އެއް ޖިންސުން ކައިވެނިކޮށްދިން މައްސަލަ: "އިސްލާމީ ޝަޚްސިއްޔަތު ކިލަނބުކުރާނަމަ ފިޔަވަޅު އަޅަންޖެހޭނެ"

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ފެންމަތިވެފައިވާއިރު އެ މައްސަލައަކީ މިފަދަ ކަންކަން ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ޝަހީމް އެފަދައިން ވިދާޅުވިއިރު ފުލުހުން ވެސް ދަނީ އެ މައްސަލަ ބަލަމުންނެވެ.

https://sun.mv/230125

އެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ރާއްޖޭގެ ޤާނޫނުއަސާސީއާއި ކަމާ ގުޅުން ހުރި އެހެނިހެން ޤާނޫނުތަކާ ޚިލާފަށް މިފަދަ ކަންކަން ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް އެދި މިދިޔަ ބުދަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފުލުހުންގެ ޚިދުމަތުގައި އެދިފައި ވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ދިވެހިރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭނެ ކަމަށް ވިދާޅުވެ ނަސޭހަތްތެރިވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ދީނަކީ އިސްލާމް ދީނަށް ވެފައި، ދީނީ އަދި ޝަރުއީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާއި އާންމު އިޖުތިމާއީ އަދި އަޚުލާގީ މިންގަނޑުތަކާ ޚިލާފު އެފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ވަކިން ޚާއްސަކޮށް ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް އެފަދަ އަމަލުތައް ހިންގިޔަ ނުދިނުމަށް ފުލުހުން އިލްތިމާސްކުރިއެވެ. އަދި އެފަދަ އަމަލު ހިންގާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

comment ކޮމެންޓް