ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ ދެވަނަ ސެމީ ފައިނަލުގައި ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބު ބައްދަލުކުރި މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ، ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.
ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައި ކުޅުނު މި މެޗުގެ ސެޓުތައް ސިފައިންގެ ކުލަބުން ގެންގޮސްފައިވަނީ 25-22، 24-26، 15-25، 25-21 އަދި 12-15 އިންނެވެ.
މުޅި މެޗުގައިވެސް ފެނިފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. އިދިކޮޅު ޓީމަށް ބޮޑު ލީޑެއް ނެގިޔަ ނުދީ، ދެޓީމުންވެސް ވަރަށް ރަނގަޅަށް މެޗުގައި ހިފަހައްޓާފައިވެއެވެ. މެޗުގެ ތިންވަނަ ސެޓު ފިޔަވައި ކޮންމެ ސެޓެއްވެސް، އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މޮޅުވާނެ ޓީމެއް ދިމާކުރުންވީ އުނދަގޫ ކަމަކަށެވެ.
ގައުމީ ވޮލީ ލީގުގައި މި ދެޓީމު ބައްދަލުކުރި މެޗު، ސީދާ ތިން ސެޓުން ސިފައިން ކާމިޔާބުކޮށްފައިވުމަކީ މި މެޗު އިތުރަށް ވާދަވެރިކޮށްދިން ކަމެކެވެ.
ގައުމީ ވޮލީ ޗެމްޕިއަންޝިޕުގައި ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝަފީޢުމި ނަތީޖާއާއެކު ދިވެހި ސިފައިންގެ ކުލަބު މިވަނީ ފައިނަލުން ޖާގަހޯދާފައެވެ. މިމެޗުން ޕޮލިސް ކުލަބް ބަލިވުމުން އެޓީމު ޖެހޭނީ ސެމީގެ ތިންވަނަ މެޗުގައި މާދަމާރޭ، އެޗްޑީސީއާ ދެކޮޅަށް ކުޅޭށެވެ. ފައިނަލުގައި ސިފައިންނާ ވާދަކުރާނީ އެމެޗުން މޮޅުވާ ޓީމެކެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ، 20:30 ގައެވެ.
މުބާރާތުގެ ހުރިހާ މެޗެއް ވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.