ނިމުނު 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ފަރެސްމާތޮޑާއަށް ކަމަށާއި އެ ރަށަށް 104.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މެޓް އޮފީހުން ވަނީ އިއްޔެގެ ހެނދުނު 8:00 އިން ފެށިގެން މިއަދުގެ ހެނދުނު 8:00 އަށް ވާރޭ ރެކޯޑުކުރެވިފައިވާ މިންވަރު އާންމުކޮށްފައެވެ.
އެ ތަފާސްހިސާބުން ދައްކާގޮތުން، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑައަށެވެ. އެ ރަށަށް 104.6 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ނ. މާފަރަށެވެ. މާފަރަށް 78.6 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އއ. ތޮއްޑުއަށެވެ. އެގޮތުން ތޮއްޑުއަށް 65.6 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
މީގެ އިތުރުން ކާޑެއްދުއަށް 63 މިލިލީޓަރުގެ ވާރޭ ވެހިފައި ވާއިރު ބ. ތުޅާދުއަށް ވަނީ 53.8 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ވާރޭގެ ރެކޯޑު -- ފޮޓޯ: މެޓް މެޓް އޮފީހުން ވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުން އަންނަ ކަމަށް ބުނެފައެވެ. އެހެންކަމުން މިއަދުން ފެށިގެން މި މަހުގެ 11ވާ އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބައެއް ރަށްތަކަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމުގެ ހާދިސާތައް ކުރިމަތިވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި އެންމެ ފަހުގެ މޫސުމީ މައުލޫމާތުތަކަށް ސަމާލުވުމަށާއި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސްކޮށްފައެވެ.