ދާއިރާ މީހުންނަށް މެންބަރުން ފައިސާ ދޭނަމަ އެއީ ރިޝްވަތު، ރައްޔިތުން ސަލާންޖަހަނީ ޒިންމާ އަދާނުކުރެވޭތީ: ކުރީގެ ބަންޑާރަނައިބު

ކުރީގެ ބަންޑާރަނައިބު ޑރ. އަޙްމަދު ޢަލީ ސަވާދު: ދާއިރާ ރައްޔިތުންނަށް މެންބަރުންގެ މުސާރައިން ބާކީވާ ފައިސާ ބަހާނަމަ އެއީ ރިޝްވަތު ކަމަށް ވަނީ ލިޔުއްވައިފައި --- ސަން ފޮޓޯ: މުޙައްމަދު ޢަފްވާން ޞަލާޙް

މެންބަރުންގެ މުސާރައިން ބާކީވާ ފައިސާ، ދާއިރާ ރައްޔިތުންނަށް ބަހާނަމަ އެއީ ރިޝްވަތު ކަމަށާއި މެންބަރުން ގާތު އާންމުން ސަލާންޖަހަނީ މެންބަރުންނަށް ޒިންމާ އަދާނުކުރެވޭތީ ކަމަށް، ކުރީގެ ބަންޑާރަނައިބު ޑރ. އަޙްމަދު ޢަލީ ސަވާދު މިއަދު ވިދާޅުވެއްޖެއެވެ.

ސަވާދު 'އެކްސް'ގައި މިފަދައިން ލިޔުއްވައިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ނިސްބަތުން ބޮޑު ކަމަށް ބެލެވޭ ނަމަވެސް، އެހެން ގައުމުތަކާ އަޅައިބަލާއިރު މެންބަރުން ދާއިރާގެ ރައްޔިތުންނަށް އަމިއްލަ ޖީބުން ކުރަން ޖެހޭ ޚަރަދުތައް ބޮޑު ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް 'ފޭސްބުކް'ގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

https://sun.mv/229542

ސަވާދު ލިޔުއްވައިފައިވާ ޕޯސްޓުގައި ފާހަގަކުރައްވައިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެ މެންބަރަކު ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް މާލީ އެހީ ހޯދައިދޭން ތިބި ބައެއް ނޫނެވެ. ސަވާދު ފާހަގަކުރެއްވި ގޮތުގައި މެންބަރުންނަށް މުސާރަ ދެނީ މެންބަރުންގެ ޒާތީ ޚަރަދުބަރަދު ކުރުމަށެވެ.

"މެންބަރުގެ މުސާރައަކީ ރައްޔިތުންގެ ޚަރަދުބަރަދު ކުރަން ދޭ އެއްޗެއް ނޫން. އެއީ އޭނަގެ މަސައްކަތުގެ ޙަލާލު އުޖޫރަ، މެންބަރުންގެ ޒާތީ ޚަރަދުތައް ކޮށްފައި މުސާރައިން ބާކީ ކުރާ ފައިސާއިން ދާއިރާ ރައްޔިތުނަށް ފައިސާ ބަހާނަމަ، އެއީ ދާއިރާއިން ވޯޓުދޭ މީހުނަށް ދޭ ރިޝްވަތު. ދައުލަތުން ރައްޔިތުނަށް ދޭންޖެހޭ ހައްގު އެހީއާއި އިނާޔަތްތައް ހުންނާނީ ގާނޫނާއި ގަވައިދުތަކުގައި ކަނޑައަޅާ ބަޔާންކޮށްފައި،" ސަވާދުގެ ޕޯސްޓުގައިވެއެވެ.

ހަމަ އެހެންމެ ޒާތީ މަންފާއެއް ހޯދުމަށް އެދޭ ރައްޔިތު މީހާ ވެސް، އަދި އެކަން ކޮށްދޭ މެންބަރު ވެސް ބައިވެރިވަނީ ނާޖާއިޒު ކަމެއްގައިކަން އޭނާ ހަނދާންކޮށްދެއްވިއެވެ.

އެއާއެކު ސަވާދު ވަނީ ދާއިރާގެ ރައްޔިތުންނަށް އެހީވާން ރިޝްވަތު ނަގައި ނާޖާއިޒު މަޝްރޫއު ހޯދައި މަހުޖަނުން ގާތު ސަލާންޖަހާ މެންބަރުންނަށް އެ މެންބަރުން ހުވާކޮށްގެން ހުރި ދުސްތޫރީ ޒިންމާތައް އަމާނާތްތެރިކަމާއެކު އަދާކުރެވޭނެ ކަމާ މެދު ސުވާލު އުފައްދަވައިފައެވެ.

"ތެދުވެރި ޟަމީރެއްގެ ވެރި ރައްޔިތަކު މިއިން ކަމަކާ ގާތްނުވާނެ އަދި އެފަދަ މެންބަރަކު މިއިން ކަމެއް ނުކުރާނެ، މެންބަރު ކައިރިއަށް ވަޒީރު ކައިރިއަަށް ރައީސް ކައިރިޔަށް ރައްޔިތުން ސަލާންޖަހަން ދާންޖެހެނީ މެންބަރުންގެ ދުސްތޫރީ ޒިންމާ އަދާ ނުކުރެވޭތީ،" ސަވާދު ލިޔުއްވައިފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ ބުދަ ދުވަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ، މަޖިލީހުގެ ރައީސްގެ މުސާރަ 95،000އަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސަށް ލިބޭ ފައިސާ އާއި ރަށު ކައުންސިލްތަކުގެ މުސާރަ ވެސް ބޮޑުކުރަން ފާސްކޮށްފައެވެ. މަޖިލިސް މެންބަރުންނަށް މިހާރު 82،500 ރުފިޔާ ލިބޭއިރު، ކޮމިޓީން ގެންނަން ފާސްކުރި ބަދަލާއެކު، އެފަދަ ބޮޑެތި މުސާރަތައް ދިނުމާ ގުޅޭ ބަހުސް އަނެއްކާވެސް ވަނީ އުފެދިފައެވެ.

އެ މައުޟޫއަށް، ފޭސްބުކްގައި މީހަކު ކުރި ޕޯސްޓެއްގައި ވަނީ އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައާއި އެ ގައުމެއްގައި އެވަރެޖުކޮށް ލިބޭ މުސާރައާ އަޅައިކިޔައިފައިވާ ޗާޓެއް ދައްކައިފައެވެ. އެ ޗާޓުން ދައްކާ ގޮތުގައި، ސިންގަޕޫރުގައި މަޖިލިސް މެންބަރުންގެ މުސާރަ، އެވަރެޖު މުސާރައަށް ވުރެ 3.2 ގުނަ އިތުރެވެ. އެއާ ޚިލާފަށް ރާއްޖޭގައި މެންބަރުންގެ މުސާރަ، އެވަރެޖު މުސާރައަށް ވުރެ 7.14 ގުނަ އިތުރެވެ.

އެ ޕޯސްޓާ ގުޅުވައި އަޒާން ލިޔުއްވި ގޮތުގައި ދާއިރާގެ ރައްޔިތުންނަށް ޚަރަދުކުރުމަކީ ރާއްޖޭގެ މެންބަރުންގެ ކިބައިން ރައްޔިތުން އުންމީދުކުރާ ކަމެކެވެ. އަދި ކުދި އާބާދީތަކަށް ނިސްބަތްވާތީ، އާއިލީ ގޮތުން ނުވަތަ ގާތްކޮށް ދަންނަ މީހުން މާލީ އެހީއަށް އެދި ގުޅުމުން އެކަމަށް ނޫނެކޭ ބުނުމަކީ އުނދަގޫ ކަމެއް ކަމަށާއި، އެހެން ގައުމުތަކުގެ މެންބަރުންނަށް މި މިންވަރަށް، މިފަދަ ކަންކަމާ ކުރިމަތިލާން ނުޖެހޭ ކަމަށް އަޒާން ލިޔުއްވިއެވެ.

ހަމައެއާއެކު ސްކޫލްތަކުގެ އިނާމު ދިނުމުގެ ޖަލްސާތަކާއި، އީދާއި އާ އަހަރާއި ރަމަޟާން މަހުގެ ހަރަކާތްތަކާއި، ކުޅިވަރު މުބާރާތްތަކާއި ރަށު އަދި އަތޮޅު ފެންވަރުގެ ފުޓުބޯޅަ މުބާރާތްތައް ސްޕޮންސާކުރުމަކީ މެންބަރުންގެ މަސްއޫލިއްޔަތަކަށް ނުވި ނަމަވެސް، އާންމުން އެކަމަށް ޚަރަދު ކުރުމަށް ވެސް އުންމީދުކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮންނަ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ އަޒާންގެ އެ ޕޯސްޓަށް ބައެއް އާންމު ރައްޔިތުން ވެސް ރައްދު ދީފައިވެއެވެ. އެގޮތުން، ރައްޔިތުން މަޖިލިސް މެންބަރުންގެ އަރިހުގައި އެހީއަށް އެދެން ޖެހެނީ އެފަދަ ސަގާފަތެއް އުފައްދައިފައި އޮތުމުންކަން ފާހަގަކޮށްފައިވެއެވެ. އަދި މަޖިލިސް މެންބަރުން އިންތިޚާބުކުރަނީ، ނިޒާމީ ގޮތެއްގައި ބަދަލުތައް ގެނެސް، ރައްޔިތުންގެ ހާލަތު ރަނގަޅުކޮށްދޭނެ ކަމުގެ އުއްމީދުގައިކަން ކޮމެންޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، 77،700 ރުފިޔާގެ މުސާރައެއް ލިބޭ މެންބަރުންނަށް ވެސް ޚަރަދު ހަމަޖައްސަން ދަތިވާއިރު، އެއަށްވުރެ ދަށް މުސާރައެއް ލިބޭ ގިނަ އާންމު ރައްޔިތުން ވެސް އުޅެނީ ހަމަ އެ މެންބަރުންނާ އެއްގޮތަށް ކުއްޔާއި ބިލްތަކާއި ކާބޯތަކެއްޗަށް ފައިސާ ދައްކައިގެންކަން ކޮމެންޓުތަކުގައިވެއެވެ. އެހެންކަމުން، ބައެއް މީހުންނަށް އާންމު އުސޫލުން ބޭރުން ފައިދާއެއް ހޯދައި ދިނުމުގެ ބަދަލުގައި، އެފަދަ ކަންކަން ހުއްޓުމަކަށް ގެނެސް، އިސްލާހީ ފިޔަވަޅުތައް ގެންނަން ގޮވާލައިފައިވެއެވެ.

މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުވެފައި، އެހެނިހެން އިނާޔަތްތައް ވެސް ލިބޭއިރު، އެ މުސާރައާ ބައްދަލު މިންވަރަކަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ އަބަަދު ވެސް އޮވެއެވެ.

comment ކޮމެންޓް