މިދިޔަ މަހު އެމްޕީއެލުން 190،145 ފްރައިޓް ޓަނުގެ މުދާ ކްލިއާ ކުރި، އެންމެ ގިނައީ ބިސް

އެމްޕީއެލް ސަރަހައްދުގައި އޮތް ބޯތަކުން، މުދާ ބާލަނީ--/ ފޮޓޯ، އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިމިދިޔަ މަހު އެކަނިވެސް 190,145.85 ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޕީއެލުން އާންމުކުރި އޮކްޓޫބަރު މަހުގެ ތަފާސްހިސާބުތަކުގައި މުދާ ކްލިއަރެންސް، ކޮންޓެއިނަރު ހޭންޑްލިން، މާލޭ ވިޔަފާރި ބަނދަރަށް އައި އުޅަނދުފަހަރު އަދި އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް ގުޑްސް) އެތެރެކުރެވުނު މިންވަރުގެ ތަފުސީލު ވަނީ ހިމަނާފައެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކްލިއާކޮށްފައި ވަނީ ބިހާއި ފިޔާއެވެ.

މި ހިސާބުތަކުން މާލޭ ވިޔަފާރި ބަނދަރުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފުޅާ ދައުރު ވަރަށް ބޮޑަށް ފެނިގެންދާކަމަށް އެ ކުންފުނިން ބުނެއެވެ.

މާލޭ ވިޔަފާރި ބަނދަރުން މިދިޔަ މަހު ޖުމްލަ 190,145.85 ފްރައިޓް ޓަނުގެ މުދާ ކްލިއާކުރިއިރު، އޭގެ ތެރޭގައި ހިމެނެނީ 5,768 ކޮންޓެއިނަރު ކޮންސައިންމަންޓާއި 1,825 ކޮންވެންޝަނަލް ކޮންސައިންމަންޓެވެ. އަދި އެ މަހުގެ ތެރޭގައި ވިޔަފާރި ބަނދަރަށް ޖުމްލަ 47 އުޅަނދެއް ލަފާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 34 ކޮންވެންޝަނަލް އުޅަނދާއި 13 ކޮންޓެއިނަރު ބޯޓެވެ.

އެ ކުންފުނިން ހާމަކުރި ކޮންޓެއިނަރު ހޭންޑްލިންގެ ތަފާސްހިސާބަށް ބަލާއިރު، ވިޔަފާރި ބަނދަރުން 7,818 ޓީއީޔޫގެ ކޮންޓެއިނަރު ވަނީ އަންލޯޑްކޮށްފައެވެ. އަދި 7,610 ޓީއީޔޫގެ ކޮންޓެއިނަރު ލޯޑްކޮށްފައިވާއިރު، އެ މަހުގެ ޖުމްލަ ކޮންޓެއިނަރު ތްރޫޕުޓަކީ 15,428 ޓީއީޔޫއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ބަނދަރުން ކްލިއާކުރެވުނީ ބިހެވެ. އެގޮތުން 72,561 ޕެކޭޖްގެ ބިސް ކްލިއާކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ކްލިއާކުރި ފިޔާގެ އަދަދު 50,847 ޕެކޭޖަށް އަރައެވެ.

މިދިޔަ މަހު އެންމެ ގިނައިން ކުލިއަކުރި އަސާސީ ކާބޯތަކެތީގެ ބާވަތްތައް:

  • ކަރާ: 37,117 ޕެކޭޖް
  • އަލުވި: 26,263 ޕެކޭޖް
  • ޓޮމާޓޯ: 21,380 ޕެކޭޖް
  • އަލަނާސި: 15,535 ޕެކޭޖް
  • ކެބެޖް: 14,657 ޕެކޭޖް
  • ދޮންކެޔޮ: 12,760 ޕެކޭޖް
  • ބަރަބޯ: 5,913 ޕެކޭޖް
  • ބަށި: 3,150 ޕެކޭޖް

އެމްޕީއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހު އެކަނިވެސް 178،197 ފްރައިޓް ޓަނުގެ މުދާ ކްލިއާ ކޮށްފައިވެއެވެ. ކްލިއާ ކުރި މުދަލުގެ ތެރޭގައި ގިނައީ ބިހާއި ފިޔާއެވެ.

އެމްޕީއެލުން އަންނަނީ ރާއްޖެއަށް އެތެރެކުރާ މުދާ، ޚާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ވީހާވެސް އަވަހަށް ބަނދަރުން ކްލިއާކޮށް ވިޔަފާރިވެރިންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދަމުންނެވެ.

ރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު، ސަރުކާރުގެ އަމާޒަކީ، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު މި ބަނދަރު ރަސްމީކޮށް ހުޅުވައި، ޚިދުމަތްދިނުމެވެ. މިއާއިއެކު އެމްޕީއެލްގެ އޮޕަރޭޝަންތައް އިތުރަށް އަވަސްވެ، ހަރުދަނާ ވެގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް