އޭއައިއާއެކު ސޮފްޓްވެއާ 'ބަގް'ތައް އިތުރުވެ، އިންޓަނެޓަށް ނުރައްކާ ބޮޑުވަނީ

އޭއައި ބޭނުންކޮށްގެން ހެކަރުންދަނީ ތަފާތު ބަގްތައް ހޯދާ ހަމަލާތައް ވަރުގަދަކުރަމުން ----

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތައް ހަލުވިކަމާއެކު ކުރިއަރައިގެން ދިއުމާ ގުޅިގެން، ސޮފްޓްވެއާތަކުގައި ހުންނަ 'ބަގް' ތައް ނުވަތަ ނުރައްކާތެރި މައްސަލަތައް ހޯދޭ މިންވަރު އިތުރުވެ، މުޅި އިންޓަނެޓްގެ ރައްކާތެރިކަމަށް އޮތް ނުރައްކާ ބޮޑުވަމުންދާ ކަމުގެ އިންޒާރު ސައިބާ ސެކިއުރިޓީ މާހިރުން ދީފިއެވެ.

މީގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކުގެ ވެބްސައިޓްތަކަށް މި ހަފުތާގައި ދިމާވިފަދަ ބޮޑެތި ހުއްޓުންތަކެއް ކުރިއަށް އޮތް ތަނުގައިވެސް ތަކުރާރުވުން އެކަށީގެންވާ ކަމަށް މާހިރުން ފާހަގަކުރެއެވެ.

އެމެރިކާގެ މަސެޗުސެޓްސްއަށް ނިސްބަތްވާ ތްރެޓް އިންޓެލިޖެންސް ކުންފުންޏެއް ކަމަށްވާ 'ވަލްންޗެކް' އިން ކުރިއަށް އޮތް ދުވަސްތަކުގައި ނެރުމަށް ހަމަޖެހިފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، އޭއައިގެ އެހީގައި ހޯދާފައިވާ ޑިޖިޓަލް މައްސަލަތަކުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ ދެގުނައަށް އިތުރުވެފައެވެ.

ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކުންފުނި 'ކްލައުޑްފްލެއާ' ގެ ޗީފް އެގްޒެކެޓިވް އޮފީސަރު މެތިއު ޕްރިންސް ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މުހިންމު ސޮފްޓްވެއާތަކުގައި ހުރި ނުރައްކާތެރި އެތައް މައްސަލަތަކެއް އޭއައިގެ އެހީގައި ފެންނަމުންދާތީ ކުރިއަށް އޮތީ ނުހަނު އަވަދިނެތް މަސްތަކެއް ކަމަށެވެ. އަދި އިންޓަނެޓްގެ ރައްކާތެރިކަމަށް ހުރި ނުރައްކާތައް ފެންނަމުންދާ މިންވަރުން، ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހު ކޮންމެ ހަފުތާއަކުވެސް ބޮޑު ނުރައްކަލެއް ކުރިމަތިވެގެން އުޅޭފަދަ އިހުސާސެއް ކުރެވިގެންދާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

https://sun.mv/229498

ޔޫރަޕާއި އެހެނިހެން ސަރަހައްދުތަކުގެ ސަރުކާރުތަކުގެ ވެބްސައިޓްތަކަށް ބުދަ ދުވަހުން ފެށިގެން ދިމާވި ހުއްޓުންތަކަކީ އިންޓަނެޓްގެ ބޮޑު ބައެއް ހިންގުމަށް ބޭނުންކުރާ 'ޕީއެޗްޕީ' ޕްރޮގްރާމިން ލޭންގުއޭޖުން ފެނުނު ނުރައްކާތެރި މައްސަލައަކާ ގުޅިގެން ދިމާވި ކަމެކެވެ. ހެކަރުންގެ ހަމަލާތައް އައުމުގެ ކުރިން ސިސްޓަމްތައް މަރާމާތުކޮށް (ޕެޗްކޮށް) ނުނިމޭނެތީ، ބައެއް އިދާރާތަކުން ވަނީ ރައްކާތެރިކަން ކަށަވަރުވަންދެން ސައިޓްތައް ވަގުތީގޮތުން އޮފްލައިންކޮށްފައެވެ.

ވަލްންޗެކްގެ ރިސާޗަރު ޕެޓްރިކް ގަރިޓީ ފާހަގަކުރެއްވި ގޮތުގައި، ޕީއެޗްޕީގެ މައްސަލައިގެ އިތުރުން ނޯޑް.ޖޭއެސް އާއި ސްޓްރީމިން ޕްރޮގްރާމް ޕްލެކްސް އިންވެސް މައްސަލަތައް ފެނިފައިވެއެވެ. އަދި އޭއައި ގޭޓްވޭ ލައިޓް އެލްއެލްއެމް އާއި ޑިވެލޮޕްމަންޓް ޕްލެޓްފޯމް ރެއިލްވޭ އާ ގުޅުންހުރި ސެކިއުރިޓީ ބްރީޗްތަކެއް ހިނގާފައިވާއިރު، އިންޑިއާގެ ސެޓްފިކެޓް އޮތޯރިޓީ 'އީމުދުރާ' އިން ބޭނުންކޮށްފައިވާ ދެރަ ކްރިޕްޓޯގްރަފިކް ކީއެއްގެ ސަބަބުން އިންޓަނެޓް ބޭނުންކުރާ ގިނަ ބަޔަކު ނުރައްކަލަށް ހުށަހެޅުނުކަން ވަނީ ހާމަވެފައެވެ.

ގަރިޓީ ވިދާޅުވީ އެންމެ ހަފުތާއެއްގެ ތެރޭގައި މިފަދަ ގިނަ މައްސަލަތަކެއް ފެނުމުން، ކުރިއަށް އޮތް ތަނުގައި އިންޓަނެޓާ ގުޅިފައިވާ ސިސްޓަމްތަކަށް އިތުރު ކުއްލި ނުރައްކަލުގެ ހާލަތްތައް ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކުރިން މުއައްސަސާތަކަށް މައްސަލަތައް ހައްލުކުރުމަށް ވަގުތު ލިބުނު ނަމަވެސް، އޭއައިގެ ސަބަބުން އެ ވަގުތު ވަނީ ވަރަށް ބޮޑަށް ކުރުވެފައެވެ. އޭއައި މޮޑެލްތަކުން ހުއްޓުމެއްނެތް ގޮތެއްގައި ކޯޑުތައް އިންސްޕެކްޓްކޮށް މައްސަލަތައް ހޯދައި، މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އެ މައްސަލަތަކުގެ ބޭނުން އަނިޔާވެރި ގޮތުގައި ހިފާނެ 'އެކްސްޕްލޮއިޓް' ތައް ތައްޔާރުކޮށްދެއެވެ.

'ރަންސޭފް ސެކިއުރިޓީ' ގެ ޗީފް ޓެކްނޮލޮޖީ އޮފީސަރު ޝޭން ފްރައި ވިދާޅުވީ، އޭއައިގެ ސަބަބުން މައްސަލަތައް ހޯދުމުގެ އިތުރުން ނުބައި ނިޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން އެ މައްސަލަތަކުގެ ބޭނުން ހިފާ ހަތިޔާރަކަށް ހަދާ މިންވަރު އަވަސްވެގެން ގޮސްފައިވާ ކަމަށެވެ.

އޭއައިގެ ސަބަބުން ހެކަރުންގެ ހަމަލާތައް އިތުރުވިޔަސް އެފަދަ ހަމަލާތައް ކާމިޔާބުވާ މިންވަރު އިތުރުވާނެކަމާމެދު މާހިރުންގެ މެދުގައި ރައުޔު ތަފާތެވެ. ފައިލް ޓްރާންސްފާ ޓޫލް 'ކާލް' ގެ ލީޑް ޑިވެލޮޕަރު ޑެނިއެލް ސްޓެންބާގް ވިދާޅުވީ އޭއައި އިން ފެންނަ މައްސަލަތަކަކީ އާންމުކޮށް ނުބައި ނިޔަތުގައި ބޭނުންކުރަން އުނދަގޫ 'އެކްޒޯޓިކް' ނުވަތަ އާދާޔާޚިލާފު މައްސަލަތަކެއް ކަމަށެވެ. އަދި 'އާމާކޯޑް' ގެ ސީނިއާ ސޮލިއުޝަންސް އިންޖިނިއަރު ރާމީ ރަޙްމާން ވިދާޅުވީ އިތުރު މައްސަލަތަކެއް ފެނުމަކީ އޭގެ އަމިއްލަ ޒާތުގައި ކާމިޔާބު ހަމަލާތައް އިތުރުވާނެ ކަމެއް ނޫން ކަމަށެވެ.

ތްރެޓް އިންޓެލިޖެންސް ކުންފުނި 'ހަންޓް.އައިއޯ' ގެ ރިސާޗް ހެޑް އެސްޓެބާން ބޯޖެސް ވިދާޅުވި ގޮތުގައި، ޕީއެޗްޕީގެ މައްސަލައިގެ ބޭނުން ހިފުމަށް ނުބައި ނިޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން ގަދައަޅައި އުޅުނު ނަމަވެސް، އޭގެ ބޭނުން ހިފޭނެ މަސައްކަތްކުރާ ވަސީލަތެއް ތައްޔާރުކުރުމުގައި އެ ފަރާތްތަކަށް ކާމިޔާބުވެފައެއް ނުވެއެވެ. އެމެޒޯން އަދި ކްލައުޑްފްލެއާ އިންވެސް ވަނީ މިފަދަ ނުރައްކާތެރި ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ.

ކްލައުޑްފްލެއާގެ ޗީފް އެގްޒެކެޓިވް މެތިއު ޕްރިންސް އިތުރަށް ވިދާޅުވީ، އޭއައި އިން ހޯދާ މައްސަލަތަކުގެ ސަބަބުން ސައިބާ ސެކިއުރިޓީ ދާއިރާއަށް ސިއްސައިގެންދާ ފަދަ އިންޒާރުތަކެއް ލިބުނު ނަމަވެސް، މީގެ ނަތީޖާ ފަހުން ރަނގަޅުވާނެ ކަމަށެވެ. އެގޮތުން ސިސްޓަމްތަކުގައި ހުރި މައްސަލަތައް ދެނެގަނެވި ސާފުކުރެވިގެންދާނެ ކަމަށާއި، ބިރުވެރި ސިއްރުތަކެއްގެ ގޮތުގައި ސިސްޓަމްތަކުގައި އެ މައްސަލަތައް ހުރުމަށްވުރެ އެކަންކަން ފެންނަން ހުރުން މާ ރަނގަޅު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް