އެޕަލްގެ ފުރަތަމަ ޓަޗްސްކްރީން މެކްބުކް ހޯދުމަށް ޕްރީއޯޑަރުކުރި ކަސްޓަމަރުންގެ އަތަށް، މެކްބުކްތައް ލިބެން ފަށައިފިއެވެ.
އޮސްޓްރޭލިއާ އާއި ނިއުޒީލަންޑުގައި އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތަކަށް ޕްރީއޯޑަރު ކުރި ފަރާތްތަކަށް އެ ތަކެތި ފޯރަން ފަށާފައިވާއިރު، އޭގެ ތެރޭގައި ޕްރޯލެޑް ޓަޗްސްކްރީން މެކްބުކް ޕްރޯ، އޯލެޑް އައިޕެޑް މިނީ، އެމް6 މެކްބުކް ޕްރޯ އަދި އެމް6 އައިމެކް ހިމެނެއެވެ.
މި އުފެއްދުންތަކުގެ ފުރަތަމަ ތަޖުރިބާތަކާއި ފޮޓޯތައް ސޯޝަލް މީޑިއާ އާއި މެކްރޫމާސް ފޯރަމް، ރެޑިޓް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި އާންމުން ވަނީ ހިއްސާކުރަން ފަށާފައެވެ.
އެޕަލްގެ އެންމެ މަތީ ފަންތީގެ މެކްބުކް ޕްރޯ މޮޑެލްތަކުގައި ބޭނުންކޮށްފައިވަނީ އެމް5 ޕްރޯ އަދި އެމް5 މެކްސް ޗިޕެވެ. މި މެކްބުކްގެ އެންމެ ބޮޑު ބަދަލަކީ ޓަޗް ސަޕޯޓްކުރާ، އަދި މެކް ސީރީޒްގައި ފުރަތަމަ ފަހަރަށް ހިމެނި އޯލެޑް ޑިސްޕްލޭއެވެ. ކުރީގެ މިނީ-ލެޑް މޮޑެލްތަކަށްވުރެ ތުނި އަދި ލުއިކޮށް ފަރުމާކޮށްފައިވާ މި މޮޑެލްގައި އަލިވާ އެޕަލް ލޯގޯ އަލުން ހިމަނައި، ނޮޗްގެ ބަދަލުގައި ޑައިނަމިކް އައިލެންޑް ވަނީ ތައާރަފުކޮށްފައެވެ. މި މޮޑެލްތަކުގެ 14 އިންޗީގެ އަގު 2,899 ޑޮލަރުން ފެށޭއިރު، 16 އިންޗީގެ އަގު ފެށެނީ 3,399 ޑޮލަރުންނެވެ.
އޯލެޑް ޑިސްޕްލޭއާއެކު ނެރުނު އެންމެ ކުޑަ އަދި އެންމެ އަގުހެޔޮ އައިޕެޑަކީ 8.5 އިންޗީގެ އޯލެޑް އައިޕެޑް މިނީއެވެ. ކުރީގެ މޮޑެލްއަށްވުރެ ގާތްގަނޑަކަށް އެއް މިލީމީޓަރު ތުނި މި އައިޕެޑްގައި ސްޕީކަރު ލޯވަޅުތައް ނުހުންނަ 'އެކޫސްޓިކް ޑިސްޕްލޭ' ބޭނުންކޮށްފައިވުމުން، މިއީ ފެނާއި ދުމުން ރައްކާތެރިކޮށްދޭ IP67 ރޭޓިން ލިބުނު ފުރަތަމަ އައިޕެޑެވެ. އެޕަލްގެ އޭ20 ޕްރޯ ޗިޕް ހިމެނޭ މި އައިޕެޑް މިނީގެ އަގު ފެށެނީ 699 ޑޮލަރާއެވެ.
އެންޓްރީ ލެވަލް 14 އިންޗީގެ މެކްބުކް ޕްރޯ އަދި 24 އިންޗީގެ އައިމެކަށް ގެނެސްފައިވާ ހަމައެކަނި ބަދަލަކީ އެމް6 ޗިޕަށް އަޕްގްރޭޑްކުރުމެވެ. އެމް6 މެކްބުކް ޕްރޯގެ އަގު 1,999 ޑޮލަރުން ފެށޭއިރު، އެމް6 އައިމެކްގެ އަގު ފެށެނީ 1,499 ޑޮލަރާއެވެ.
އެޕަލްގެ ރީޓޭލް ފިހާރަތަކުން މިއަދު މި އުފެއްދުންތައް ގަންނަން ލިބެން ފެށި ފުރަތަމަ ގައުމަކީ އޮސްޓްރޭލިއާއެވެ. ޕްރޯލެޑް މެކްބުކް ޕްރޯގެ އޮންލައިން އޯޑަރުތައް ޝިޕްކުރަން ފަށާނީ ނޮވެމްބަރުގެ ފަހުކޮޅު ނުވަތަ ޑިސެމްބަރު މަހުގެ ކުރީކޮޅު ކަމަށްވާތީ، ފިހާރަތަކުން ލިބެން ހުންނަ އަދަދު މަދުވުން އެކަށީގެންވެއެވެ. ނަމަވެސް އޯލެޑް އައިޕެޑް މިނީ، 14 އިންޗީގެ މެކްބުކް ޕްރޯ އަދި އައިމެކް ފިހާރަތަކުން ފަސޭހައިން ލިބޭނެއެވެ.
އޮސްޓްރޭލިއާ އާއި ނިއުޒީލެންޑަށްފަހު މި އުފެއްދުންތައް ވިއްކުމާއި ހަވާލުކުރުން އޭޝިއާ، މެދުއިރުމަތި، ޔޫރަޕް އަދި އުތުރު އެމެރިކާގައި ކުރިއަށްދާނެއެވެ.