައިވަނީ ޖަރުމަނުގެ މާކް ކުންފުންޏާއި އެމެރިކާގެ މޮޑާނާ ގުޅިގެންނެވެ. އެ ވެކްސިން ޓެސްޓު ކުރުމަށް ކުރިއަށްގެންދިޔަ ޓެސްޓުތަކުގެ ނަތީޖާ މާދަމާ ހާމަކުރާނެ ކަމަށް ރިޕޯޓުކޮށްފައިވާއިރު، އޭގެ ކުރިން ވެސް އެ ދެ ކުންފުނިން ވަނީ ބައެއް މައުލޫމާތުތައް ހާމަކޮށްފައެވެ.

އެ ވެކްސިންއަށް ބްރޭންޑް ނަމެއް ދިނުމުގެ ނިޔަލަށް، މިހާރު ކިޔައިފައިވާ ނަމަކީ އިންޓިސްމެރަން އޮޓޯޖީންއެވެ.

ގާޑިއަން ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ވެކްސިން އުފައްދަނީ، އެ ވެކްސިން ދޭ ކޮންމެ މީހެއްގެ ކެންސަރު އުފެދުމުގައި ހުންނަ ޖެނެޓިކް މިއުޓޭޝަނަށް ބަލައިގެންނެވެ. މިއީ މިފަދަ ވެކްސިންއެއް ކްލިނިކަލް ޓްރަޔަލްތަކުގެ ތިން ވަނަ މަރުހަލާއަށް ގޮސް، ރަނގަޅު ނަތީޖާއެއް ދެއްކި ފުރަތަމަ ފަހަރު ކަމަށް އެ ނޫހުގައިވެއެވެ.

އެ މަރުހަލާގައި ވެކްސިން ޓެސްޓުކޮށްފައިވަނީ، މެލަނޯމާ ޖެހުމުން އޮޕަރޭޝަންކޮށް، ބަލިން ރަނގަޅުވި 1،137 މީހުން ހިމަނައިގެންނެވެ. އެ އެންމެންނަކީ ވެސް، ބަލި އަލުން ޖެހުމުގެ ފުރުސަތު ބޮޑު މީހުންނެވެ.

އެ ޓްރަޔަލްގައި އެންމެންނަށް ވެސް، ކެންސަރު ފަރުވާއަށް މިހާރު ވެސް ބޭނުންކުރާ ބޭހެއް ކަމަށްވާ ޕެމްބްރޮލިޒޫމަބް 12 މަސް ވަންދެން ދިނެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަށް، އިންޓިސްމެރަން ވެކްސިން ވެސް ދިނެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި، ފަރުވާއަށް ފަހު ދެ އަހަރު ފަހުން ބެލިއިރު، ޕެމްބްރޮލިޒޫމަބް އާއި އިންޓިސްމެރަން ދިން މީހުންނަށް އަލުން ހަމުގެ ކެންސަރު ޖެހުން ނުވަތަ ބަލީގައި މަރުވުމުގެ ފުރުސަތު ވަނީ 42 ޕަސެންޓް ކުޑަަވެފައެވެ.

ސްޕެއިންގެ މެޑްރިޑްގައި ފަށާ ޔޫރަޕިއަން ސޮސައިޓީ ފޯ މެޑިކަލް އޮންކޮލޮޖީ (އީއެސްއެމްއޯ) ގެ ބައްދަލުވުމުގައި މި ނަތީޖާތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ނަތީޖާތަކަށް ބިނާކޮށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ފަދަ ކަމާބެހޭ އިދާރާތަކާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އެ ދެ ކުންފުނިން ބުންޏެވެ.

މި ތަހުލީލުގައި ބައިވެރިވި މީހުންގެ ތެރޭގައި ހިމެނުނު 59 އަހަރުގެ ބެތު ރިޒިކް ބުނި ގޮތުގައި، ފަރުވާ ނިންމާލިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް އޭނާގެ ހަށިގަނޑުގައި މިހާރު ކެންސަރުގެ އަސަރެއް ނެތެވެ. އޭނާގެ ހަށިގަނޑުގައި ހަމުގެ ކެންސަރު ހުރިކަން ދެނެގަނެވުނީ ޑިސެންބަރު 2023 ގައެވެ.

ސީއެންއެންއާ ވާހަކަދައްކަމުން ރިޒިކް ވަނީ، މި ވެކްސިންގެ އަގު އަތްފޯރާ ފަށުގައި ހުންނާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މޮޑާނާއަކީ، ކޮވިޑް-19އިން ރައްކާތެރިވުމަށް ވެސް، އެމްއާރުއެންއޭ ޓެކްނޮލޮޖީގެ އެހީގައި ވެކްސިނެއް އުފެއްދި ކުންފުންޏެވެ. އެމްއާރުއެންއޭ ނުވަތަ މެސެންޖާ އާރްއެންއޭ އަކީ ހަށިގަނޑުގެ ސެލްތަކަށް ޕްރޮޓީން އުފައްދާނެ ގޮތުގެ އިރުޝާދު ފޯރުކޮށްދޭ އޯގަނިކް މޮލިކިއުލްއެކެވެ. އެގޮތުން އެމްއާރުއެންއޭ ކޮވިޑް ވެކްސިންގައި ބޭނުންކުރީ، ވައިރަސްއާ ދެކޮޅަށް މަސައްކަތްކުރާނެ ޕްރޮޓީން އުފައްދަން ސެލްތަކަށް ދަސްކޮށްދޭ ޓެކްނޮލޮޖީއެކެވެ.

comment ކޮމެންޓް