ހިޔާވަހި ފައިނޭންސް ލޯނާ ގުޅިގެން ހުރި ކަންބޮޑުވުންތައް ބަލައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދަޅުވެއްޖެއެވެ.
ރައްޔިތުންގެ އަޑު ޕްރޮގްރާމުގައި މީހަކު ވަނީ، ހިޔާވަހި ފައިނޭންސް ސްކީމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
އޭނާ ބުނީ، ރާއްޖޭތެރޭގެ މީހުންނަށް އެއް މިލިއަން ރުފިޔާ ލިބޭ ސްކީމަށް ކުރިމަތިލައިގެން ލިބުނީ 650،000 ރުފިޔާ ކަމަށެވެ. މިގޮތުން، އެއް މިލިއަން ނުވަތަ އެއަަށް ވުރެ ކުޑަކޮށް ފައިނޭންސް ލިބުނަސް އަމިއްލައަށް ޚަރަދުކޮށްގެން ވެސް ގެ ނިންމާލެވޭނެ ކަމަށް ގަބޫލުކުރި ކަމަށް އެ މީހާ ބުންޏެވެ. އެހެންވެ، އެ ސްކީމަށް ފުރަތަމަ އެޕްލައި ކުރީ ނުވަ ލައްކަ ރުފިޔާއަށެވެ. އެކަމަކު، ލިބޭ މުސާރައާއި ޚަރަދަށް ބެލުމަށް ފަހު، ދެ ފަހަރަށް ލޯނު ކުޑަކުރަން ބޭންކުން އެންގި ކަމަށް އޭނާ ބުންޏެވެ.
އެޕްރޫވްވީ، ބައިބަޔަށް ބަހައިގެން 650،000 ރުފިޔާދޭ ގޮތަށެވެ. އެ ކަން ވެސް ވީ، ހައުސިން މިނިސްޓްރީއާއި އެކި މިނިސްޓްރީތަކަށް ގުޅައި، ސިޓީތައް ހުށަހަޅައިގެން ވަރަށް ދުވަސް ފަހުން ކަމަށް އެ މީހާ ބުންޏެވެ. ގޭގެ ފައުންޑޭޝަނަށް 114،000 ރުފިޔާ ބޭންކުން ދިންއިރު، އެ ފައިސާއިން ފައުންޑޭޝަން އަޅައި، ބައެއް ރާނާލެވުނެވެ.
އެ މީހާ ކިޔައިދިން ގޮތުގައި، ހިޔާވަހި ފައިނޭންސް ސްކީމުގެ ތެރެއިން ދެ ވަނަ ފަހަރަށް ފައިސާ ލިބެނީ ގޭގެ ރަޖިސްޓްރީ ހުށަހެޅުމުންނެވެ. އެކަމަކު، އިމާރާތަކަށް ރަޖިސްޓްރީ ހެއްދެނީ، ގޭ ހިޔާކޮށްފައިވާނަމައެވެ.
"މިހާރު ގެ ވެސް މޯގޭޖުވެފައި އޭނީ. މިސާލަކަށް އަޅުގަނޑު [ގެ] ހިޔާކޮށްފައި، ވަކި ވަރަކަށް ނިމޭއިރު ދެން އަޅުގަނޑު އަތުގައި ހުރި ލޯނު ހުސްވާއިރު ގެ ނުނިމި، އިތުރު ލޯނަކަށް ވެސް ނުދެވޭނެ މޯގޭޖުވެފައި އިނިއްޔާ. އެހެންވީމަ އެ ދަތިކަން ވަރަށް ބޮޑު" އެ މީހާ ކިޔައިދިނެވެ.
މި ކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަކުން މި ފަދަ މައްސަލައެއް އެ މަނިކުފާނުގެ ސަމާލުކަމަށް ނާންނަ ކަމަށާއި މިހާރު ހިޔާވަހި ފައިނޭންސް ލޯނުގެ ކަންކަން ކުރިއަށް ދަނީ އެ މަނިކުފާނު ވިސްނަވާފައި އޮތް ގޮތަކަށް ނޫން ކަމަށެވެ.
ރައްޔިތުންގެ އަޑު ޕްރޮގްރާމުގައި ރައީސް މުއިއްޒު --- ފޮޓޯ/ ރައީސް އޮފީސްއެއް މިލިއަން ރުފިޔާ ކަނޑައަޅާފައި އޮތް ނަމަވެސް، ހަ ލައްކަ ރުފިޔާއިން ގެއެއް ނުނިންމޭނެކަން އެނގިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެ މީހާގެ ފައިނޭންސް ކުޑަކުރީ ކީއްވެތޯ ބަލައި، ލޯނަށް އިތުރުކޮށްދެވެން އޮތް ނަމަ އެ ކަން ކޮށްދިނުމަށް މިނިސްޓްރީގައި އެދިވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެ މައްސަލައަށް ރަނގަޅު ހައްލެއް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ހިޔާވަހި ފައިނޭންސް ސްކީމުގައި ހިމެނެނީ، ރަށްވެހި ފައިނޭންސިން ސްކީމާއި ސަހަރު ފައިނޭންސިން ސްކީމުގެ އިތުރުން ފަހިމާލެ ފައިނޭންސިން ސްކީމެވެ.
އޭގެ ތެރެއިން އަތޮޅުތަކުން ހުށަހަޅާ މީހުންނަށް ރަށްވެހި ފައިނޭންސިން ސްކީމްގެ ދަށުން އެއް މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، އާބަން ސެންޓަތަކުން ސަހަރު ފައިނޭންސިން ސްކީމަށް އެދި ހުށައަޅާ މީހުންނަށް ތިން މިލިއަން ރުފިޔާ ދޭން ނިންމާފައިވެއެވެ. އަދި، މާލެ ސަރަޙައްދަށް ހުޅުވާލި ފުރުޞަތުގައި، ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން ހަ މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާއާ ހަމައަށް ފައިސާ ދިނުމަށް ނިންމިއެވެ.