އެމްއެންޔޫއާ ގުޅިގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބޭއްވި އޯއެސްއެޗް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފި

އެމްއެންޔޫއާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބޭއްވި އޯއެސްއެޗް ކޮންފަރެންސްގެ ތެރެއިން... ފޮޓޯ/ (އޭއީއެޗް)

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާ ގުޅިގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިންތިޒާމުކޮށްގެން ބޭއްވި "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު (އޯއެސްއެޗް) ކޮންފަރެންސް 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ބުދަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސަކީ ރާއްޖޭގެ މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި، މުވައްޒަފުންގެ ޞިއްޙަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން ބޭއްވި މުހިންމު ބައްދަލުވުމެއް ކަމަށް އޭއީއެޗްއިން ބުންޏެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މަހާސިންތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އިސް ވެރިންނާއި، ދާއިރާގެ މާހިރުންނާއި، ޞިއްޙީ ޚިދުމަތްތެރިން އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެމްއެންޔޫއާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބޭއްވި އޯއެސްއެޗް ކޮންފަރެންސްގެ ތެރެއިން... ފޮޓޯ/ (އޭއީއެޗް)

އޭއީއެޗް އިން މައުލޫމާތު ދިން ގޮތުގައި ޖުމްލަ 29 ސްޕީކަރުންނާއި ފެސިލިޓޭޓަރުން އަދި ގާތްގަނޑަކަށް 120 ބައިވެރިންނާއެކު ކުރިއަށްދިޔަ މި ކޮންފަރެންސްގައި، މަސައްކަތުގެ މާޙައުލުގައި ދިމާވާ އެކި ނުރައްކާތަކުން ރައްކާތެރިވުމަށާއި، މަސައްކަތްތެރިންގެ ޞިއްޙީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

މީގެއިތުރުން މި ދާއިރާއިން ހުރި ގޮންޖެހުންތަކާއި ފުރުޞަތުތަކުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވެއެވެ.

މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙަތަކީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ދާއިރާއަކަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޖެނުއަރީ 02، 2024 ގައި "މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙަތުގެ ގާނޫނު" ތަޞްދީގު ކުރައްވާފައެވެ.

މި ކޮންފަރެންސް ވެގެން ދިޔައީ އެ ގައުމީ އިސްނެގުމަށް ބާރުއަޅައި، އެކި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ލިބުނު އަގުހުރި މަންސައަކަށް ކަމަށް އޭއީއެޗްއިން ބުނެއެއެވެ.

އެމްއެންޔޫއާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބޭއްވި އޯއެސްއެޗް ކޮންފަރެންސްގެ ތެރެއިން... ފޮޓޯ/ (އޭއީއެޗް)

މި ކޮންފަރެންސްގެ ޕާޓްނަރެއްގެ ގޮތުގައި އެމްއެންޔޫ ހަރަކާތްތެރިވި އިރު، ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. އަދި ބެވަރޭޖް ޕާޓްނަރަކަށް ތާޒާ ހަމަޖައްސާފައިވާއިރު، ސްޕޮންސަޝިޕް ޕާޓްނަރަކީ އެސްޓީއޯ ހެލްތުކެއާއެވެ.

ކޮންފަރެންސް ނިންމާލަމުން އޭއީއެޗުން ވަނީ އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށް، މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް