ޗެޓް ނުހުޅުވައި މެސެޖުތައް ބަލައިލެވޭ ފީޗާއެއް ވަޓްސްއެޕް އެންޑްރޮއިޑަށް

މި ފީޗާއަކީ އަދި ޑިވެލޮޕްމަންޓް މަރުޙަލާގައި އޮތް ފީޗާއެއް ---

ވަޓްސްއެޕްގެ އެންޑްރޮއިޑް އެޕް ބޭނުންކުރާ ފަރާތްތަކަށް ޗެޓް ނުހުޅުވައި މެސެޖުތައް ބަލައިލެވޭ "ޗެޓް ޕްރިވިއު" ފީޗާއެއް ތަޢާރަފުކުރުމުގެ މަސައްކަތް ވަޓްސްއެޕުން ކުރަމުންދާ ކަމަށް ޑަބްލިއުއޭބީޓާިއިންފޯ އިން ރިޕޯޓުކޮށްފިއެވެ.

މި ފީޗާގެ ދަށުން ޗެޓް ލިސްޓުގައިވާ ކޮންވަސޭޝަނެއްގެ މައްޗަށް ފިތާލައިގެން ހިފަހައްޓާލުމުން (ލޯންގް ޕްރެސް ކުރުމުން)، އަންނަ އާ އެކްޝަން މެނޫގެ މަތީގައި އެ ޗެޓެއްގެ އެންމެ ފަހުގެ މެސެޖުތައް ވަކި ވިންޑޯއެއްގައި ޕްރިވިއުއެއްގެ ގޮތުގައި ފެންނާނެއެވެ. އަދި މި ޕްރިވިއުއަކީ ސްކްރޯލް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އިންޓަފޭސްއަކަށް ވާތީ، ޗެޓް ނުހުޅުވައި މެސެޖުތައް ކިޔާލުމުގެ ފުރިހަމަ ފުރުސަތު ލިބިގެންދާނެއެވެ.

މިގޮތަށް ޕްރިވިއު މެދުވެރިކޮށް މެސެޖުތައް ކިޔުމުން މެސެޖު ފޮނުވި ފަރާތަށް ރީޑް ރިސީޕްޓް (ނޫކުލައިގެ ޓިކް) ނުފޮނުވާނެއެވެ. މެސެޖުތައް ރީޑްވި ކަމަށް މާކުވާނީ އާދައިގެ މަތިން ޗެޓް ހުޅުވައިގެން ބެލުމުންނެވެ.

https://sun.mv/229995

މި ޕްރިވިއު ކާޑާއެކު އަންނަ އެކްޝަން މެނޫއިން ޗެޓް މާކް އެޒް ރީޑް ކުރުމާއި، ޕިން ކުރުމާއި، އާކައިވް ކުރުމާއި، ސިލެކްޓް ކުރުން ނުވަތަ ޑިލީޓް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މީގެ އިތުރުން "މޯ އޮޕްޝަންސް" ބައިގެ ތެރެއިން ޗެޓް ލޮކް ކުރުމާއި، ލިސްޓަކަށް ޗެޓް އިތުރުކުރުމާއި، ޗެޓް އިންފޯ ބެލުމުގެ އިތުރުން ހޯމް ސްކްރީން ޝޯޓްކަޓް ހެދުމުގެ އިޚްތިޔާރުވެސް ލިބިގެންދާނެއެވެ.

އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް ވަޓްސްއެޕްގައި މިފަދަ ޗެޓް ޕްރިވިއުއެއް މިހާރުވެސް ލިބެމުންދިޔަ ނަމަވެސް، އެންޑްރޮއިޑަށް ތަޢާރަފުކުރާ ފީޗާގައި ސްކްރޯލް ކުރެވޭ ގޮތަށް އިތުރު ފަސޭހަތަކެއް ހިމެނޭނެއެވެ.

މި ފީޗާއަކީ މިހާރު ޑިވެލޮޕްމަންޓް މަރުޙަލާގައިވާ ފީޗާއެއް ކަމުން، ބީޓާ ޓެސްޓިންއަށްވެސް ނެރެފައި ނުވިނަމަވެސް ކުރިއަށް އޮތް އަޕްޑޭޓެއްގައި އާންމުންނަށް މި ފީޗާ ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މެޓާގެ ދަށުން ހިންގާ ވަޓްސްއެޕުން އަންނަނީ އެޕް ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވެސީ ވަރުގަދަކުރުމަށާއި މެސެޖުކުރުމުގެ ތަޖުރިބާ ފަސޭހަކުރުމަށްޓަކައި ގިނަ އާ ފީޗާތަކެއް ޓެސްޓުކޮށް އާންމުންނަށް ތަޢާރަފުކުރަމުންނެވެ. އެގޮތުން އެޕްގެ ބީޓާ ވާޝަންތަކުގައި އަޖުމަބަލަމުންދާ މިފަދަ ފީޗާތަކުގެ މައުލޫމާތު އެންމެ ފުރަތަމަ ތިލަކުރާ އެއް ފަރާތަކީ ޑަބްލިއުއޭބީޓާިއިންފޯއެވެ.

ވަޓްސްއެޕުން ދަނީ އެންޑްރޮއިޑާއި އައިއޯއެސް ބޭނުންކުރާ ފަރާތްތަކުގެ މެދުގައިވާ ފީޗާތަކުގެ ފަރަގު ކުޑަކޮށް، ދެ ޕްލެޓްފޯމަށްވެސް އެއްހަމައެއްގައި އާ ފީޗާތައް ފޯރުކޮށްދިނުމަށް ގިނަ ބަދަލުތަކެއް ގެންނަމުންނެވެ.

comment ކޮމެންޓް