ރާއްޖެއިން އަހަރެމެންގެ ބަލިފައިތައް ދެނެގަންނަން މަސައްކަތްކުރާނެ: އިންޑިއާ ކޯޗު

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ އިންޑިއާ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ނައުޝާދު މޫސާ--

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން މިހާރު އިންޑިއާގެ ބަލިފައިތައް ދެނެގަންނަން މަސައްކަތްކޮށް، ދެކޮޅަށް ކުޅޭނެ ޕްލޭން ރާވާނެ ކަމަށް ސާފް ޗެމްޕިއަންޝިޕު 2026 ގައި ވާދަކުރާ އިންޑިއާ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ނައުޝާދު މޫސާ ބުނެފިއެވެ.

ސަރަހައްދީ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާއިން މި މުބާރާތުގައި ވާދަކުރަނީ ސީނިއާ ބައެއް ކުޅުންތެރިން ނުހިމަނައެވެ. ގްރޫޕް ފިޔަވަހީގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗު 3-2 އިން އިންޑިއާ ކާމިޔާބުކުރި ނަމަވެސް ޕާކިސްތާނުން ފަހަތުންއަރާ ދެ ލަނޑު ޖެހީ މެޗުގެ 90 މިނެޓުވި ފަހުންނެވެ.

މި ގްރޫޕުގައި ދެން ހިމެނެނީ ދިވެހިރާއްޖެއެވެ. ގްރޫޕުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އާދީއްތަ ދުވަހު ޕާކިސްތާނާ ކުޅޭނެއެވެ. އެއަށްފަހު ބުދަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅޭނެއެވެ. އިންޑިއާ އަދި ޕާކިސްތާނަށްވެސް އޮތީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު އެކަންޏެވެ.

ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑުޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ވާހަކައާއެކު ނައުޝާދު ފާހަގަކުރީ ރާއްޖެ ޓީމުން އިންޑިއާގެ ބަލިފައިތައް ދެނެގަންނަން މަސައްކަތްކުރާނެ ވާހަކައެވެ. އެގޮތުން ޕާކިސްތާން މެޗު ބަލައިގެން ރާއްޖެއިން ޕްލޭން ހަދާނެ ކަމަށާއި އެކަމަކު ރާއްޖެ މެޗުގެ ކުރިން އިންޑިއާގެ ސްކޮޑު އެއްކޮށް ފުރިހަމަވާނެ ކަމަށެވެ.

"އިތުރު ކުޅުންތެރިންތައް އިންޑިއާ ޓީމާ ގުޅޭނެ. ޕާކިސްތާން މެޗަށްވުރެ ރާއްޖެ މެޗުގައި އަހަރެމެންނަށް ރަނގަޅު ޓީމެއް އޮންނާނެ" ނައުޝާދު ބުންޏެވެ.

އިންޑިއާއިން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ފެށީ 15 ކުޅުންތެރިންނާއެކު އެވެ. އެއީ ފީފާ ބްރޭކާ ދިމާނުވާތީ ކުލަބުތަކުން އެ ކުޅުންތެރިން ދޫކުރަން ދެކޮޅުހެދުމުންނެވެ. ނަމަވެސް ބުދަ ދުވަހު ކުޅޭ ރާއްޖެ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު