ފައިނަލުގައި 3-1 ސެޓުން ކުލަބު އެމްޓީސީސީ ބަލިކޮށް، ކުލަބު ވެމްކޯއިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި އުފުލާލައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ކާމިޔާބުކޮށް ވެމްކޯއިން ގައުމީ ތައްޓާއި ގައުމީ ލީގުވެސް އުފުލާލީ ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑަކާއެކު އެވެ.
ފައިނަލުގެ ކުރިން މި ދެ ޓީމު ވަނީ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. އެގޮތުން ވެމްކޯ ގައުމީ މުބާާރާތުގެ ސެމީ ފައިނަލުގައި މޮޅުވީ ފަހަތުން އަރައެވެ. ފައިނަލް މެޗުގައި ވެމްކޯއިން ފުރަތަމަ ދެ ސެޓު ކާމިޔާބުކުރި އިރު ތިންވަނަ ސެޓު ކާމިޔާބުކުރީ އެމްޓީސީސީންނެވެ. ނަމަވެސް ވެމްކޯއިން ވަނީ ހަތަރުވަނަ ސެޓު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ކުލަބު ވެމްކޯ ޓީމު-- ފޮޓޯ: ޝާތިއު ޢަބްދުﷲފުރަތަމަ ސެޓުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. މި ސެޓު ވެމްކޯއިން ކާމިޔާބުކުރީ ސެޓުގެ ފަހުކޮޅު ހޯދި ޕޮއިންޓުތަކާއެކު 25-22 އިންނެވެ. ދެވަނަ ސެޓު ވެމްކޯ ކާމިޔާބުކުރީ ފުރަތަމަ ސެޓަށްވުރެ ތަފާތު ބޮޑުކޮށެވެ. މި ސެޓު އެޓީމުން ކާމިޔާބުކުރީ 25-16 އިންނެވެ.
ތިންވަނަ ސެޓުގައި އެމްޓީސީސީ ފެނުނީ ފުރަތަމަ ދެ ސެޓަށްވުރެ ތަފާތުކޮށެވެ. ސެޓުގެ ބޮޑުބައި އެމްޓީސީސީން ލީޑުގައި އޮތް ނަމަވެސް ސެޓުގެ ފަހުކޮޅު ވާދަވެރިކަމެއް ފެނުނެވެ. މި ސެޓު އެމްޓީސީސީ ކާމިޔާބުކުރީ 26-24 އިންނެވެ. ހަތަރުވަނަ ސެޓުގައި ވެމްކޯ ފެނުނީ ވަރުގަދަކޮށެވެ. މި ސެޓު ވެމްކޯ ކާމިޔާބުކުރީ 25-15 ގެ ބޮޑު ތަފާތަކުންނެވެ.
ގައުމީ ވޮލީބޯޅަ މުބާރާތުގެ މަގާމުތަކަށް ހޮވުނު ކުޅުންތެރިން-- ފޮޓޯ: ޝާތިއު ޢަބްދުﷲފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯއަށް މޮޅު ކުޅުމެއް ކުޅެދިން ކުތިކާއެވެ. މީގެ އިތުރުން މުޅި މުބާރާތުން ހޮވި އެންމެ މޮޅު ބިދޭސީ ތިން ކުޅުންތެރިންގެ ތެރޭގައިވެސް ކުތިކާ ހޮވުނެވެ. ދެން އެ މަގާމަށް ހޮވުނީ ވެމްކޯގެ ވަރަންޔާއާއި އެމްޓީސީސީގެ ފެނާންޑާއެވެ.
އެންމެ މޮޅު ކުޅުންތެރިންނަށް ދެން ހޮވުނީ ވެމްކޯގެ ނަރީމާ އިދުރީސް އާއި ފާތިމަތު ޖޫޒާން ޒަރީރުގެ އިތުރުން ކުލަބު އެމްޓީސީސީގެ މާޔާ ހުސެއިން ސޮލާހެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެމްކޯގެ އަޙްމަދު އަދީލް އެވެ.
ގައުމީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެމްކޯއިން މި މުބާރާތުގެ ތަށި ނިމުނު ދެ އަހަރު ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި ޕޮލިސް ބަލިކޮށްގެންނެވެ. ނަމަވެސް މި އަހަރުގެ ގައުމީ މުބާރާތުން ޕޮލިސް ވަނީ ސެމީ ފައިނަލުގައި ހުރާ ކޮމިއުނިޓީ ކުލަބު އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ.
މި އަހަރުގެ ގައުމީ ލީގާއި ގައުމީ ޗެމްޕިއަންޝިޕުގެ ހުރިހާ މެޗެއް ސަން ޕްލޭއިން ވަނީ ވަގުތުން ގެނެސްދީފައެވެ.