ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި 85 އިންސައްތަ ގެއަށް ފެންވަދެ ގެއްލުންވެއްޖެ

ކޮލަމާފުށީގައި ފެންބޮޑުވެފަ.. ފޮޓޯ/ އެންޑީއެމްއޭ

ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވެ، ގެތަކަށާއި މުއައްސަސާތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ކޮލަމާފުށީ ކައުންސިލްގެ ނައިބު ރައީސް ޝަހާމަތު ޙަނީފް "ސަން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު މެންދުރުން ފެށިގެން ވާރޭ ވެހެމުންދާ ކަމަށާއި އަދިވެސް ވާރޭ ހުއްޓާނުލާ ކަމަށެވެ. އަދި މިހާރު މުޅި ރަށުގައި ފެންބޮޑުވެ، ރަށުގެ 85 އިންސައްތަ ގެއަށް ފެންވަދެފައިވާ ކަމަށާއި، އެ ގެތަކުގައި ހިފާ ގެންގުޅޭ ސާމާނަށާއި އިލެކްޓްރޯނިކް ސާމާނުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެންވަނުމުގެ ސަބަބުން ދިރިނޫޅެވޭ ވަރަށް ގެއްލުންވި ގެތަކުގެ މީހުން މިހާރު ވަނީ އާއިލާގެ އެހެން ގެތަކަށް ބަދަލުކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮލަމާފުށީގައި ފެންބޮޑުވެފަ.. ފޮޓޯ/ އެންޑީއެމްއޭ

"ވަރަށް ބޮޑަށް ރަށުގައި ފެންބޮޑުވެފައި އޮތީ. މިއަދު މެންދުރު ވެހެން ފެށި ވާރޭ އަދި ވެސް ހުއްޓާ ނުލާ. މިހާރު 58 އިންސައްތަ ގެތަކަށް ވަނީ ފެންވަދެފައި. އެ ގެތަކުގައި ހިފާ ގެންގުޅޭ ސާމާނާއި އިލެކްޓްރިކް ތަކެއްޗައްވެސް ވަނީ ގެންލުން ލިބިފަ،" ޙަނީފް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ބުނީ، ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެފައިވާއިރު، މުޅި ރަށުން ކަރަންޓު ކެނޑިގެން ވެސް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

ކޮލަމާފުށީގައި ފެންބޮޑުވެފަ.. ފޮޓޯ/ އެންޑީއެމްއޭ

ރަށުގެ ރައްޔިތުންނާއި ކައުންސިލް ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ރަށަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ފެންހިއްކާ ޕަންޕާއި، ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމަށް ބޭނުންވާ ގޯނި ހިފައިގެން ސިފައިންގެ ޓީމެއް ކޮލަމާފުއްޓަށް ދަތުރުކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން މަޢުލޫމާތު ދެއެވެ.

ރާއްޖޭގެ މޫސުން ގޯސްވެ، ކުރިއަށް އޮތް ފަސް ދުވަހު ވެސް ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް