ކުޅުދުއްފުށީގެ 140 މީހުން ވަގުތީ ބޯހިޔަލުގައި: މޫސުން އަލިވުމުން، ގެތައް ސާފުކޮށް މީހުން ބަދަލުކުރަނީ

ކުޅުދުއްފުށީގައި ފެންބޮޑުވުން: ކުޅުދުއްފުށި ސިޓީގައި ވަގުތީ ބޯހިޔާވެހިކަމުގައި ތިބި މީހުން، މޫސުން އަލިވުމުން ގެތައް ސާފުކޮށް ގެތަކަށް ބަދަލުކުރަނީ -- ފޮޓޯ/ ކުޅުދުއްފުށީ ސިޓީ ކައުންސިލް

ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކުޅުދުއްފުށި ސިޓީގައި ވަގުތީ ބޯހިޔާވެހިކަމުގައި ތިބި މީހުން، މޫސުން އަލިވުމުން، ގެތައް ސާފުކޮށް ގެތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި ހދ. އާއި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިިބި، ކުޅުދުއްފުށި ސިޓީން އެކަނިވެސް 140 އަށްވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރޭ ވަނީ ބުނެފައެވެ.

https://sun.mv/229520

'ސަން' އިން ސުވާލުކުރުމުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހީމް އަޙްމަދު ވިދާޅުވީ، އެ ސިޓީއަށް މިހާރު މޫސުން ރަނގަޅު ކަމަށެވެ. އެހެންކަމުން ފެންބޮޑުވި ގެތައް ސާފުކޮށް، ވަގުތީ ހިޔާތަކަށް ބަދަލުކުރި މީހުން ގެތަކަށް ބަދަލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ވަގުތީ ގޮތުން ގެސްޓުހައުސްތަކަށް މީހުން ބަދަލުކުރީ. ދެން މިހާރު ބައެއް ގޭގެ ސާފުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ސާފުކޮށް ނިމުނީމަ ބަދަލުވެވޭނެ، އެކަމަކު މިއަދު އެއްކޮށް ބަދަލުވެވޭނެއޭ އެހެން ދަންނަވާކަށް ނޭނގެ. ވަރަށް ބޮޑުވަރު ވެފަހުރި ގެތައް ވެސް އެބަހުރި." އޭނާ ވިދާޅުވިއެވެ.

"މިއަދު މޫސުން ވަރަށް ރީތިކޮށް އޮންނަނީ، އިއްޔެ ނޫން ކުރީދުވަހުގެ ރެއިން ފެށިގެން އިއްޔެގެ ހެނދުނަށް ބޯކޮށް ވާރޭ ވެހުނީ. މިހާރު މޫސުން ރީތި."

މޫސުން ގޯސްވެ ވާރޭވެހި ފެންބޮޑުވެފައި: ކުޅުދުއްފުށި ސިޓީގައި ވަގުތީ ބޯހިޔާވެހިކަމުގައި ތިބި މީހުން، މޫސުން އަލިވުމުން ގެތައް ސާފުކޮށް ގެތަކަށް ބަދަލުކުރަނީ --- ފޮޓޯ: އެންޑީއެމްއޭ

ވިއްސާރައިގައި ލިބޭ ގެއްލުންތަކާ ގުޅޭ ގޮތުން އެންޑީއެމްއޭއިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުޅުދުއްފުށި ސިޓީގައި ހަތް ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

މެޓް އޮފީހުން ވަނީ މިއަދު ވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ. އަދި ދެކުނުގެ ބައެއް ރައްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް