ރަސްމާލޭން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވާލުމަށް، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
މި ގޮތަށް ފާސްކުރީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއަށް ހުށަހެޅި ޚާއްސަ ގަރާރަކުންނެވެ.
މި ގަރާރަކީ ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދު ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ތާއީދު ކުރެއްވި ގަރާރެކެވެ.
މި ގަރާރު ފާސްކުރުމަށް ވޯޓަށް އެހުމުން، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުން ވަނީ ގަރާރާ އެއްކޮޅަށް ވޯޓު ދެއްވައިފައެވެ.
މި ގަރާރާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު އެކަންޏެވެ.
ގަރާރުގެ ބަހުސްގައި ވާހަކަދެއްކެވި ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވަނީ އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރު ދީގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ ސީދާ ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މީގެ އިތުރުން މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަންވާނީ މިކަމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފަހު ނޫނީ ނޫން ކަމަށް ވެސް މެންބަރުން ވަނީ ވިދާޅުވެފައެވެ.
އެ ގަރާރުގައިވާ ގޮތުން ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް އެއްވެސް އެކުއިސިޝަން ކޮސްޓަކާ އަދި ކުއްޔަކާ ނުލައި ދިނުމަށް ވެފައިވާ ކޮމާޝަލް ޓާމްސް އެއްބަސްވުން އާންމުކުރުމަށާއި، މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ގޮވާލައިފައެވެ. އަދި އެ ވޯޓުގެ ނަތީޖާ ލިބުމުގެ ކުރިން އީގަލް ހިލްސް ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގެއް އެ ބިމުގެ މައްޗަށް އުފަންވާ ފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވެސް ޝަރުތުކޮށްފައިވެއެވެ.
މީގެ އިތުރުން، މި މުއާމަލާތުގެ ނުރައްކާތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް އެމްޑީޕީ އިސްވެ ހިންގުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގަރާރުގައި ހިމަނާފައިވެއެވެ.
މީގެއިތުރުން ސަރުކާރުން އެކަންކަމަށް އިޖާބަ ނުދީފި ނަމަ އެހެން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާ ގުޅިގެން ސީދާ ހަރަކާތަށް ނުކުތުމަށް ވެސް ގަރާރުގައި ވަނީ ބާރުއަޅައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި މި ޖަލްސާގައި ރައިސް ނަޝީދު ވަނީ ރަސްމާލެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކޮށްފައެވެ.