އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދިޔަ ބްރިކްސް ސަމިޓްގެ ހަވާސާގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ބޭއްވެވިއެވެ. މިއީ 2020 ވަނަ އަހަރު ގަލްވާން ވާދީގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމަށްފަހު، މި ދެ ގައުމުގެ ވެރިން އިންޑިއާގެ ފަސްގަނޑުގައި މިފަދަ ރަސްމީ ބައްދަލުވުމެއް ބޭއްވެވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމަކީ އޭޝިއާގެ އެންމެ ބޮޑު ދެ ބާރުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކޮށް، ޚިޔާލުތަފާތުވުންތައް ހައްލުކުރުމަށް ދެފަރާތުންވެސް ވާހަކަދެއްކުމަށް ތައްޔާރަށް ތިބިކަން ހާމަވި ކަމެކެވެ. މިއީ ސަރަހައްދީ ހަމަޖެހުމަށް އެޅުނު ވަރަށް މުހިންމު، ހެޔޮ ފިޔަވަޅެއްގެ ގޮތުގައި މުރާސިލުން ދެކެއެވެ. ދެހާސްވިހީގެ ހާދިސާއަށްފަހު އިތުރު ހަމަނުޖެހުމެއް ހިނގުމަކީ ދެ ގައުމަށް ވެސް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަކަށް ވުމާއެކު، ޑިޕްލޮމެޓިކް ގުޅުންތައް ދެމެހެއްޓުމަކީ ޒިންމާދާރު ފިޔަވަޅެކެވެ.
އެހެންނަމަވެސް، މި ބައްދަލުވުމަށްފަހު ދެ ގައުމުން ގުޅިފައިވާ ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި ދެ ގައުމުން ނެރުނު ވަކިވަކި ބަޔާންތަކުގެ ބަސްމަގުގައި ވެސް ފަރަގުތަކެއް ހުއްޓެވެ. ޗައިނާއިން އިންޑިއާއަކީ "ޕާޓްނަރެއް" ގެ ގޮތުގައި ސިފަކުރި ނަމަވެސް، އިންޑިއާގެ ބަޔާނުގައި އެ ލަފްޒު ބޭނުންކޮށްފައެއް ނުވެއެވެ.
މީގެއިތުރުން، އިންޑިއާގެ ލަދާކް ޔޫނިއަން ޓެރިޓަރީ ބަލައިނުގަންނަކަމަށް ޗައިނާއިން އަދިވެސް ތަކުރާރުކުރަމުންދާއިރު، ސަރަހައްދީ ރޮނގުގެ މައްސަލައަށް ދާއިމީ ހައްލެއް އަދި ލިބިފައެއް ނުވެއެވެ. އަދި ދެ ގައުމުގެ އަސްކަރީ އެއްބާރުލުން އަދިވެސް އޮތީ މެދުކެނޑިފައެވެ.
އަނެއްކޮޅުން، އިންޑިއާއިން ޗައިނާއާ ގުޅުން ބަދަހިކުރަން މަސައްކަތްކުރަނީ ހަމައެކަނި އެމެރިކާއާއެކު އޮތް ގުޅުމަށް އައި ބަދަލުތަކެއްގެ ސަބަބުން ކަމަށް ބުނުމަކީ ހަގީގަތާ ޚިލާފު ކަމެކެވެ. އިންޑިއާއަކީ އަބަދުވެސް އަމިއްލަ މިނިވަން ޚާރިޖީ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ. އެމެރިކާއާއެކު މައްސަލަތައް އުފެދުމުގެ މާ ކުރިން ވެސް އިންޑިއާއިން ދިޔައީ ޗައިނާއާއެކު ސުލްހަަވެރި ގުޅުމެއް ބޭއްވުމަށް އިސްކަންދެމުންކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ދެ ގައުމުގެ ގުޅުން ހަމައަކަށް އެޅުމަކީ ދިވެހިރާއްޖެ، ނޭޕާލް، ސްރީލަންކާ އަދި ބަންގްލަދޭޝް ފަދަ ކުދި އަދި އަވައްޓެރި ގައުމުތަކަށް ނުހަނު ފައިދާހުރި ކަމެކެވެ. ދެ ބާރުގެ ދެމެދުގައި ވާދަވެރިކަން ބޮޑުވާ ވަގުތުތަކުގައި ކުދި ގައުމުތަކަށް ވަކި ފަރާތަކަށް ޖެހުމަށް ޕްރެޝަރު ކުރިމަތިވެއެވެ. ނަމަވެސް، އިންޑިއާ އާއި ޗައިނާއިން ސުލްހަވެރިކަމާއެކު ކަންކަން ހައްލުކުރާނަމަ، ކުދި ގައުމުތަކަށް ދެ ފަރާތާ އެކުވެސް ހަމަހަމަ ގުޅުމެއް ބާއްވައި، އަމިއްލަ ގައުމުގެ ތަރައްގީއަށް އިސްކަންދިނުމުގެ ފުރުސަތު ފަހިވެއެވެ.
މިވަގުތަށް ބަލާއިރު، ދެ ގައުމުން ވެސް ކުރިމަތިލުމުގެ ބަދަލުގައި އިޚްތިޔާރުކޮށްފައިވަނީ މަޝްވަރާގެ މަގެވެ. މިއީ އުންމީދީ ފެށުމެއް ނަމަވެސް، ދެމެހެއްޓެނިވި ގުޅުމެއް ގާއިމުކުރުމަށް ޓަކައި އަދިވެސް ގިނަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.