ފުލުހުން މަޑުކުރަން އެންގުމުން ހައިވޭގައި ބާރަށް ދުއްވަނިކޮށް އެކްސިޑެންޓުވި މީހެއްގެ އަތުން ޑުރަގު ފެނިއްޖެ

ހައިވޭގައި ފުލުހުން ހަރަކާތްތެރިވަނީ: ފުލުހުން މަޑުކުރަން އެންގުމުން ހައިވޭގައި ބާރަށް ދުއްވަނިކޮށް އެކްސިޑެންޓުވި މީހެއްގެ އަތުންވަނީ ޑުރަގު ފެނިފައި -- ފޮޓޯ/ ފުލުހުން

ފުލުހުން މަޑުކުރަން އެންގުމުން ވެސް، ސިނަމާލެ ބުރިޖުގެ ހައިވޭގައި ބާރަށް ދުއްވި މީހަކު އެކްސިޑެންޓުވެގެން ބެލިއިރު، އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާކަން ހާމަވެއްޖެއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދުއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދު މުއްދަތު ޖަހަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ޓްރެފިކްކުރުމުގެ ތުހުމަތުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ހައިވޭގައި ދުއްވާފައި ދަނިކޮށް، ފުލުހުން އޭނާ މަޑުކުރަން އެންގިއެވެ. ނަމަވެސް އޭނާ މަޑުނުކޮށް ދަނިކޮށް ފުލުހުންގެ ބެރިކޭޑުގައި ޖެހުނީއެވެ.

އެއަށްފަހު ފުލުހުން އޭނާ ޗެކްކުރިއިރު، އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓެއްގެ ތެރެއިން އަށް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ކޯޓުގައި ފާހަގަކުރިއެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އޭނާ ވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އަމިއްލައަށް ބުނެ، އޭނާ އަތުން ފެނުނީ ބޭނުންކުރަން ގެންގުޅުނު އެއްޗެއް ކަމަށް ބުނެފައެވެ. ނަމަވެސް އޭނާ ގެންގުޅުނީ ދެ ރަބަރު ޕެކެޓު ކަމަށް ބުނި ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

އެ މައްސަލައިގައި ކޯޓުން ވަނީ، އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ބަންދަށް 10 ދުވަސް ޖަހައިފައެވެ. އެ ބަންދު މުއްދަތު ހަމަވާނީ މި މަހުގެ 11ވަނަ ދުވަހަށެވެ.

މާލެ ސަރަހައްދުގައި ނުރައްކާތެރިކޮށް ދުއްވުމާއި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްފައިވާއިރު، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ވެސް ފުލުހުންގެ އޮޕަރޭޝަންތައް އަންނަނީ ހިންގަމުންނެވެ.

comment ކޮމެންޓް