ގާތްގަނޑަކަށް 12 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު ދެކުނު އިންޑިއާގެ މަޤުބޫލު ބަތަލާ ނަޒްރިޔާ ނާޒިމް އަލުން ތަމަޅަ ސިނަމާއަށް އެނބުރި އަންނަނީ ތަމަޅަ ސުޕަސްޓާރު ސޫރިޔާއާއެކު "ސީން" ކިޔާ ފިލްމަކުންނެވެ.
މި ފިލްމު ވެގެންދަނީ މި ދެ ތަރިން އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފަހަރަށް ވީ ނަމަވެސް، މީގެ ކުރިން ސޫރިޔާ ހުށަހެޅި ތިން ފިލްމެއް ނަޒްރިޔާ ދޫކޮށްލި ކަމަށް ބުނެ ދެކެވުނު ވާހަކަތަކުގެ ޙަޤީޤަތް މިހާރު ވަނީ ވަރަށް ސާފުކޮށް ތިލަވެފައެވެ.
މި ފިލްމު ޕްރޮމޯޓްކުރުމަށް ކޮޗީގައި ބޭއްވި ހަފުލާއެއްގައި ނަޒްރިޔާ ވަނީ ސޫރިޔާގެ އެ ވާހަކަތަކަށް ސީދާ ޖަވާބެއް ދީފައެވެ. އެގޮތުން ސޫރިޔާގެ ތިން ފިލްމަކަށް ފުރަގަސްދިން ކަމަށް ބުނެވުނު ވާހަކައަކީ މަޖަލަކަށް ހަދައިގެން ދެއްކި ވާހަކައެއްކަން ފާހަގަކުރަމުން ނަޒްރިޔާ ބުނީ، އެ ފުރުސަތުތައް ދޫކޮށްލަން ޖެހުނީ ޝެޑިއުލްތައް ފުށުއެރުމާއި އެ ދުވަސްވަރު ދިމާވި އެކި އޮޅުންބޮޅުންތަކުގެ ސަބަބުން ކަމަށެވެ. އަދި ސޫރިޔާ ފަދަ ކުޅަދާނަ، މަޤުބޫލު ތަރިއެއްގެ ފިލްމަކަށް އޭނާ ގަސްތުގައި ދެކޮޅު ނަހަދާނެ ކަމަށް ވެސް ނަޒްރިޔާ ބުންޏެވެ.
ނަޒްރިޔާ މިހެން ބުނެފައި މިވަނީ، މީގެ ކުރިން ހައިދަރުއާބާދުގައި އޮތް ހަފުލާއެއްގައި ސޫރިޔާ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ހަފުލާގައި ނަޒްރިޔާގެ އެކްޓިން ހުނަރަށާއި ސްކްރީން ޕްރެޒެންސަށް ތައުރީފުކުރަމުން ސޫރިޔާ ބުނެފައިވަނީ، އޭނާ އަބަދުވެސް ނަޒްރިޔާއާއެކު މަސައްކަތްކުރަން ބޭނުންވި ކަމަށާއި، ތިން ފަހަރެއްގެ މަތިން ކުރި މަސައްކަތް ކާމިޔާބުނުވެ، ނަޒްރިޔާގެ އެއްބަސްވުން ލިބުނީ ހަތަރު ވަނަ ފަހަރަށް ހުށަހެޅި ހުށަހެޅުމުން ކަމަށެވެ.
ފިލްމު "ސީން"ގެ ޕޯސްޓަރެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް"ރޯމާންޗަމް" އަދި "އާވޭޝަމް" ފަދަ ކާމިޔާބު މަލަޔާޅަމް ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ޖިތޫ މާދަވަންގެ ފުރަތަމަ އަންހެން ލީޑް ރޯލު ކުޅެން ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް ނަޒްރިޔާ ފާހަގަކުރިއެވެ.
މީގެ އިތުރުން މި ފިލްމުގައި އޭނާ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ކުޅެފައިވާނެ ކަމަށް ބުނަމުން ނަޒްރިޔާ ހާމަކުރި ގޮތުގައި، ޑައިރެކްޓަރާއި ކްރޫ އަދި މުހިންމު ރޯލުތަކުން ފެންނަ ގިނަ ތަރިންނަކީ މަލަޔާޅީން ކަމަށްވުމުން، ޝޫޓިން ކުރިއަށްދިޔަ ދުވަސްވަރު ސެޓުގައި އޮތީ ޗުއްޓީއެއް ހޭދަކޮށްލުން ފަދަ އާއިލީ އަދި މަޖާ މާހައުލެކެވެ. މި ފިލްމަކީ މަލަޔާޅަމް ސިނަމާގެ ޒުވާން ތަރި ނަސްލެން ވެސް ވިލަންގެ ރޯލުން ތަމަޅަ ސިނަމާއަށް ތައާރަފުވާ ފިލްމެވެ.
ކްރައިމް ތްރިލާ ޖޯންރާއަށް ތައްޔާރުކޮށްފައިވާ "ސީން"ގައި ސޫރިޔާ ފެންނަނީ ވަޒީފާއާ ދުރަށްދާން ބޭނުންވެފައި ހުންނަ ނަމަވެސް، ސައިކޯ ކިލާއެއް ހޯދުމުގެ ވަރުގަދަ މައްސަލައަކާ ހަވާލުވާން މަޖުބޫރުވާ ޑީއެސްޕީ އިންބަރާޖްގެ ރޯލުންނެވެ. ބެލުންތެރިން ދިގު އިންތިޒާރެއްކުރި މި ފިލްމު މިއަދު ސިނަމާތަކުގައި ރިލީޒްކުރާނެއެވެ.