މި އަހަރުގެ މިހާތަނަށް ދައުލަތުން ދަތުރުފަތުރަށް 219.7 މިލިއަން ރުފިޔާ ހޭދަކޮށްފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު އެއާޕޯޓުގައި މި އަހަރުގެ މިހާތަނަށް ދައުލަތުން ދަތުރުފަތުރަށް 219.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

މި އަހަރުގެ މިހާތަނަށް ދައުލަތުން ދަތުރުފަތުރަށް 219.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދައުލަތުން، މި އަހަރުގެ 64 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓުގައި ދަތުރުފަތުރަށް ޚަރަދަކުރުމަށް ކަނޑައެޅީ، 273.6 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ މަހުގެ 29އާ ހަމައަށް ދަތުރުފަތުރަށް ދައުލަތުން ވަނީ، 219.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ، ބަޖެޓު ކުރި އަދަދުގެ 80 އިންސައްތައެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި، ދަތުފަތުރަށް ދައުލަތުން ވަނީ، 226.7 މިލިއަން ހޭދަކޮށްފައެެވެ. އެހެންކަމުން، އެއީ މި އަހަރާ އަޅާބަލާއިރު، ތިން ޕަސެންޓު އިތުރު އަދަދެކެވެ.

މި އަހަރުގެ މިހާތަނަށް ދަތުރުފަތުރަށް ކުރި ޚަރަދު މަދުވި ނަމަވެސް، މިދިޔަ އަހަރުތަކުގައި އެ ކަމަށް ބަޖެޓުން ބޭރުން ބޮޑެތި އަދަދުތަކުން ހޭދަކުރެއެވެ.

ސަރުކާރުން މީގެ ކުރިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ޚަރަދުތައް ރައީސް އޮފީހުން އިސްވެ ހާމަކުރަން ފައްޓާފައެވެ. އެކަމަކު، އެ ތަފުސީލުތައް ހާމަނުކާރާތާ ދުވަސްތަކެއް ވެއްޖެއެވެ.

comment ކޮމެންޓް