ހުކުމް ލަސްކޮށްފައި އޮއްވާ، ޔާމީންގެ މައްސަލައެއް ހައިކޯޓަށް

ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ. -- ސަން ފޮޓޯ: މުޙައްމަދު އަފްވާން

ރ. ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލައިފައިވާ ރިޝްވަތުގެ ކުށާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާތަކާ ގުޅިގެން ހުކުމް ކުރުން ފަސްކޮށްފައިވަނިކޮށް، ކުރިމިނަލް ކޯޓުގައި ހިނގަމުންދާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ މައްސަލައިގައި ހިމެނޭ ބައެއް ކަންކަން، ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރައްވައިފިއެވެ.

ޔާމީންގެ ފަރާތުން، ބައެއް ކަންކަން ހައިކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކަނީ އިއްޔެއެވެ. އެކަމަކު އެއީ، ކޮންކޮން މައްސަލަތަކެއްކަން ސާފުވެފައެއް ނުވެއެވެ. ޔާމީންގެ ފަރާތުން ހުށަހެޅުއްވި މި ހުށަހެޅުންތައް ހައިކޯޓަށް ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައެއް ވެސް ނުވެއެވެ.

މި މައްސަލަ އިއްޔެ ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅުއްވިއިރު، އިއްޔެ އެ މަނިކުފާނުގެ މައްޗަށް ފުއްގިރީގެ މައްސަލައިގައި ހުކުމް ކުރުމަށް އޮތް ނަމަވެސް އެ މައްސަލައިގެ ހުކުމް ކުރުންވަނީ ފަސްކޮށްފައެވެ.

ފުއްގިރި މައްސަލަ ހުކުމާ ހިސާބަށް ގޮސްވައިފައިވާއިރު، ދެން ކްރިމިނަލް ކޯޓުގައި ކުރިއަށްދަނީ، އާރަށުގެ މައްސަލައެވެ. ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލާގެ ޝަރީއަތުގައި އެ މަނިކުފާނުގެ ދިފާއީ ހެކިތައް އަދި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކްރިމިނަލް ކޯޓުންވަނީ ނިންމާފައެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުން ޔާމީންގެ ފަރާތުން އެ މައްސަލައިގައި އެދިފައި އޮތީ ދައުލަތުގެ ހެކިންގެ ގޮތުގައި ތިބި އަދީބާއި ޒިޔަތު ހިމެނޭ ގޮތަށް ގިނަ ހެކިތަކެއް ބަލައިނުގަތުމަށެވެ. އެގޮތަށް އެދުނީ މިހާރު އަމަލު ކުރަމުންދާ ހެއްކާބެހޭ ގާނޫނު އޮތްގޮތުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ. ގާނޫނުގައި ބުނަނީ ހެކިބަސް ދޭ ފަރާތުގެ ތެދުވެރިކަމާއި އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ފަރާތްތަކަކީ، ހެކިބަސް ދިނުމުގެ އަދުލުވެރިކަން ގެއްލިފައިވާ ފަރާތެއް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް