ގޯރަވްގެ އާ ޑްރާމާ ސިލްސިލާއެއް ސްޓާ ޕްލަސްއަށް

ހިންދީ ޓީވީ ސްކްރީނުގެ އެންމެ މަޤުބޫލު ދެ ތަރިން ކަމަށްވާ ގޯރަވް ކަންނާ އާއި ޝްރައްދާ އާރްޔާ އެކުގައި ފެނިގެންދާ އައު ޑްރާމާ ސިލްސިލާ "ދިލް ކީ ބޭވަފާއިޔާން"ގެ ފުރަތަމަ ޕްރޮމޯ ސްޓާ ޕްލަސްއިން ޢާންމުކޮށްފިއެވެ.

ލޯތްބާއި އާއިލީ ގުޅުންތަކުގެ ވަރުގަދަ އިހުސާސްތަކެއް ދައްކުވައިދޭ މި ސިލްސިލާއިން މި ދެ ފަންނާނުން އެކުގައި ސްކްރީނުން ފުރަތަމަ ފަހަރަށް ފެނިގެންދާއިރު، ރިޕޯޓްތައް ބުނާގޮތުން މި ޝޯ ދައްކަން ތައްޔާރުވަނީ މި ނޮވެމްބަރު މަހުގެ ފަހު ހަފްތާތެރޭ ރޭގަނޑު 9:00ގެ ޕްރައިމްޓައިމް ގަޑީގައެވެ.

މި ސިލްސިލާގެ ނަން އިޢުލާނުކުރުމުގެ ކުރިން، ބާލާޖީ ޓެލެފިލްމްސްގެ އޮފީހުން މި ދެ ތަރިން ފެނިގެންދިޔަ ކުރު ވީޑިއޯއަކާއެކު ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް އުފެދިގެން ދިޔައެވެ. މިއީ ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ ސީރީޒް "އަނޫޕަމާ"އިން ލިބުނު ބޮޑު މަޝްހޫރު ކަމަށްފަހު ގޯރަވް ޑެއިލީ ސޯޕަކަށް އެނބުރި އަންނަ ފުރަތަމަ ފަހަރު ކަމަށްވާއިރު، ޝްރައްދާވެސް އަލުން މި ފެންނަނީ "ކުންޑަލީ ބާގްޔާ" އާއެކު އޮތް ގިނަ ދުވަސްވީ ގުޅުން ނިންމާލުމަށް ފަހުގައެވެ. އަދި މިއީ ބާލާޖީ ޓެލެފިލްމްސްއާއެކު ޝްރައްދާ މަސައްކަތްކުރާ ދެވަނަ ފަހަރަށް ވީނަމަވެސް، މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ ޕްރޮޖެކްޓަކުން ގޯރަވް ފެނިގެންދާ ފުރަތަމަ ފަހަރުވެސް މެއެވެ.

ޑްރާމާ ސިލްސިލާ "ދިލް ކީ ބޭވަފާއިޔާން"ގެ ފުރަތަމަ ޕްރޮމޯގެ މަންޒަރެއް--ފޮޓޯ/ފޭސްބުކް

މި ދެ ފަންނާނުން އެއް ސްކްރީނަކުން ގެނެސްދެވޭތީ އުފާފާޅުކުރަމުން އެކްތާ ކަޕޫރު ބުނީ، ދެ ތަރިންނަކީވެސް ބެލުންތެރިންގެ ލޯބި އިންތިހާއަށް ހޯދާފައިވާ ބައެއް ކަމަށާއި، މި ދެ ތަރިން އެކުގައި މަސައްކަތްކުރާތަން ދުށުމަކީ އޭނާ ވަރަށް ދުވަހުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އެހެންކަމުން މި އައު ޖޯޑަށް ބެލުންތެރިންގެ ފަރާތުން ލިބޭނެ ތަރުހީބަކާމެދު ވަރަށް ބޮޑަށް އުންމީދުކުރެވޭ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ 2.0" ނިންމާލުމަށްފަހު އިތުރު ލޯބީގެ ވާހަކައެއް ގެނެސްދޭން ބޭނުންވި ސަބަބު ހާމަކުރަމުން އެކްތާ ބުނީ، ކުރީގެ ޝޯއަށް ބެލުންތެރިން ދިން ތަރުހީބަށްފަހު، އަލަށް ގެނެސްދޭން ތައްޔާރުވާ މި ވާހަކައަކީވެސް އެންމެންގެ ހިތްތަކާ ފުންކޮށް ގުޅިލާމެހިގެންދާނެ ފަދަ އައު ފެށުމަކަށް ވާނެ ކަމަށެވެ.

comment ކޮމެންޓް