އައްޑޫގެ މީދޫގައި ވަކި ކައުންސިލެއް އުފެދުނުތާ އަހަރެއް ފުރުން ފާހަގަކޮށްފި

އައްޑޫގެ މީދޫގައި ވަކި ކައުންސިލެއް އުފެދުނުތާ އަހަރެއް ފުރުން ފާހަގަކުރުން -- ސަން ފޮޓޯ

އައްޑޫ އަތޮޅު މީދޫގެ ލާމަރުކަޒީ ދުވަހުގެ ގޮތުގައި، އެ ރަށުގައި ވަކި ކައުންސިލެއް އުފެއްދިތާ އަހަރެއް ފުރުން އިއްޔެ ފާހަގަކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ދަށުން ހުޅުދުއާއި މީދޫ ވަކިވެ، އަމިއްލަ ކައުންސިލްތައް އުފެއްދުމާ ގުޅޭ ގޮތުން ޚިލާދު ހޯދަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25ގައި ވޯޓެއް ނެގިއެވެ. އެ ވޯޓުގައި ހުޅުދުއާއި މީދޫން ވެސް ވަނީ، ވަކި ކައުންސިލްތައް ބޭނުންވާ ކަމަށް ތަފާތު ބޮޑު ނަތީޖާއަކުން ދައްކުވައިދީފައެވެ.

އެ ވޯޓަށް ފަހު މީދޫގައި ވަކި ކައުންސިލެއް އުފެއްދުން ފާހަގަކުރުމަށް އިއްޔެ ބޭއްވި ހަފުލާގައި، މީދޫގެ ވެރިކަން ކުރައްވާފައިވާ ވެރިންގެ ފޮޓޯ ބެހެއްޓުމުގެ ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންދިޔައެވެ. އެގޮތުން މީދޫ ކައުންސިލުގެ މީޓިން ރޫމުގައި ފޮޓޯތައް ބެހެއްޓުމަށް, ކުރީގެ ކަތީބުންނާއި ކައުންސިލަރުންނަށް ދަޢުވަތު އަރުވާފައިވެއެވެ.

ކުރިން ވެރިކަން ކުރައްވާފައިވާ ބޭފުޅުންނަށް ޝަރަފާއެކު އެ ބޭފުޅެއްގެ ފޮޓޯ ބެހެއްޓުމަށް ފުރުޞަތު އަރުވާފައިވާއިރު ދުނިޔޭގައި ނެތް ބޭފުޅުންނާއި ރަށުގައި ނުއުޅުއްވާ ބޭފުޅުންގެ ފޮޓޯ ބެހެއްޓުމަށް ޢާއިލާގެ ބޭފުޅަކަށް ފުރުޞަތު އެރުވިއެވެ.

މީދޫ ކައުންސިލުން ވަނީ، އެ ރަށުގައި ވަކި ކައުންސިލުން އުފެއްދުމުގެ މުނާސަބާ ކޮންމެ އަހަރަކު ވެސް ފާހަގަކުރުމަށް ނިންމައިފައި -- ސަން ފޮޓޯ

އެ ޙަފުލާގައި ވާހަކަ ދައްކަވަމުން ކައުންސިލުގެ ރައީސް އަޙުމަދު ޝާޠިރު ވިދާޅުވެފައި ވަނީ އެކި ދައުރުތަކުގައި ރަށުގެ ވެރިކަންކުރައްވައި، ރަށަށް އަގުހުރި ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންގެ ފޮޓޯ ރަށު އޮފީހުގެ މީޓިން ރޫމުގައި ބެހެއްޓެވުމަށް ނިންމެވީ ކުރިޔަށް އޮތް ޖީލުތަކަށް އެ މައުލޫމާތު ފޯރުކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ. މީގެ އިތުރުން މި ބޭބޭފުޅުންގެ މައުލޫމާތު ކައުންސިލުގެ ވެބްސައިޓުގައި ހާމަކުރުމުގެ މަސައްކަތް ވެސް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާޠިރު ވިދާޅުވީ މިފަދަ މުހިންމު މައުލޫމާތުތައް އޭގެ އަސްލާ އެއްގޮތައް ޖީލުތަކަކަށް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އައްޑޫ މީދޫގެ ތާރީޚާއި ސަޤާފަތާ ބެހޭ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލާފައި ކަމަށެވެ.

އެ ޙަފްލާގެ ތެރޭގައި މީދޫގެ ރަސްމީ ލަވަ ވެސް ވަނީ އާންމުކޮށްފައެވެ.

ޝާޠިރު ވިދާޅުވި ރަށުގެ ރަސްމީ ލަވައެއް އިފުތިތާހުކޮށްފައިވަނީ، ރަށް ޕްރޮމޯޓު ކުރުމުގެ އެކިއެކި ޙަފުލާތަކުގައި ބޭނުން ކުރާނެ ވަކި ޚާއްސަ ލަވައެއް އޮތުމަކީ މުހިންމު ކަމެއް ކަމުގައި ކައުންސިލަށް
ދެކޭތީ ކަމަށެވެ. މީދުއަށް ޚާއްސަކޮށް ހެދި އެ ލަވަ ކިޔާފައި ވަނީ މީދުއަށް ނިސްބަތްވާ އާމިނަތު ނައުފާއެވެ.

މީދޫގެ ކުރީގެ ބައެއް އިސްވެރިން ހަފުލާގައި ބައިވެރިވެވަޑައިގެންނެވި -- ސަން ފޮޓޯ

އެ ޙަފުލާގައި ބައިވެރިވެ ވަޑައިގެންނެވި ކުރީގެ ވެރިން ވަނީ އެ ބޭފުޅުންގެ ހިތުގެ ޝުޢޫރުފާޅު ކުރައްވާފައެވެ. އެގޮތުން އެ ބޭފުޅުންގެ ޝުޢޫރުގައި، މީދޫގައި ވަކި ކައުންސިލެއް އުފެދި ކުރިޔަށްދާ ދިއުމުގައި ކާމިޔާބު މަސައްކަތްތަކެއް ފެންނާތީ އެކަމާ އުފާ ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލުން ފެންނަނީ އުއްމީދީ މަންޒަރެއް ކަމުގައި ސިފަކުރެއްވިއެވެ.

މީދޫ ކައުންސިލު މެންބަރުން ވަނީ، ކައުންސިލްގެ ރައީސާ ގުޅިގެން ރަށާއި ރަށުގެ ރައްޔިތުންނަށް ފާގަތި، އަމާން، ފަހި މުސްތަޤުބަލެއް ހޯއްދަވައި ދެއްވުމަށް ގުޅިގެން މަސައްކަތް ކުރެއްވުމުގެ ވަރުގަދަ އަޒުމުގައި ތިއްބެވި ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީދޫ ކައުންސިލުން ވަނީ، އެ ރަށުގައި ވަކި ކައުންސިލެއް އުފެއްދުމުގެ މުނާސަބާ ކޮންމެ އަހަރަކު ވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފައެވެ.

comment ކޮމެންޓް