އިންޑިއާ އާއި ޗައިނާގެ ސަރަހައްދީ ރޮނގު ކައިރީގައި 2020 އާއި 2021 ވަނަ އަހަރު ހިނގި އަސްކަރީ ކުރިމަތިލުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް" އަކީ ޗައިނާއާ ދެކޮޅަށް އުފެއްދި ފިލްމެއް ނޫން ކަމަށް އެ ފިލްމުގެ ލީޑް ރޯލް ކުޅޭ ތަރި ސަލްމާން ޚާން ބުނެފިއެވެ.
ފިލްމުގެ ޓްރެއިލާ ނެރުމަށް ބޭއްވި ޚާއްސަ ހަފުލާގައި ވާހަކަދައްކަމުން އޭނާ ވަނީ، ސިޔާސީ ނުފޫޒުތަކާ ހުރެ ފިލްމުގެ ސްކްރިޕްޓް އަލުން ލިޔުނު ކަމަށް ބުނެ ފެތުރުނު ވާހަކަތައް ދޮގުކޮށް، އިންޑިއާގެ ސެންސަރު ބޯޑުން އެއްވެސް މަންޒަރެއް އުނިކުރުމެއް ނެތި ފިލްމު ފާސްކޮށްދީފައިވާކަން ޔަޤީންކޮށްދީފައެވެ. މީގެއިތުރުން، ބެލުންތެރިން ދިގު އިންތިޒާރެއް ކުރަން ޖެހުނު ގޮތަށް ފިލްމު ރިލީޒްކުރުން އެކި ފަހަރު މަތިން ފަސްކުރަން މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތަފުސީލު ވެސް ސަލްމާން ވަނީ ހާމަކޮށްފައެވެ.
މިއީ ވަކި ޝަޚުސިއްޔަތެއްގެ ޙަޔާތުގެ މައްޗަށް ބިނާކޮށް ހެދި ބައޮޕިކެއް ނޫންކަން ފާހަގަކުރަމުން ސަލްމާން ބުނީ، ހަނގުރާމައިގެ މައިދާނުގައި ޖަހާ ކޮންމެ ވަޒަނަކުން އަނިޔާ ލިބެނީ ހަމައެކަނި ސިފައިންގެ މީހާއަށް ނޫން ކަމަށާއި، އޭގެ ހިތާމަ އެންމެ ފުރަތަމަ ވާސިލުވަނީ ކޮންމެވެސް މައެއްގެ ހިތަށް ކަމަށެވެ.
އެހެންކަމުން، އޭނާ ބޭނުންވީ ސިޔާސީ ކަންކަމަށް ޖާގަ ނުދީ ދެ ފަރާތުގެ ސިފައިންގެ ހިތްވަރާއި އެމީހުންގެ އާއިލާތަކުން އުފުލަންޖެހޭ ތަކުލީފުތައް ދައްކުވައިދޭން ކަމަށް ސަލްމާން ބުންޏެވެ. އަދި ފިލްމުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް ބުރޫއަރާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެމުން އޭނާ ބުނީ، އޭނާ ހަނގުރާމައިގެ ފިލްމެއް ހެދުމުން ޗައިނާގެ އަސްކަރިއްޔާއިން އިންޑިއާއަށް ހަމަލާނުދޭނެ ފަދައިން، ޖެކީ ޗޭން ހަދާ ފިލްމަކާ ހެދި އިންޑިއާގެ އަސްކަރިއްޔާއިން ވެސް ޗައިނާއަށް ހަމަލާނުދޭނެ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ޕްރެޝަރާ ހުރެ ވާހަކަ ބަދަލުކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އޭނާ ބުންޏެވެ.
ފިލްމު "މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް"ގެ މަންޒަރެއްގައި ސަލްމާން ޚާން-- ފޮޓޯ/ ބޮލީވުޑްހަންގާމާފިލްމު ސިނަމާތަކަށް ގެނައުމުގައި ދިމާވި އެންމެ ބޮޑު ލަސްވުމަކީ، ވިޝުއަލް އިފެކްޓްސް (ވީއެފްއެކްސް) އެންމެ މަތީ ފެންވަރަކަށް ގެނެސްދިނުމަށް ކުރަން ޖެހުނު ބުރަ މަސައްކަތްތަކެވެ. ބޮޑު ސްކްރީނުން ފިލްމު ބަލާއިރު އެއްވެސް އުނިކަމެއް ފާހަގަނުވާނެހެން، ބެލުންތެރިން ހައިރާންކޮށްލާ ފަދަ ފުރިހަމަ މަންޒަރުތަކެއް ގެނެސްދިނުމަކީ ޕްރޮޑަކްޝަން ޓީމުގެ އެންމެ ބޮޑު އަމާޒު ކަމަށް ސަލްމާން ފާހަގަކުރިއެވެ.
މީގެއިތުރުން، ފިލްމުގެ ޝޫޓިން ފަންސާހަކަށް ދުވަހުގެ ތެރޭގައި ނިންމާލަން ރޭވި ނަމަވެސް، ލީޑް ބަތަލާ ޗިތުރަންގަދާ ސިންގްއަށް ލިބުނު އަނިޔާއަކާ ގުޅިގެން ފިޒިއޮތެރަޕީއަށް ގިނަ ދުވަސްތަކެއް ހޭދަވުމަކީ ވެސް މަސައްކަތް މެދުކަނޑާލަން ޖެހުނު ސަބަބެކެވެ. މީގެ ކުރިން ޖެނުއަރީ، ޖޫން، އޯގަސްޓް އަދި ނޮވެމްބަރު މަހަށް ތާވަލުކުރުމަށްފަހު ފަސްކުރަން ޖެހުމުން، ބެލުންތެރިންގެ ޝައުޤުވެރިކަން ގެއްލިދާނެތީ އެކަމާ ކަންބޮޑުވި ކަމަށްވެސް އޭނާ ހާމަކުރިއެވެ.
ސެންސަރު ބޯޑާ މައްސަލަތަކެއް ޖެހިގެން އުޅޭ ކަމަށް ދެކެވުނު އަޑުތައް ދޮގުކުރަމުން ސަލްމާން ބުނީ، މިއީ އެއްވެސް މަންޒަރެއް ނުވަތަ ޑައިލޮގެއް ކަނޑައިނެގުމަކާ ނުލައި ފާސްކުރެވުނު ފުރިހަމަ އުފެއްދުމެއް ކަމަށާއި، އެކަމަށްޓަކައި ކަމާބެހޭ ވުޒާރާތަކަށާއި ސެންސަރު ބޯޑަށް ޝުކުރު ޙައްޤު ކަމަށެވެ. ފުރަތަމަ "ބެޓްލް އޮފް ގަލްވާން ވެލީ"ގެ ނަމުގައި މަޝްހޫރުވި މި ފިލްމުގެ ނަން "މާތުރޫބޫމީ"އަށް ބަދަލުކުރެވުނީ ފިލްމުގެ ހިމެނޭ ލަވައެއްގެ ތެރެއިން ކަމަށްވެސް އޭނާ ކިޔައިދިނެވެ. އަދި ފިލްމު ދިގުލައިގެން ދިއުމުގެ ސަބަބުން ޕްރޮޑަކްޝަން ބަޖެޓު އިންތިހާއަށް ބޮޑުވެގެން ދިޔަ ނަމަވެސް، އޭނާއަށް އެންމެ މުހިންމީ ބެލުންތެރިންގެ ހިތްހަމަޖެހުން ކަމަށާއި، ބަޖެޓަށް ދިޔަ ޚަރަދަކީ އަމިއްލަ ޖީބުން ދިޔަ އެއްޗަކަށް ވާތީ އެކަމާ އެހެން ފަރާތްތަކުން ވިސްނަން ނުޖެހޭނެ ކަމަށް ބުނެ ސަލްމާން ވަނީ ފާޑުކިޔުންތަކަށް ރައްދުދީފައެވެ.
އަޕޫރްވާ ލަކިއާ ޑައިރެކްޓްކޮށް، ސަލްމާން ޚާން ފިލްމްސްއިން ގެނެސްދޭ މި ހަނގުރާމައިގެ ފިލްމު ސިނަމާތަކުގައި އެޅުވުމަށް މިހާރު ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ.