"އެމްޑީޕީގެ ދެން އޮތް އަމާޒަކީ ވިޔަފާރިވެރިން އުފެއްދުން؛ މިދިޔަ ސަރުކާރުން ތޮއްޑޫގައި 80 ވިޔަފާރިވެރިން އުފެއްދި"

ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ --- ފައިލް ފޮޓޯ: މަޖިލިސް

މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން، އއ. ތޮއްޑޫގައި އެކަނިވެސް 80 އަށްވުރެ ގިނަ ގެސްޓުހައުސް ވިޔަފާރިވެރިން އުފައްދާފައި ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެސްއެސް ޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ޔައުގޫބު ވިދާޅުވީ އެމްޑީޕީގެ ވޭތުވެދިޔަ ވެރިކަންތަކުގައި އަސާސީ އަދި ފިޒިކަލް އިންފްރާސްޓްރަކްޗާ ކަމަށްވާ ފެނާއި، ނަރުދަމާ، ކަރަންޓު އަދި ބަނދަރު ފަދަ ވަސީލަތްތައް ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ރަށެއްގައި ގާއިމުކޮށް ނިންމާލެވިފައިވާ ކަމަށެވެ. އެހެންކަމުން ދެން އޮތް މަރުހަލާއަކީ ފުދުންތެރި އިންސާނުން ބިނާކުރުން ކަމަށާއި، އެކަން ވާނީ ހަމައެކަނި ވަޒީފާ ދީގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީފާއަކުން ލިބޭ މަހު މުސާރައަށްވުރެ ބޮޑު އާމްދަނީއެއް ރައްޔިތުންނަށް ހޯދައިދެވޭނީ ގައުމުގައި ވިޔަފާރިވެރިން އުފައްދައިގެން ކަމަށާއި، ދައުލަތުގެ ބަޖެޓުގެ ޕީއެސްއައިޕީން މިކަމަށް ވަސީލަތްތައް ހަމަޖެއްސިދާނެ ކަމަށް އޭނާ ވެސް ވިދާޅުވިއެވެ.

"އިފްރާސްޓްރަކްޗާ އަކީ ވިޔަފާރިވެރިޔާއޭ، ވިޔަފާރިވެރިންނޭ އުފައްދާނީ، މީގެ ކުރިން އެމްޑީޕީގެ ދެ ސަރުކާރުގައި ވަރަށް ބޮޑަށް ބެލިން ފިޒިކަލް އިންފްރާސްޓްރަކްޗާ ގާއިމުކުރަން. މިސާލަކަށް ފެނާއި ނަރުދަމާއާއި ކަރަންޓާއި އެހެނިހެން ވަސީލަތްތައް ބަނދަރާއި ސްކޫލުތަކާއި ބައިވަރު އެކަހަލަ ކަންކަން އަޅުގަނޑުމެން ކޮށްފިން،" ޔައުގޫބު ވިދާޅުވިއެވެ.

ރާއްޖޭގައި 10،000 ވިޔަފާރިވެރިން ނުއުފެއްދެންވީ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރައްވަމުން ޔައުގޫބު ވިދާޅުވީ، މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގި އެސްއެމްއީ ބޭންކު (އެސްޑީއެފްސީ) މެދުވެރިކޮށް އެތައް ބަޔަކު އަލަށް ވިޔަފާރީގެ ތެރެއަށް ނެރެދީފައިވާނެ ކަމަށެވެ.

އެގޮތުން ޚާއްސަކޮށް ތޮއްޑޫ ފާހަގަކޮށްލެވޭ ކަމަށާއި އެ ރަށަކީ މީގެ ކުރިން ދަނޑުވެރިކަމަށް މަޝްހޫރު ރަށެއް ނަމަވެސް މިހާރު އެއް ރަށް މަޝްހޫރު ވެފައި ވަނީ ޓޫރިޒަމަށް ކަމަށް ޔައުގޫބު ވިދާޅުވިއެވެ. އެގޮތުން ތޮއްޑު އަކީ ބިންބޮޑު އާބާދީ ބޮޑު ރަށެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ތޮއްޑޫގައި އެންމެ ކުރިއަރާފައި ވަނީ ގެސްޓު ހައުސް ވިޔަފާރިކަމަށެވެ.

"މިސާލަކަށް ބަލާނަމަ އެއް ރަށަކަށް ގައިމުވެސް އަޅުގަނޑަށް އެނގޭ ރަށަކީ އއ. ތޮއްޑޫ. ތޮއްޑުއަކީ މީގެ ކުރިން ދަނޑުވެރިކަމަށް މަޝްހޫރު ރަށެއް ނަމަވެސް، މިއަދު އެ ރަށަށް ލިބިފައިވާ ބޮޑު ކުރިއެރުމަކީ ގެސްޓުހައުސް ވިޔަފާރި. އެ ރަށުގައި ބިމާއި މީހުން ތިބި ނަމަވެސް ބޭނުންވީ ފައިނޭންޝަލް ކެޕިޓަލް. އެސްއެމްއީ ބޭންކު މެދުވެރިކޮށް ތޮއްޑޫގައި އެކަނިވެސް 80 އަށް ވުރެ ގިނަ ގެސްޓުހައުސް ވިޔަފާރިވެރިން އުފެއްދި،" ޔައުގޫބު ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ތޮއްޑޫގެ އިތުރުން ވެސް ރާއްޖޭގެ އެކި ރަށްރަށުގައި އެސްއެމްއީ ބޭންކުގެ އެހީތެރިކަމާއެކު މުޅިން އަލަށް ވިޔަފާރީގެ ދާއިރާއަށް ނުކުމެ، މިއަދުވެސް ކާމިޔާބުކަމާއެކު ހިންގަމުންދާ އެތައް ވިޔަފާރިވެރިންނެއް އެބަތިއްބެވެ.

މީގެއިތުރުން އެމްޑީޕީއަކީ ހަމައެކަނި ވާހަކައެއް ބުނެފައި ދޫކޮށްލާ ބައެއް ނޫން ކަމަށާއި، ކަމެއް ކުރަން ނިންމަނީ ވަރަށް ބޮޑަށް ދިރާސާކޮށް، ވަސީލަތްތައް ހޯދާނެ ގޮތްތައް ރާވައިގެން ކަމަށް ވެސް ޔައުގޫބު ވިދާޅުވިއެވެ.

މިފަދައިން ވިދާޅުވެ ޔައުގޫބު ވަނީ މިހާރު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ވެރިކަމެއްގައި 10،000 ވިޔަފާރިވެރިން އުފައްދަވާނެ ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށް ޝައުގުވެރިކަން ފާޅުކުރެއްވި ހިސާބުން ފެށިގެން ވެސް ފައްޔާޒު އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ވިޔަފާރިވެރިން އުފެއްދުމަށް ކަމަށެވެ.

"ފައްޔާޒު އާއި އެކު ފުދޭވަރަކަށް މަސައްކަތް ކުރެވޭތީ ހަމަ ބުނެލަން ބޭނުން ވަނީ ފައްޔާޒުގެ ވެރިމެއްގައި 10،000 ވިޔަފާރިވެރިން އުފައްދަން ވިދާޅުވީ އޭނާ އައްޑޫގައި ކުރިއަށް ގެންދިޔަ ކެމްޕޭނު ހަރަކާތެއްގައި. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް ނޭނގޭ. އެނގޭ މިންވަރަކީ ފައްޔާޒުގެ ޕްރައިމަރީގައި ވާދަކުރައްވަން ޝައުގުވެރިކަން އުފެދުނު ހިސާބުން ފެށިގެން ވެސް އަބަދުވެސް ދައްކަވާ ވާހަކައެއްކަން އެއީ،" ޔައުގޫބް ވިދާޅުވިއެވެ.

comment ކޮމެންޓް