ގަޑި ބަލައިލުމުގެ ބޭނުމުގައި ފޯނު ނެގި ނަމަވެސް، ސޯޝަލް މީޑިއާގެ ވާވަދުމުގެ ތެރެއަށް ގެއްލި ގަޑިއިރުތަކެއް ވޭތުވެގެން ދިޔުމަކީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް ތަހައްމަލުކުރަމުން އަންނަ އާންމު ޙަޤީޤަތެކެވެ.
ކުރު ވީޑިއޯތަކާއި ރީލްސްތައް ބެލުމުގައި ހޭދަވާ ސާޅީހަކަށް މިނެޓުގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެކި މީހުން ކައިބޮއެ އުޅޭ ގޮތްތަކާއި، ވައިރަލްވަމުންދާ ލަވަތަކުގެ އިތުރުން އޭއައިއިން އުފައްދާފައިވާ ވާހަކަތައް ބަލައި ނިމޭއިރު، އަގުހުރި އެތައް ވަގުތެއް އޮންނަނީ ގެއްލިފައެވެ. ސޯޝަލް މީޑިއާގެ މިފަދަ ކޮންޓެންޓްތަކުގެ ސަބަބުން ސިކުނޑި ހަލާކުވާ ކަމަށް ބުނެ އިންޓަނެޓުގައި މީހުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް، ފޯނާ ދުރުނުވެވި އެތައް ވަގުތެއް ބޭކާރުކޮށްލާ މި އާދަ ނުވަތަ 'ޑޫމްސްކްރޯލިން'އިން އަރައިގަނެވޭ ގޮތެއް އަދިވެސް ގިނަ މީހުންނަކަށް ނުވެއެވެ.
މި ދެވިހިފުމުން ސަލާމަތްވެ ސްކްރީނާ ދުރުގައި ފައިދާހުރި ވަގުތުކޮޅެއް ހޭދަކުރުމަށްޓަކައި، ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން މިހާރު ދަނީ 'ބްރެއިން ސްޓެކިން'ގެ ނަމުގައި އާ ހަރަކާތެއް ފަށައި އެކަން އާންމުކުރަމުންނެވެ. މިއީ ޑިޖިޓަލް ވަސީލަތްތަކާ ދުރުވެ، ވާހަކަފޮތްތަކާއި، ނޯޓުފޮތްތަކުގެ އިތުރުން ސިކުނޑި ތާޒާކޮށްދޭ ޕަޒްލްތައް އެއްތަނަކަށް ޖަމާކޮށްގެން ސިކުނޑިއަށް އަރާމު ހޯދައިދޭ ހިތްގައިމު އުކުޅެކެވެ. މި ކަމުގެ މައިގަނޑު މަގުސަދަކީ ފޯނުގެ ސްކްރީނަށް ބަލަން ހޭދަކުރާ ވަގުތު ކުޑަކޮށް، އަތުން ބީހިލެވޭ ފަދަ އާދައިގެ ކަންކަމުގެ ތެރެއިން ހިތްހަމަޖެހުން ހޯދުމެވެ.
މި އާދަ އަށަގެންނެވުމަށްޓަކައި ކުރަންޖެހޭ ކަމަކީ ކިޔަން ބޭނުންވާ ވާހަކަފޮތަކާއި، ސުޑޯކޫ ނުވަތަ ޖަދުވަލު ފަދަ ސިކުނޑި ހުޅުވައިދޭ ކުޅިވަރު ފޮތަކާއި، ޚިޔާލުތައް ނޯޓުކޮށްލާނެ ފޮތެއް ނުވަތަ ކުރެހުން އަޅާނެ ސާމާނު އެއްކޮށްލުމަށްފަހު އަބަދުވެސް އަތްފޯރާ ފަށުގައި ބެހެއްޓުމެވެ. އެއާއެކު، ފޫހިވެގެން ފޯނު ނަގައި ސޯޝަލް މީޑިއާ ހާވަން ހިތަށްއަރާ ކޮންމެ ދަނޑިވަޅެއްގައި، ފޯނުގެ ބަދަލުގައި މި ތަކެތިން ކޮންމެވެސް އެއް ހަރަކާތެއް އިޚްތިޔާރުކުރާނީއެވެ. ކޮންޓެންޓް ކްރިއޭޓަރު މެންޑީ ރޫލްޒް ފަދަ ފަރާތްތަކުން މަޤުބޫލުކުރަމުން އަންނަ މި އާދައަކީ، ހެނދުނު ހޭލައިގެންނާއި ނިދުމުގެ ކުރިން ވެސް އެއްވެސް ތާވަލެއްގެ ތަކުލީފަކާ ނުލައި ފަސޭހަކަމާއެކު އަމަލުކުރެވިދާނެ ބޭނުންތެރި ކަމެކެވެ.
ދުނިޔެ ޑިޖިޓަލްވެ އެންމެން އޮންލައިން ދުނިޔެއަށް ބަރޯސާވެފައިވާއިރު، ސްކްރީންތަކާ ދުރަށް ޖެހިލައި އަމިއްލަ ނަފްސަށާއި ސިކުނޑިއަށް އަރާމު ދިނުމަކީ މިހާރު އެންމެ ބޭނުންތެރި އަދި އަގުހުރި އެއް ކަންތައް ކަމަށް ގިނަބަޔަކު ޤަބޫލުކުރޭ--ފޮޓޯ/އިންޑިއާޓުޑޭމިފަދަ ހަރަކާތްތަކަކީ ހަމައެކަނި ވަގުތު ފާއިތުކޮށްލުމަށް ކުރެވޭ ކަންކަމަށް ވުރެ ބޮޑަށް، ސިކުނޑީގެ މަސައްކަތްތައް ހަލުވިކޮށް ދުޅަހެޔޮކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ. އިންޑިއާގެ މަޝްހޫރު ނިއުރޮލޮޖިސްޓް (ނާރުގެ ޚާއްސަ ޑޮކްޓަރު) ޑރ. ނޭހާ ކަޕޫރު ފާހަގަކުރައްވާ ގޮތުގައި، ސުޑޯކޫ ފަދަ ސިކުނޑި ބޭނުންކުރަންޖެހޭ ކުޅިވަރުތަކުގެ ސަބަބުން ހަނދާންގަދަވެ، ކަންކަމުގައި ވިސްނުން ބަހައްޓަން އެނގުމުގެ އިތުރުން ސަމާލުކަން ދިނުމުގެ ޤާބިލިއްޔަތު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ. މީގެ އިތުރުން އަމިއްލައަށް ކަންކަން ނިންމުމުގެ ހުނަރު ތަރައްޤީވެ، ކާމިޔާބީގެ އުފާވެރި އިހުސާސެއް ނަފްސަށް ގެނެސްދޭ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ. މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، ވިސްނުމުގެ ބާރު ވަރުގަދަކުރުމަށްޓަކައި ސިކުނޑި ހަރަކާތްތެރިކުރުވާ މިފަދަ ކަންކަމުގައި ދުވާލެއްގެ މައްޗަށް ކޮންމެވެސް ވަގުތުކޮޅެއް ހޭދަކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.
ދުނިޔެ ޑިޖިޓަލްވެ އެންމެން އޮންލައިން ދުނިޔެއަށް ބަރޯސާވެފައިވާއިރު، އަނެއްކޮޅުން ކަންކަން ހަނދާންނެތުމުގެ ޝަކުވާ މިވަނީ އިންތިހާއަށް އިތުރުވެފައެވެ. އެހެންކަމުން ސްކްރީންތަކާ ދުރަށް ޖެހިލައި އަމިއްލަ ނަފްސަށާއި ސިކުނޑިއަށް އަރާމު ދިނުމަކީ މިހާރު އެންމެ ބޭނުންތެރި އަދި އަގުހުރި އެއް ކަންތަކަށް ވަނީ ވެފައެވެ.
މި އާދަ ފެށުމަށްޓަކައި އަގުބޮޑެތި އާ ތަކެތި ގަންނާކަށް ނުޖެހެއެވެ. ގޭގައި ކިޔަން ފަށައި ނުނިމި އޮތް ވާހަކަފޮތެއް، ބާ ނޯޓުފޮތެއް ނުވަތަ ނޫހުގައި ހިމެނޭ ކުރުސްވޯޑާއި ޕަޒްލް ބައި ނަގައިގެން ވެސް ފެށިދާނެއެވެ. އެންމެ މުހިންމު ކަމަކީ ފޯނު ބާއްވާފައި އޮންނަ ފަދައިން ފަސޭހައިން އަތުޖެހޭނެ ހިސާބެއްގައި މި ތަކެތި ބެހެއްޓުމެވެ. އެގޮތުން ސައިބޮއެ ނިމިގެން ނުވަތަ ނިދަން އެނދަށް އެރުމުގެ ކުރިން ދިހަވަރަކަށް މިނެޓު މިކަމަށް ހުސްކޮށްލެވިދާނެއެވެ.
މިފަދަ ކުޑަކުޑަ ބަދަލަކުން އެއް ރޭ މަތިން ހުރިހާ ކަމެއް ބަދަލުވެގެން ނުދިޔަ ނަމަވެސް، އަދި ބައެއް ދުވަސްދުވަހު އަނެއްކާވެސް ފޯނަށް އިސްކަންދެވުނު ކަމުގައި ވިޔަސް، މިއީ މާޒީވެ ގޮސްފައިވާ ފައިދާހުރި ރަނގަޅު އާދަތަކާއި ހުނަރުތައް އަލުން ދިރުވައި، ސިކުނޑިއަށް ތާޒާކަން ގެނެސްދިނުމަށް އެޅިދާނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.