އަންހެން ކޮއްކޮއަށް އަނިޔާކުރި މައްސަލައިގައި ނަޞޭޙަތުގެ އެއްބަސްވުމެއް ހަދައި، ދަޢުވާ އަނބުރާ ގެންގޮސްފި

ގެވެށި އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން: އަންހެން ކޮއްކޮއަށް އަނިޔާކުރި މައްސަލައެއްގައި ނަޞޭޙަތުގެ އެއްބަސްވުމެއް ހަދައި، ދަޢުވާ ވަނީ އަނބުރާ ގެންގޮސްފައި ---

ރ. ހުޅުދުއްފާރުގައި އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަކަށް އަނިޔާކުރި މައްސަލައެއްގައި، ދަޢުވާލިބޭ މީހާއާއެކު ނަޞޭޙަތުގެ އެއްބަސްވުމެއް ހަދައި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އަނބުރާ ގެންދިއުމުން ކޯޓުން ޝަރީޢަތް ހުއްޓާލައިފިއެވެ.

މި މައްސަލައަކީ މިދިޔަ ޖަނަވަރީ މަހުގެ އަށް ވަނަ ދުވަހުގެ ރޭ 10:30 ހާއިރު ފިރިހެނަކު، ހުޅުދުއްފާރު ގެއެއްގެ ބޭރު ޖޯލީގައި އިން އޭނާގެ އަންހެން ކޮއްކޮއާ ޒުވާބުކުރުމަށްފަހު، ކޮއްކޮގެ ވާއަތު ފައިގެ ފަލަމަސްގަނޑުގައި ފައިން ޖަހައި ބިންމައްޗަށް ވައްޓާލައި އަނިޔާކުރި މައްސަލައެކެވެ. މި ހާދިސާއާ ގުޅިގެން ޞިއްޙީ މަރުކަޒުން ދޫކުރި މެޑިކޯ ލީގަލް ރިޕޯޓާއި، މަންޒަރު ދުށް ހެކިންގެ ބަހާއެކު، ދައުލަތުން އޭނާގެ މައްޗަށް އުފުލީ ގާނޫނުލްޢުގޫބާތުގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާއެވެ.

ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގައި މި މައްސަލައިގެ ޝަރީޢަތް ހިނގަމުން ދަނިކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން، ދަޢުވާކުރުމުގެ ބަދަލުގައި ނަޞޭޙަތްދީ މައްސަލަ ނިންމުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ. އެއާއެކު މިދިޔަ އޮގަސްޓް 31ގައި ދައުލަތާއި ދަޢުވާލިބޭ މީހާއާ ދެމެދު ވަނީ ނަޞޭޙަތްދީ ދޫކޮށްލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެއްވެސް ޝަރުޠަކާ ޚިލާފުވެއްޖެނަމަ މައްސަލަ އަލުން ކޯޓަށް ހުށަހަޅާ ގޮތަށް ނިންމައި، މައްސަލަ އަނބުރާ ގެންދިއުމަށް ޕީޖީ އޮފީހުން ކޯޓުގައި އެދިފައިވެއެވެ.

ޕީޖީ އޮފީހުގެ އެދުމާ ގުޅިގެން ކޯޓުން ވަނީ މި މައްސަލައިގެ ޝަރީޢަތް ހުއްޓާލައި، މައްސަލައިގެ އެންމެހައި ލިޔެކިޔުންތަކާއެކު މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވުމަށް ކަނޑައަޅައި ގަޟިއްޔާ ނިންމާފައެވެ.

comment ކޮމެންޓް