ހިމަބިހީގެ ކޭސްތައް ރާއްޖޭން ފެނުނަސް، އެ ބަލި ނައްތާލާފައިވާ ގައުމެއްގެ ސްޓޭޓަސްއެއް ނުގެއްލޭ: އެޗްޕީއޭ

ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ޖެހުން: އެޗްޕީއޭއިން ބުނީ، ހިމަބިހީގެ ކޭސްތައް ފެނުނަސް، އެ ބަލި ނައްތާލާފައިވާ ގައުމެއްގެ ސްޓޭޓަސް ނުގެއްލޭ ކަމަށް -- ފޮޓޯ/ އެޗްޕީއޭ

ހިމަބިހީގެ ކޭސްތައް ރާއްޖޭން ފެންނަމުން ދިޔަ ނަމެވެސް، އަދި ވެސް އޮތީ އެ ބަލި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން، ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅީ، ޖޫން 30، 2017ގައެވެ.

ރާއްޖޭގައި އަލުން އެ ބައްޔަށް މީހުން ޕޮޒިވްވާން ފެށީ، މިދިޔަ މެއި މަހުގެ ތެރޭގައެވެ. އޭގެފަހުން، ފުރަތަމަ ހަފުތާތަކުގައި ގިނަ އަދަދެއްގެ މީހުން ހިމަބިއްސަށް ޕޮޒިޓިވްވިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން ހުށަހެޅި އާރްޓީއައިއަކަށް މިދިޔަ ބުދަ ދުވަހު އެޗްޕީއޭއިން ދިން ޖަވާބުގައި ބުނީ، ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ސްޓޭޓަސް ރާއްޖެއަށް މިހާރު ވެސް ގެއްލިފައިނުވާ ކަމަށެވެ.

ހިމަބިހި ޖެހުމުން ގައިގައި ނަގާ ރަތް ބިހިތައް: ހިމަބިހީގެ އަލާމާތްތައް ފެނުމާއެކު ޑޮކްޓަރަކަށް ދެއްކުމަށް ލަފާ ދީފައިވޭ -- ފޮޓޯ/ ހެލްތުލައިން

އެ ސްޓޭޓަސް ގެއްލޭނީ، ވަކި ކްރައިޓީރިއާތަކެއްގެ ދަށުން މޮނިޓާކޮށް، 12 މަސް ވާއިރު ވެސް ހިމަބިހި ފެތުރުން މެދުކެނޑިފައިނުވާ ނަމަ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން އެހެން ބުނިއިރު، ހިމަބިއްސަށް މީހަކު ޕޮޒިޓިވް ނުވާތާ ހަފުތާއެއް ފަހުން، މިދިޔަ މަހުގެ ފަހު ދެވަނަ ހަފުތާގައި ހިމަބިއްސަށް ތިން މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެ މުއްދަތާ ހަމައަށް މި އަހަރު ހިމަބިހި ޖެހުނު މީހުންގެ ޖުމުލަ އަދަދު 290އަށް ވަނީ އަރާފައެވެ.

މީގެއިތުރުން، ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުންނަށް ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށްގެން ވެކްސިން ފުރިހަމަ ކޮށްދޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، މި އަހަރު ފެށުނު ފަހުން، މިދިޔަ މަހުގެ ދެވަނަ ހަފުތާގެ ނިޔަަލަށް ވަނީ 17،256 ހިމަބިހި ވެކްސިން ޖަހައިދީފައެވެ.

މިދިޔަ ސެޕްޓެމްބަރު 27ގައި، ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، ރާއްޖެ އޮންނާނީ، ޑަބްލިޔުއެޗްއޯއިން މީގެ ކުރިން ކަނޑައަޅައިފައިވާ ގޮތަށް ބަލި ކޮންޓްރޯލް ވެފައިވާ ގައުމެއްގެ ގޮތުގައި ކަމަށެވެ.

https://sun.mv/228129

ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ފަރުވާ ހޯދުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ. އަދި ބަލީގެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

comment ކޮމެންޓް