ބިލިއަން ޑޮލަރުގެ މި މަޝްރޫއަކީ، ފެންނާނެ މަންޒަރުގެ ކުޑަ މިންވަރެއް؟

އަބޫދާބީގެ އައްސޭރިފަށުގައި އޮންނަ ރަމްހާން އައިލެންޑަށް ދިއުމުގެ ކުރިން، އެ ތަނާ ބެހޭ ގޮތުން ލިބިފައިވާ މައުލޫމާތުތަކުން ހީކުރެވުނީ އެއީ ހަމައެކަނި ކަނޑުމަގުން ދެވޭނެ އެކަހެރި ރަށްތަކެއް ކަމަށެވެ. ނަމަވެސް، ދިވެހި މީޑިއާ ވަފުދުން އެ ތަނަށް ކުރި ޒިޔާރަތުގައި، ވެހިކަލް ތެރޭ ހުއްޓައި، ކުއްލިއަކަށް ވަދެވުނީ ހުއްޓުމެއް ނެތި މަސައްކަތްކުރަމުން އަންނަ ބޮޑު ސަރަހައްދެއްގެ ތެރެއަށެވެ. ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ވެހިކަލްގައި، އެއްގަމުން ދުއްވައިފައި ގޮސް ވަދެ މި ހުރެވުނީ ރަމްހާން އައިލެންޑްގެ ތެރޭގައެވެ. އެއްގަމު މަގުން އަބޫދާބީގެ މައި ސަރަހައްދާ ރަމްހާން އައިލެންޑް ވަނީ ބްރިޖުތަކުން ގުޅާލާފައެވެ. މި ރަށަކީ އަބޫދާބީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 15 މިނެޓުން ދެވޭހާ ކައިރީގައި އޮތް ރަށެކެވެ.

އެއްގަމު މަގުން ރަމްހާން އައިލެންޑުގެ ތެރެއަށް ވަންނައިރު ފެންނަ، މަސައްކަތުގެ މަންޒަރު -- ސަން ފޮޓޯ

މީގެ ތިން އަހަރު ކުރިން އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ އަބޫދާބީގެ ސާދިޔާތު އައިލެންޑާއި ޔަސް އައިލެންޑާ ދެމެދު އޮންނަ 400 ހެކްޓަރުގެ ސަރަހައްދުގެ މައްޗަށް އެކުލެވޭ ގުދުރަތީ ރަށެއްގައި ހިންގާ މަޝްރޫއކެވެ. މީގެ ތެރެއިން 200 އެއްހާ ހެކްޓަރުގެ ބިން މިހާރު ދަނީ ހަލުވިކަމާއެކު ތަރައްޤީ ކުރަމުންނެވެ. ރަމްހާން އައިލެންޑް ތަރައްޤީ ކުރާ އީގަލް ހިލްސްއަކީ ދުބާއީގެ މަޝްހޫރު އީމާރު ޕްރޮޕަޓީޒްގެ ބާނީ މުހައްމަދު އަލްއައްބާރު 2014 ގައި އުފެއްދެވި ކުންފުންޏެވެ. އެ ކުންފުންޏަކީ، ބަހްރޭންގެ މަރާސީ އަލް ބަހްރޭން އާއި ސާބިއާގެ ބެލްގްރޭޑް ވޯޓާފްރަންޓް ފަދަ ދުނިޔޭގެ ފެންވަރުގެ ބިޔަ މަޝްރޫއތައް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ބަޔެކެވެ.

މަސައްކަތުގެ ބާރުމިނާއި އިންވެސްޓަރުގެ ގާބިލުކަން

މި ދަތުރުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ މަސައްކަތް ކުރިއަށްދާ ހަލުވި ދުވެއްޔެވެ. ރަށުގެ އެކި ސަރަހައްދުތަކުގައި އެތައް ހާސް މަސައްކަތްތެރިން ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ދިޔައެވެ. ބައެއް ސަރަހައްދުތަކުގައި އޯވާހެޑް ބްރިޖުތައް އެޅުމާއި، މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، އަނެއް ބަޔަކު ދަނީ ލަގްޒަރީ ވިލާތަކުގެ އަމަލީ މަސައްކަތް ކުރަމުންނެވެ. މަސައްކަތް ފެށިތާ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބީޗް ވިލާތައް ވަނީ ނިންމާފައެވެ.

މި މަސައްކަތްތަކުން ހާމަވަނީ އިންވެސްޓަރުގެ މާލީ ތަނަވަސްކަމާއި މަސައްކަތް ނިންމުމަށް އޮތް ސާބިތުކަމެވެ.

ރަމްހާން އައިލެންޑް: ތަރައްގީކޮށް ނިންމައި ދައްކައިލަން ތައްޔާރުކޮށްފައި ހުރި މޮކްއަޕް ވިލާއެއްތެރެ -- ސަން ފޮޓޯ

ރަސްމާލެއާ އޮތް ބޮޑު ގުޅުން

މި މަޝްރޫއަށް ދިވެހިންގެ ސަމާލުކަން ހުއްޓިފައިވަނީ، ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށްވާ ރަސްމާލޭގެ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއު ހަވާލުކޮށްފައިވަނީ ވެސް އީގަލް ހިލްސްއާ ކަމަށްވާތީއެވެ. މިނިސްޓަރު ޑރ. މުއްތަލިބް ސިފަކުރެއްވި ގޮތުގައި، މިއީ ރާއްޖެއަށް އަންނާނެ ވަރަށް ބޮޑު އިޤްތިޞާދީ ބަދަލެކެވެ.

ރަމްހާން އައިލެންޑާއި ރަސްމާލެ މަޝްރޫއުގެ ފަރުމާގައި ގިނަ އެއްގޮތް ކަންތައްތަކެއް ހިމެނެއެވެ. ރަމްހާންގައި ހިމެނޭ 1,800 އަށްވުރެ ގިނަ ލަގްޒަރީ ވިލާ އާއި، 900 މެރީނާ ރެސިޑެންސް އަދި 120 ކޮޓަރީގެ ހޮޓަލަކީ ރަސްމާލޭގެ "ވޯޓާފްރަންޓް" މަޝްރޫއިން ވެސް ފެންނާނެ ކަންކަމެވެ. ރަސްމާލެ މަޝްރޫއު ރަމްހާން އައިލެންޑަށް ވުރެ ވެސް ބޮޑުވާނެއެވެ. އެއީ ރަސްމާލޭ މަޝްރޫއު ހިންގަނީ 500 ހެކްޓަރުގެ ބިމެއްގައި ކަމަށްވާތީއެވެ.

ރަމްހާން އައިލެންޑްގެ 400 އެއްހައި ހެކްޓަރުގެ ސަރަހައްދު ތަރައްގީކުރާނެ ގޮތުގެ މޮޑެލް ޕްލޭން -- ސަން ފޮޓޯ

މީޑިއާ ވަފުދަށް ވަނީ ރަމްހާން އައިލެންޑްގެ މޮކަޕް ނުވަތަ ނަމޫނާ ވިލާތައް ބަލައިލަންލިބިފައެވެ. މި ވިލާތަކުގެ އެތެރެ ފަރުމާކޮށްފައިވަނީ އެންމެ މަތީ ފެންވަރުގައެވެ. ޕްރައިވެޓް ޕޫލްތަކާއި، ތަނަވަސް ކޮޓަރިތަކާއި، ޒަމާނީ ބަދިގެތައް ހިމެނޭ މި ވިލާތަކުގެ މާހައުލަކީ ރާއްޖޭގެ ރިސޯޓުތަކާ އެއްފަދަ ހިތްގައިމު މާހައުލެކެވެ. މި ވިލާތަކަކީ މުއްސަނދި ފަންތީގެ މީހުންނަށް އަމާޒުކޮށްގެން ހަދާފައިވާ ތަންތަނެވެ.

ރަމްހާންއަކީ މައިގަނޑު ގޮތެއްގައި މުއްސަނދިންނަށް އަމާޒުކޮށްގެން ހަދާ ވިޔަފާރި މަޝްރޫއއް ނަމަވެސް، ރަސްމާލެ މަޝްރޫއގެ ފުރަތަމަ ފިޔަވަހީގައި، ހުޅުމާލޭގައި5,000 ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އާންމު ރައްޔިތުންނަށް އޮތް ބޮޑު ބޯހިޔާވަހިކަމުގެ އުންމީދެކެވެ. އަދި ރަމްހާންއަކީ ގުދުރަތީ ރަށެއް ނަމަވެސް، ރަސްމާލެއަކީ ހިއްކާފައިވާ ބިމެކެވެ. އީގަލް ހިލްސްއިން ބުނެފައިވަނީ ރަސްމާލޭގައި އިތުރަށް ބިން ނުހިއްކާނެ ކަމަށާއި، ތިމާވެށީގެ އުސޫލުތަކަށް އިސްކަންދޭނެ ކަމަށެވެ.

https://sun.mv/229722

މިފަދަ ބިޔަ މަޝްރޫއއް ރާއްޖޭގައި ހިންގުމަށްޓަކައި ބޮޑެތި ގޮންޖެހުންތަކެއް ވެސް ހުންނާނެއެވެ. އޭގެ ތެރޭގައި ބޭނުންވާ ފައިނޭންސް ހަމަޖެއްސުމާއި، ބޮޑު މަސައްކަތު ފޯހެއް ބެލެހެއްޓުމާއި، އަދި ކަނޑުމަގުން މުދާ އުފުލުމުގެ ލޮޖިސްޓިކްސް ކަންކަން ހިމެނެއެވެ. ރަމްހާންއިން ފެނުނު ހަލުވިކަން ރާއްޖޭގައި ދެމެހެއްޓުމަށްޓަކައި މި ހުރިހާ ކަމެއް ފުރިހަމައަށް ރޭވުން މުހިންމެވެ.

ރަމްހާން އައިލެންޑުން ފެންނަ ތަރައްޤީގެ މަންޒަރުތަކަކީ ރަސްމާލެއާ މެދު ކުރެވޭ އުންމީދުތައް އާކޮށްދޭ ކަމެކެވެ. އީގަލް ހިލްސްއަކީ އެފަދަ ގާބިލުކަން ހުރި ކުންފުންޏެއްކަން މި މަޝްރޫއުން ވެސް ހާމަވެއެވެ. ނަމަވެސް، ރަސްމާލެ މަޝްރޫއުގެ ހަގީގީ ކާމިޔާބީ ބިނާވެފައިވަނީ އެއްބަސްވުމުގައިވާ ކަންކަން ފުރިހަމައަށް ތަންފީޒު ކުރެވޭ މިންވަރަކާއި، ދިވެހި ރައްޔިތުންނަށް އެއިން ލިބޭނެ މަންފާގެ މައްޗަށެވެ.

ރަސްމާލެއަކީ ހަމައެކަނި މުއްސަދީންނަށް ޚާއްސަ ވިޔަފާރި މަޝްރޫއަކަށް ނުވެ، ދިވެހިންގެ ބޯހިޔާވަހިކަމުގެ މައްސަލައަށާއި، ޑޮލަރުގެ މައްސަލައަށް ދިގު މުއްދަތުގެ ހައްލެއް ލިބޭނެ، އިގްތިޞާދު އެހެން މަތީ ފަންތިއަކަށް ގެންގޮސްދޭނެ މަޝްރޫއަކަށްވުމަކީ މުޅި ގައުމުގެ އުންމީދެވެ.

comment ކޮމެންޓް